ރައްޔިތުން ހިތްހަމަ ޖެހޭ ފަދަ ބަދަލެއް ސިއްހީ ނިޒާމަށް ގެންނާނަން: ނައިބު ރައީސް
ޞީއްޙީ ނިޒާމަށް ބަދަލުތަކެއްގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ރަށްތަކުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް ކުރިމަގެއްގައި ހޯދައިދިނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށާއި، އެކަން ޙާޞިލުކުރުމަށް ފަރުވާކުޑަކުރުމެއްނެތި މުޅި ސަރުކާރު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ޓައިނީ ހަރޓް އޮފް މޯލްޑިވްސް އާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ "ފީޓަލް ހަރޓް މޯލްޑިވްސް 2019" ވަރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައި.ޖީ.އެމް.އެޗްގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުންވެސް، އެބޭފުޅަކަށް އެނގިވަޑައިގެންފައި ހުރި އެއްޗެއް އެހެން ފަރާތްތަކަށް ކިޔައިދީ އަންގައިދިނުމަކީ ކޮންމެހެން ކުރަންޖެހިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި "ފީޓަލް ހަރޓް މޯލްޑިވްސް 2019" ވަރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. "ފީޓަލް ހަރޓް މޯލްޑިވްސް 2019" ވަރކްޝޮޕަކީ ޓައިނީ ހަރޓް އޮފް މޯލްޑިވްސް އިން އިސްނަގައިގެން، ފީޓަލް ހަރޓްއާއި ގުޅޭ މަޢުލޫމާތު ޑޮކްޓަރުންނަށް ދިނުމަށް ބޭއްވި ތިން ވަނަ ވަރކްޝޮޕެވެ. މި ވަރކްޝޮޕްގައި މި އަހަރު ސާދަ ޑޮކްޓަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.