ކިމް ކާޑޭޝަނަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަން ހާމަކޮށްފި
މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަންއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަން ހާމަކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެރުނު "ދަ ކާޑޭޝިއަންސް" ޝޯގެ އަށް ވަނަ ސީޒަނުގެ ޓްރެއިލާގައި ކިމް ވަނީ އޭނާއަށް "އިސޮފޭޖައިޓިސް" ޖެހިފައިވާކަން ހާމަކޮށްފައެވެ. އެ ބައްޔަކީ އޭނާގެ ބައްޕަ ބަޓް ކާޑޭޝިއަންގެ މަރާ ގުޅުންހުރި ނުރައްކާތެރި ބައްޔެކެވެ.
މި ޓްރެއިލާގައި، އުމުރުން 45 އަހަރުގެ ކިމް ހޮސްޕިޓަލް އެނދެއްގައި އޮއްވާ ފެންނައިރު، އޭނާގެ ބައްޕަ ރޮބަޓް ކާޑޭޝިއަންގެ މަރާ ބެހޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން، އެއީ އޭނާގެ ބައްޕަގެ ފުރާނަ ދިއުމަށް މެދުވެރިވި ސަބަބާ ގުޅުންހުރި ބައްޔެއްކަން ކިމް ވަނީ ކަށަވަރުކޮށްދީފައެވެ.
ޞިއްޙީ ދިރާސާތަކާ ހަވާލާދީ ޖޯންސް ހޮޕްކިންސް މެޑިސިންއިން ބުނާގޮތުގައި، "އިސޮފޭޖައިޓިސް" އަކީ ކާތަކެތި ދަތުރުކުރާ ހޮޅީގެ އެތެރޭގެ ފަށަލަ ދުޅަވެ، ހަލާކުވުމަށް ކިޔާ ނަމެކެވެ. މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، އެއީ "ބެރެޓްސް އިސޮފޭގަސް"އަށް ބަދަލުވެ، ކާތަކެތި ދަތުރުކުރާ ހޮޅީގެ ކެންސަރަށް މަގުފަހިވާ މައިގަނޑު ސަބަބަކަށް ވެގެންދެއެވެ.
ކްރިސް ޖެނާ އާއި ރޮބަޓް ކާޑޭޝިއަންގެ ކުދިން ކަމަށްވާ ކޯޓްނީ، ކްލޯއީ، ކިމް އަދި ރޮބްގެ ބައްޕަ ރޮބަޓް ކާޑޭޝިއަން މަރުވީ 2003 ވަނަ އަހަރު، އުމުރުން އެންމެ 59 އަހަރުގައެވެ. އޭނާ މަރުވީ ކާތަކެތި ދަތުރުކުރާ ހޮޅީގެ ކެންސަރު ބަލީގައެވެ.
މިކަމާ ބެހޭގޮތުން ކްލޯއީ އޭނާގެ ޕޮޑްކާސްޓް "ކްލޯއީ އިން ވޮންޑަރ ލޭންޑް"ގައި ވާހަކަދައްކަމުން ބުނީ، އޭނާގެ ބައްޕަ ބަލިކަން އެނގުނުތާ އެންމެ ހަ ހަފުތާގެ ތެރޭގައި ދުނިޔެ ދޫކުރި ކަމަށެވެ. ބައްޕަގެ ބަލީގެ ނުރައްކާތެރިކަން ކުރިން އިހުސާސް ނުކުރެވުމުގެ ސަބަބުން، ބައްޕައާއެކު އެކަށީގެންވާ ވަގުތު ހޭދަނުކުރެވުމުގެ ހިތާމަ ފަހުން ބޮޑު ރުޅިވެރިކަމަކަށް ބަދަލުވި ކަމަށްވެސް އޭނާ ބުންޏެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް" ޝޯގެ އަށްވަނަ ސީޒަން ޕްރީމިއާކުރާނީ އަންނަ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހެވެ.