ވަކިވުމުގެ ކުރިން: ދެވަނަބައި

ކުރީގެ އަދަދާއި ގުޅޭ.... ބާބު ތިނެއް - ޒާރާ "ޒާރާ! މޫދަށް އެރިގެން ދޯ ތިއައީ... ކިތައް ފަހަރު ބުނާނީ ތި ސަކަރާތާ މަޖަލުގަ ނޫޅެ ފޮތެއް އެއްޗެއް ކިޔާލާށޭ...ތި ނޫން ކަމެއް ނޯވޭ ޒާރާ އަކަށް... ބައްޕަ އައީ...

30 Dec 2024 | 07:14

ކުރީގެ އަދަދާއި ގުޅޭ....

ބާބު ތިނެއް - ޒާރާ

"ޒާރާ! މޫދަށް އެރިގެން ދޯ ތިއައީ... ކިތައް ފަހަރު ބުނާނީ ތި ސަކަރާތާ މަޖަލުގަ ނޫޅެ ފޮތެއް އެއްޗެއް ކިޔާލާށޭ...ތި ނޫން ކަމެއް ނޯވޭ ޒާރާ އަކަށް... ބައްޕަ އައީމަ މިއަދު ބުނާނަން" އާދައިގެ މަތިން މިއަދުވެސް އަހަރެން ގެއަށް ވަނުމާއެކު މަންމަ ހާސަރުތައް ދަމަން ފެށިއެވެ. އަހަރެން އެންމެ ބަހެއް ވެސް ނުބުނެ ވަނީ ކޮޓަރިއަށެވެ. ފެންވަރައިގެން ނިކުތް އިރު އިރުއޮއްސި ބަންގި ގޮވައިފިއެވެ. ނަމާދު ކޮށްގެން އެނދުމަތީގައި ޖައްސާލީ، އަހަރެން ގެންގުޅޭ ކުޑަ ރޭޑިއޯ ސްޕީކަރ އޮން ކޮށްލުމަށް ފަހުއެވެ. އެނދުމަތީގައި ޖައްސާލެވުނު ކަމެވެ. މަންމަ އަހަންނަށް ގޮވަން ފެށިއެވެ. ބައެއް ފަހަރަށް އެއީ މަންމަ ގަސްދުގައި ކުރާ ކަމެއްހެންވެސް ހީވެއެވެ. މަންމައަށް އަހަރެން އަރާމުކޮށްލަން ޖައްސާލާކަން ކޮންމެވެސް ގޮތަކުން އިނގެނީބާއޭ ހިތަށް އަރައެވެ. "އޯތް މަންމާ" ކޮޓަރި ދޮރު ހުޅުވާލުމަށް ފަހު އަހަރެން ބުނީމެވެ.

"އަން... ދޭބަލަ މި ބޯތައްޓަށް ހައްޖަ ގޯތިން ގަރުދިޔަ ފޮދެއް އަޅައިގެން އަންނަން... ހައްޖަ މިހާރު ދެފަހަރަށް ގުޅައިފި.. ބައްޕަ ކާން އަންނަން އުޅޭނީ މިހާރު" މަންމަ ބުންޏެވެ.

އަހަރެން ބުރުގާ އެޅުމަށް ފަހު އެގެއަށް ދިޔުމަށް ނިކުތީމެވެ. އޭރު މުޅި މަގުމަތީގައި ވެސް ދުވަނީ މަސްކައްކާ މީރު ވަހެވެ. ދެތިން ފިޔަވަޅެއް އަޅާކަށް ނުޖެހެއެވެ. ހައްޖައްތަ މެން ގެއަށް ދެވުނެވެ.

އޭރު ބޮޑު ހޮޅިބުރި ދިލައިގެން ހައްޖަތައާއި ދެމަފިރިން އުޅެނީ މަސްކެއްކުމާއިގެން އަވަދި ނެތިއެވެ.

" ކަނބުލޮ ތިއައީ ދޯ... ގެނޭ ތި" ހައްޖައްތަ އަހަރެންގެ އަތުގައި އޮތް ތައްޓަށް އިޝާރާތްކޮށްލިއެވެ.

ކެކެމުން ދިޔަ ބޮޑު ގަރުދިޔަ ތެލިން ރިހާކުރަށް ވާން ކައިރިވެފައިވާ ރަތް ގަރުދިޔަ ފޮދެއް އެޅުމަށް ފަހު އަހަރެންގެ އަތަށް ދިއްކޮށްލިއެވެ.

"ކަމަނާ މަޑުކޮށްލާތި... މިތާ އިހަށް އިށީދެލާ" ހައްޖައްތަ އެހެން ބުނުމަށް ފަހު ވަނީ އެގޭ ބަދިގެ ތެރެއަށެވެ. އަހަންނާއި ހައްޖައްތަގެ ފިރިމީހާ އާދަނުބޭ ތިބީ އޮލަ ވާހަކައިގައެވެ. ހައްޖައްތަމެންނަކީ އަހަރެމެންގެ ދެވަނަ މަންމައެވެ. ކުޑަ އިރުން ފެށިގެންވެސް އަހަރެމެންނަށް އެންމެ އެހީ ވަމުން އައި މީހުންނެވެ. އަހަރެމެން ދެ ގެއެއްގައި އުޅުނު ނަމަވެސް ދެބައިމީހުން ވެސް ކައި ބޮއެ ހަދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ދީގެންނެވެ.

"ކާފާ ކޮބާ މަންމަ..." އަހަންނަށް ފަހަތް ބަލާލެވުނީ ގޯތި ތެރެއިން މީހަކު އާދަނުބޭއަށް ގޮވާލުމުންނެވެ.

"މަންމަވީ މިތާ ކައިރި ފިހާރައަކަށް ގޮސް.. ދަރިފުޅު އާދެބަލަ" އާދަނުބޭ އެ ފިރިހެން ކުއްޖާއަށް ގޮވާލިއެވެ.

އަހަރެންގެ ހިތުގެ ހިނގުން ދިޔައީ އަވަސް ވަމުންނެވެ. އާދަނުބޭ އަހަންނަކީ ކާކު ކަން ލައިސަމްއަށް ކިޔައިދިނެވެ. ލައިސަމް.. އެ ނުލަފާ ކުއްޖާއަށް ކިޔަނީ ލައިސަމް. އާދަނުބޭ އަހަރެންގެ ރަގަނޅު ވާހަކަތައް ކިޔާ އަހަންނަށް އެވަރަށް ތައުރީފު ކުރަމުން ދިޔަ އިރުވެސް ލައިސަމް އެހުރީ ކިބުރުވެރިކަން މަތީ ހިނިތުންވެސް ނުވެލައެވެ. މާލެ މީހުންގެ ފޮނި ކަމުގެ ވާހަކަ އަބަދުވެސް އަޑު އިވެއެވެ. މިއަދު އެކަން ހަމަ ލޮލަށް މި ފެންނަނީއޭ ހިތަށްއެރިއެވެ.

ހައްޖައްތަ ނިކުމެ އަހަރެން އަތަށް މަންމަ އަށް ދޭށޭ ބުނެ ވަޅޯ މަސް ކޮތަޅެއް ހަވާލު ކުރިއެވެ.

ޝުކުރު އަދާ ކުރުމަށް ފަހު އަހަރެން ބެލީ އަވަހަށް އެތަނުން ނިކުމެވޭތޯއެވެ. މަސްކައްކަން ޖަހާފައި ހުރި ހުޅުގަނޑަށް ވުރެން ލައިސަމްގެ ހިތުގައި އަހަންނާއި މެދު އަދަމުން ދިޔަ ހުޅުގަނޑު ބޮޑުހެން ހީވެއެވެ.

މީހަކު ސަމާސާއެއް ކޮށްލި ކަމަށްޓަކައި އެހާ ވަރު ވާން ހެޔޮ ވާނެ ހެއްޔެވެ. ހިތުގައި ހިނގަމުން ދިޔައީ އެކި ކަހަލަ އިހުސާސް ތަކެވެ. ހަމަ އަސްލަށްވެސް ލައިސަމް އަކީ އެހާ ކިބުރުވެރި ނުބައި މީހެއް ބާއޭ ހިތަށް އެރިއެވެ. ފަހަރުގައި އެއީ ލައިސަމްގެ މިޖާޒު ކަމަށް ވެދާނެއެވެ. ދުނިޔޭގައި އުޅެނީ އެކި މިޖާޒުގެ މީހުންތާއެވެ.

ބާބު ހަތަރެއް: ފުރަތަމަ ދުވަސް

ކޮންމެ ކަމެއްވެސް ފަށައި ގަންނަ އިރު ހިތް ހާދަ ނުތަނަވަސް ވެއެވެ. ހާއްސަކޮށް އައު މާހައުލެއްގައި ނުދަންނަ ބީރައްޓެހި ބައެއްގެ ތެރެއަށް، އައު ސަގާފަތާއި އާދަކާދައިގެ ތެރެއަށް ވަނުމަކީ ވަރަށް ވެސް ބިރުވެރި ކަމެކެވެ. އެމީހުންގެ ސަގާފަތާއި އާދަކާދަތައް އަހަންނަށް ކަމުނުދާ ކަންކަން ހުންނަ ފަދައިން އަހަރެންގެ ކިބައިން އެމީހުންވެސް ނުރަގަނޅު އެތައް ކަމެއް ފާހަގަކުރާނެއެވެ. ޙާއްސަކޮށް އަހަންނަކީ މާލެ މީހެކޭ ބުނީމަ ގިނަ ބަޔަކު ދެކޭނީ އަހަންނަކީ ވަރަށް ހިތްމޮޅު ފޮނި މީހެއްގެ ގޮތުގައެވެ.

ހުރިހާ ހިޔާލާ ފިކުރާ އަހަރެންގެ ހިތުތެރޭގައި ހަނގުރާމަ ކުރަމުން ދިޔައެވެ. ސުކޫލުގެ ގޯތިތެރެއަށް ވަދެ ދެ ފަރާތުގައިވާ ކުލާސް ރޫމުތަކަށް ބަލަމުން ދިޔައީމެވެ. "ލައިސަމް!" އަހަރެން ނުވަސް ދަންނަ މީހަކު އަހަންނަށް ގޮވާލިއެވެ.

"ހަސީނައްތަގެ ލައިސަމް ދޯތި؟ މަންމަ ބުނި ލައިސަމްއަށް ބަލައްޗޭ.. މަންމަގެ ވަރަށް ގާތް މީހެކޯ އެއީ.."

"އެހެންތަ... ކްލާސް ނުފެނިގެން މި...." އަހަރެން ބަސް ފުރިހަމަވެސް ނުކުރެވެއެވެ. އަހަންނަށް ވާހަކަދައްކަން ފުރުސަތު ނުދީ އަނެއްކާވެސް އެ ނުދަންނަ ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

"ރޭގަ ހަސީނައްތަ އައި އަހަރެމެން ގެއަށް.. ލައިސަމްވެސް ދާން ވާނެ.. އޭރަށްށޭނުން ރައްޓެހިވެވޭނީ.. މިއަދު ދާން ވާނެ އަހަރެމެންނާއި އެކީ ކުޅެން ދޯ"

އަހަރެން ބީރައްޓެހިކޮށް ހުރެ ބޮލުން އާއެކޭ ބުނެލީމެވެ.

"އާދެ އަހަރެން ފަހަތުން... ލައިސަމް ވާނެ ރާއްޖެ ތެރޭ ދިރިއުޅުމަށް ފިޓުވާން ދޯ.. އަހަރެން ލައިސަމް ހާނުވާލަން ހާސްނުވާތި.. "އަނގަ ހުއްޓައިނުލާ ވާހަކަ ދައްކަމުން އެކުއްޖާ ގޮސް 10ބީ ޖަހާފައިވާ ކުލާހަށް ވަނެވެ.

އަހަރެންވެސް އޭނަ ފަހަތުން ގޮސް ކުލާހަށް ވަނީމެވެ.

އަހަރެން ގޮސް އެކުއްޖާގެ ކައިރި ސީޓުގައި އިށީނީމެވެ.

މާ ގިނަ އިރުތަކެއް ނުވެ އެ މާހައުލަށް އަހަރެން ހޭނުނެވެ. އަހަރެން ހީކުރި ގޮތެއް ނޫނެވެ. އެންމެން ވެސް އަހަންނަށް ވަރަށް ރަގަނޅެވެ. އަހަންނަކީ ބީރައްޓެއްސެއްކަން އަހަންނަށް އިހުސާސްވެސް ނުވާ ވަރަށް އަހަންނަށް އެމީހުން ރަގަނޅެވެ. އިންޓަވަލް ގަޑި ނިންމާފައި ކްލާހަށް ވަން އިރު މުޅި ކުލާސް ރޫމުގެ މާހައުލު އޮތީ ބަދަލު ވެފައެވެ. މުޅި ކުލާހަށް ހީވަނީ ތޫފާނެއް އައިސް އުޅޭހެންނެވެ. ހުރިހާ ކުދިންހެން އުޅުނީ ސަކަރާތް ޖެހުމުގައި އަވަދި ނެތިއެވެ. ކަރުދާހުން ރޮކެޓު ހަދާ ޖެހިގެން ހުރި ކުލާހަށް އެއްބަޔަކު ރޮކެޓު އުކަމުން ދިޔަ އިރު އަނެއް ބަޔަކު ދިޔައީ މޭޒު މަތީގައި ބެރުގެ ރާގުތައް ގުގުމަމުންނެވެ. ހޭ އަޑާ ވާހަކަ ދެއްކުމުގެ އަޑު ވަނީ މުޅި ކުލާހުގައި ގުގުމާލާފައެވެ. އަހަރެންވެސް އެ މަޖަލުގައި ބައިވެރިވުމަށް ގޮނޑި ގެންގޮސް އަނެއް ކުލާސް ފެންނަހެން އޭގެ މައްޗަށް އެރީމެވެ. ކުލާސް ރޫމުތައް ވަކި ކުރަން ޖަހާފައި ހުންނަނީ ޕާޓިޝަނެވެ. ގޮޑިއަކަށް އަރާލާއިރަށް ޖެހިގެން ހުންނަ ކުލާސް ބަރާބަރަށް ފެނެއެވެ. އަހަރެން އެއްލި ރޮކެޓުގެ ޝިކާރައަކަށްވީ ޒާރާއެވެ. ދުލުގައި ދަތް އެޅުމަށް ފަހު އަހަރެން ތިރިވީމެވެ. އަހަންނަށް މި ދަރު އެޅުނީ އަނދައަނދާ ހުރި އަލިފާންގަނޑަކާ ވިއްޔާއެވެ.

ކުލާސް ނިމިގެން ގެއަށް ދިޔުމަށް ބޮޑުމަގުން އެޅީމެވެ. އަހަރެން ދިޔައީ ބިންމަތީގައި އޮތް ޕްލާސްޓިކް ފުޅިއެއްގައި ފައިން ތަޅަމުން ތަޅަމުން ނެވެ.

އަހަރެންގެ ގެ އިންނަ ގޯޅިއަށް ވަން އިރަށް އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ޒާރާއެވެ.

އަހަންނާ ފަސް ވަރަކަށް ފޫޓު ދުރުމިނުގައި ހުރި ޒާރާ އަހަރެން ފެނުމާއި އެކު މަޑުކޮށްލިއެވެ.

އަހަންނަށް ލެވުނީ ފުން ނޭވާއެކެވެ. ޒާރާ އެ މަޑުކުރަނީ އަހަންނަށް ފަހުގެ އިންޒާރު ދޭ ކަންނޭގެއެވެ. އަންހެނުންނަކީ ރުޅި އައިސްފި ނަމަ ވަރަށް ނުރައްކާތެރި ބައެއް ވިއްޔާއެވެ. އަހަރެން ޒާރާ ފެނުނު ކަމަށް ވެސް ނަހަދާ އިސްދޮށަށް ޖަހައިގެން ހުރެ ހިނގަމުން ދިޔައީމެވެ.

"ލައިސަމް.. " ޒާރާ އަހަންނަށް ގޮވާލިއެވެ. އެއީ އަހަރެން ހީކުރި ކަހަލަ ބިރުވެރި އަޑެއް ނޫނެވެ. ވަރަށް މަޑުމައިތިރި އަޑެކެވެ.

"ކޮބާ އަހަރެންގެ ފޮތް... ގެނޭ އޭތި... އެއީ އަހަންނަށް ވަރަށް މުހިންމު އެއްޗެއް" ޒާރާ ބުންޏެވެ.

"ކޮން ފޮތެއް" އެއީ ކޮން ފޮތެއް ކަން އެނގި ހުރެ އަހަރެން ސުވާލު ކުރީމެވެ.

"އިއްޔެ.. އިއްޔެ ރުޅިއައިސް އަހަރެން އެއްލާލީމެއްނު.. އެ ފޮތް " ޒާރާ ތަފްސީލުކޮށް ބުނެލިއެވެ.

"އަހަންނެއް ނުނަގަން.. އަހަރެން ކީއްކުރާ ފޮތެއް" އަހަރެން ބުނީމެވެ.

ޒާރާ އަހަންނާއި ދިމާއަށް ބަލާލީ ދޮގުވެރިޔަކާ ދިމާއަށް ބަލާލާ ކަހަލަ ގޮތަކަށެވެ. އިތުރު ވާހަކައެއް ނުދައްކާ ޒާރާ ހިނގައިގަތެވެ.

ކަޅުކުލައިގެ ބަޑޭރިގަނޑެއް ލާފައޮތް ކުޑަ އެ ފޮތް އަހަރެން ނަގަންވީ ކޮން ބޭނުމެއްގާ ހެއްޔެވެ. އަހަންނަކީ އެއް އިރެއްގައިވެސް މީހުންގެ މުދާ އަތުލައިގަނެގެން އުޅޭ މީހެއް ނޫން ވިއްޔާއެވެ. އަހަންނަށް ބޭނުން ނަމަ އެކަހަލަ ކިތައް ފޮތް ލިބޭނެ ހެއްޔެވެ. ފަހަރެއްގައި، އަހަރެންގެ ގައިގައި ކުޑަ ކުޑަ މިންވަރަކަށް ފޮނިކަމެއް އެބަހުއްޓެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 01 ޖެނުއަރީ، ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް