ބާބު ފަހެއް: މާޒީ
ރަށަށް އައުމަށް ފަހު އެންމެ ބޮޑަށް އިންތިޒާރު ކުރެވުނު ދުވަސް މިއޮތީ އައިސްފައެވެ. ފަތިހު މަހަށް ދާ ވާހަކަ ކާފަ ބުނީއްސުރެން އަހަރެން މިހުރީ ކެތް މަދުވެފައެވެ. ތަންކޮޅެއް އަވަހަށް ނިދަން ވަނީ އަވަހަށް ހޭލަން ޖެހޭތީއެވެ. ލަހުން ނިދައިފިނަމަ ނުހޭލެވި ދާނެ ކަމުގެ ބިރާއި، އަވަހަށް ނިދައިފި ނަމަ ނިދި ގަދަވެ ނުހޭލެވި ދާނެ ކަމުގެ ބިރު ހިތުތެރޭ އެނބުރެމުން ދިޔައެވެ. އެވަރަށް ވެސް މަހަށް ދާ ހިތުން އަހަރެން ހުރީ ކެތް މަދުވެފައެވެ.
އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ އަހަރެން އޮތީ މާދަމާގެ އެ އުފާވެރި ވަގުތުކޮޅާއި މެދު ވިސްނާލަ ވިސްނާލައެވެ. އެތައް އިރެއް ވަންދެއް ލޯ މަރައިގެން އޮވެއޮވެ ވެސް އަހަރެންގެ ދެލޮލަކަށް ނިންޖެއް ނައެެވެ. އެންމެ ފަހުން އަހަރެން ތެދުވެ އެ ވަގުތު ކުރަން ކޮންމެވެސް ބޭކާރު މަސައްކަތެއް ހޯދަން ފެށީމެވެ. ކުރާނެ ކަމަކަށް ވިސްނާލުމަށް ފަހު ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ދަބަހުން ކުރަހާ ފޮތް ނެގުމަށް މަސައްކަތް ކުރީމެވެ. ކުރަހާ ފޮތޭ ބުނި ނަމަވެސް އެއީ ހަމަ އާދައިގެ ކުޑަ ފޮތެކެވެ. އަހަރެން ފޫހިވީމަ ކުރަހަން ގެންގުޅެނީ އެ ފޮތެވެ. ބޮކި ނުދިއްލާ ފޮތާއި ފަންސޫރައެއް ހިފައިގެން އައިސް އެނދުމަތީގައި ޖައްސާލީމެވެ. އެދުގައި އިށީދެލުމަށް ފަހު ބޮކި ދިއްލާލީމެވެ. އަހަންނަށް މި ގެނެވުނީ އަހަރެންގެ ކުރަހާ ފޮތެއް ނޫނެވެ. ޒާރާ އަތުން ވަގަށް ނަގައިގެން މިއުޅޭ ފޮތެވެ. އެނދުން ތެދުވަން މަސައްކަތަށް އެފޮތުގައި މިފަހަރު ކުރަހާލާނީއޭ ހިތާ ހުޅުވާލީމެވެ. އަހަރެން މީ ވަގެކޭ ބުނެވޭނެހެއްޔެވެ. މި ފޮތަކީ އަހަރެން ވަގަށް ނެގި ފޮޮތެކޭ ހަގީގަތުގައި ނުބުނެވޭނެއެވެ. މި ފޮތް ޒާރާ އަހަންނާއި ދިމާލަށް އެއްލީއެވެ. މީހުން އުކާނީ ބޭނުން ނެތް އެއްޗެހި ނޫން ހެއްޔެވެ؟. އަހަރެން މި ފޮތް ޒާރާ އަށް ނުދޭން މިއުޅެނީ މީ މާ ރީތި ފޮތަކަށް ވީތީއެއް ނޫނެވެ. ޒާރާގެ އެހުންނަ ފޮނި ސިފައިގެ ސަބަބުން ދޭ ހިތް ނުވަނީއެވެ.
ފޮތް ހުޅުވާލި އިރު އެންމެ ފުރަތަމަ ސަފުހާއިންވެސް ޒާރާގެ ފޮނިކަން އެނގެއެވެ. "މި ފޮތަކީ މި ރަށުގެ އެންމެ ރީތި އަންހެން ކުއްޖާގެ ފޮތެއް!ެ ހުއްދަ ނެތި މި ފޮތް ކިޔުމަކީ މަނާ ކަމެއް" އަހަރެން ވީ ފޫއްސެއް ބުނަން ވެސް ނޭނގުނެވެ. ޒާރާ އަށް ވުރެން މާ ރީތި ބައިވަރު ކުދިން މި ރަށުގައި އެބައުޅެއެވެ. އަމިއްލަ އަށް ސިފައަށް ފަހުރުވެރި ވިޔަސް އެއީ ބޮޑުވަރުތާއެވެ. ފޮތުގެ މެދާ ހަމައަށް ޖެހެން ދެން ވެސް ހުރީ ހުސް ލޯބީގެ އެކި އެކި ޅެން ތަކެވެ. އަހަންނަކީ ކިޔުންތެރިއެއް ނަމަ އެ ހުރިހާ ޅެމެއް ވެސް ކިޔާނަމެވެ. އެހެން ނަމަވެސް އަހަންނަކީ ކިޔަން ޖެހޭ ފޮތްތައްވެސް ނުކިޔާ އުޅޭ މީހެކެވެ.
އެރޭ އެއްކޮށް އެކަހަލަ ބޭކާރު ކަމެއްގައި އުޅުނީ ނުނިދައެވެ. ފަތިހު ކާފައާއި އެކު މިސްކިތުުން ފޭބި ގޮތަށް މަހަށް ފުރީމެވެ. އެއީ އަހަންނަށް ދުވަހަކުވެސް އިހުސާސް ކުރެވުނު ފަދަ އިހުސާސްއެއް ނޫނެވެ. އެއްވެސް ހަލަބޮލި ކަމުގެ އަޑެއް ނީވެއެވެ. ރާޅުގެ މަޑު މިއުޒިކްގެ އަޑު ނޫން އިތުރު އެއްވެސް އަޑެއް ނީވެއެވެ. އެ މިއުޒިކަށް އިތުރަށް ފުރިހަމަ ކަމެއް ގެނެސް ދެނީ ފަރުމަތިން އެ ގޮވާ ދޫނި ތަކެވެ. އެ ތާޒާ ވައިރޯޅިތަކުން ދުވަހަކު ނުލިބޭ ވަރަށް ހިތަށް ހަމަޖެހުން ލިބުނެވެ. މާ ގިނަ އިރުތަކެއް ނުވެ މުޅި މޫދުގެ ކުލަ ބަދަލުވިއެވެ. ހީވަނީ ރަނުން ޖަރީކޮށްފައިވާ ހެނެވެ. އިރު އަރައިގެން އައި އިރު މޫދަށް އެޅިފައިވާ ދޯދި ތަކުގެ ފުރިހަމަ ކަން ބަޔާން ކޮށްދެން ވެސް ނޭގެއެވެ. ކާފަގެ އެހީއާއި އެކު ހަޔާތުގައި ވެސް އަލަށް މަސްބޭނުނުމުގެ އެ އުފާވެރި އިހުސާސް އަހަންނަށް ކުރެވިއްޖެއެެވެ. މާ ގިނަ އިރުުތަކެއް މަސްބާނަން ނުހުރެވުނެވެ. ކާފަ މަސައްކަތަކު ދާން ޖެހޭތީ ތަންކޮޅެއް އަވަހަށް އަންނަން ޖެހުނެވެ. އަހަރެން ހުރީ އޭރު އެހާ އަންނަ ހިތަކުންވެސް ނޫނެވެ. އެހެން ނަމަވެސް އަނަްނަން މަޖުބޫރުވީއެވެ.
"ދަރިފުޅުމެން މަސްކޮޅުު ހިފައިން ގެއަށް ދޭ... ކާފަ ދާނަން އޮޑި ދޮވެލާފަ" ކާފަ ބުންޏެވެ.
އަހަންނާއި ދޮންބެއާއި ގެއަށް ދިޔަ އިރު ގޭގެ ބޭރު ޖޯލީގައި ކަޅު ކުލައިގެ ދަބަހެއް ހުއްޓެވެ. މަސްކޮޅު ބަނދިގޭގައި ތެއްޔަކަށް ލުމަށް ފަހު ފައި ދޮވެލައިގެން އަހަރެން ގެއަށް ވަނީމެވެ. ލޮލަށް ފެނުނީ ދުވަހަކުވެސް ފެންނަން ބޭނުންވި މައްޒަރެއް ނޫނެވެ. ފެންޑާގައި ހުރި ގޮނޑީގައި އިށީދެލައިގެން އިނީ އަހަރެންގެ ބައްޕައެވެ. އެވަގުތު އައި ރުޅިން އަހަންނަށް ނޭވާލާން ވެސް އުދަގުވިއެވެ.
"މަންމާ....މަންމާ! މީނަ ކީއްކުރަނީ މިގޭގަ" އަހަރެން މަންމަ އަށް ގޮވީ ރުޅިއައިސް ރަތްވެ ހުރެއެވެ.
އަހަރެން ހަޅޭކުގެ އަޑަށް މަންމަ އާއި މާމަ ކޮޓަރިން ނިކުމެގެން އައެވެ.
މަންމަ ބައްޕަ ފެނުނީމަ ހައިރާނެއް ނުވެއެވެ. އެހެންވީމަ މަންމަ އާއި ބައްޕަ މިހާރު އެހުރީ ދައްްކާނެ ވާހަކައެއް ދައްކާ ނިންމައިގެން ކަން އަހަންނަށް ޔަގީން ވިއެވެ.
"ދަރިފުޅާ.. ލައިސަމް.. ހަމަޖެހިބަ.. އެއީ ދަރިފުޅުގެ ބައްޕަ.. ދަރިފުޅު ޖެހޭނެ ބައްޕައަށް އިހުތި.."
"އިހުތިރާމޭ؟ އަހަރެން ނުޖެހޭނެ ބައްޕައަށް އިހުތިރާމް ކުރާކަށް... އަހަރެމެން މިތަނަށް މިއައީ މިހިރަ މީހާ އެއީ އަހަރެމެން ދިރިއުޅުމުގައި ނެތް މީހެއްގެ ގޮތަށް ކަނޑައަޅައިގެންނެއް ނޫންތަ މަންމާ! އެއީ އަހަންނާއި މަންމަ އާގެ ނިންމުމެއް ނޫނޭ... އެއީ މީނި އާދަމް ލަތީފް ގެ ނިންމުމޭ" އަހަރެން އަހަރެންގެ ޖަޒުބާތުތައް ކިޔަން ފެށީމެވެ.
އެވަގުތު ބައްޕަ ގޮޑިން ތެދުވެގެން އައިސް އަހަރެންގެ މޫނު މަތީގައި ޖެހިއެވެ. ބައްޕަ އަހަންނަށް އަނިޔާކޮށް އެވަރަށް އެއްޗެހިން ގޮވާ އިރުގައިވެސް ކުރިން ވެސް މިހާރުވެސް މަންމަ އެހުރީ އެއްކަމެއް ވެސް ކޮށްނުލާ އެ މަންޒަރު ބަލާށެވެ. ބައްޕަ އެވަރަށް އަނިޔާ އަހަންނަށް ކުރާއިރުވެސް މީގެ ކުރިން އަހަންނަށް އަހަރެންގެ ދިފާއުގައި ކަމެއް ކުރާކަށް ނުކެރެއެވެ. އެހެން ނަމަވެސް އެދުވަހު އަހަންނަށް އެހިތްވަރު ލިބުނު ގޮތެއްވެސް އަހަންނަކަށް ނޭގެއެވެ.
އަހަރެން ގައިގަ ހުރިނަމަ ހުރި ބާރެއް ލާފަ ބައްޕަ ކޮށްޕާލުމަށް ފަހު ގޮސް ކޮޓަރިއަށް ވަނީމެވެ.
ކޮޓަރިއަށް ވަދެ ދޮރު ތަޅު ލުމަށް ފަހު އެނދުކައިރީގައި އިށީނީމެވެ. އޭރު އަހަރެންގެ ހަށިގަނޑު ދިޔައީ ތުރުތުރުލަމުންނެވެ. ރުޅި އައުމަށް ވުރެން ވެސް މަންމަގެ ހިޔާލު ބަދަލުވެފައިވާ ކަމުގެ އިހުސާސް އަހަންނަށް ކުރެވޭތީއެވެ. އެ އަނިޔާވެރި ދިރިއުޅުމަށް އެނބުރި ދިޔުމުގެ ވިސްނުން މަންމަގެ ސިކުނޑިއަށް އަނެއްކާވެސް ވަދެފައިވާ އިހުސާސް ކުރެވުމުންނެވެ. އެކަހަލަ އަނިޔާވެރިންނަށް ހިތްވަރު ލިބެނީ މަންމަ މެން ކަހަލަ މީހުންގެ ސަބަބުންނެވެ.
އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ހެދިހާ ގޮތަކަށް ފުދިގެން ކެތްކޮށްގެން، ދަރިންގެ ހައްގުގައޭ ބުނެ ދަރިންގެ ދިރިއުޅުން ވިއްސި ވިހާލި ކޮށްލަނީ މަންމަމެން ކަހަލަ އަންހެނުންނެވެ. މިއީ އަބަދުވެސް މިކަން ހިނގާގޮތެވެ. ކެތް ނުކުރާނެ ކަމަށް ބުނެ ވެސް ފަހު ވަގުތު ކެތް ކުރަން މަންމަ ނިންމަނީ އަހަންނަށް ޓަކައޭ ބުނެއެވެ. މިކަމުން އަހަންނަށް ލިބޭ އުފަލަކީ، ހިތްހަމަޖެހުމަކީ ކޮބާ ހެއްޔެވެ؟ އަހަންނަށް މިކަމުން ލިބެނީ ހިތްދަތި ކަމެވެ. ވޭނެވެ. މަންމަ ރޯ ރުއިމާއި ލަވާ ހަޅޭކުގެ އަޑު ކަންފަތުން ކެނޑޭ އެންމެ ވަގުތު ކޮޅެއް ވެސް އެބުނާ އަހަރެންގެ އުފަލަށްޓަކައި އުޅޭ ދިިރިއުޅުމުން ނާދެއެވެ. މަންމަ މަރާލިޔަސް ހެޔޮ ކަމަށް އަހަންނަށްޓަކައި އަހަރެންގެ އުފަލަށްޓަކައި މިއޮށްހާ ދުވަހު އުޅުނީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއްގެ ކައިރީއެވެ. އެތައް ދުވަހެއް ވަންދެން އަހަރެން ކުރި އުންމީދު ހާސިލްވެ އެ އަނިޔާވެރިކަން ދޫކޮށްލާ އަހަރެމެން މިއަދު މިތަނަށް އައީ އަހަރެންގެ ވަރަށް އާދޭހަށް ފަހުއެވެ.
އެހެން ނަމަވެސް އެ އާދޭހުގެ އަޑު މިއަދު އެހުރީ މަންމަގެ ކަންފަތުން ކެނޑިފައެވެ. މިއަދު އެ މަންމަގެ ކަންފަތަށް އިވެމުން އެދަނީ އެ ބައްޕަގެ އާދޭހުގެ އަޑެވެ. ބަދަލުވާނެ ކަމަށް ބުނެ މަންމަ ރުއްސާ ރުއްސުމަށް މަންމަ އެހުރީ ރުހިފައެވެ.
ހިނދުކޮޅެއްގެ އުފަލަށް ފަހު އަނެއްކާވެސް ދިރިއުޅުމާ ކުރިމަތި މި ކުރުވީ ކޮންފަދަ ކަޅު ވިލާގަނޑެއް ބާއެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް،06 ޖެނުއަރީ، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް