ކެޓްރީނާއަށް ކުރި ފުރައްސާރައާ ދެކޮޅަށް ރިތިކް ރޯޝަން ތެދުވެއްޖެ
ވިހެއުމަށްފަހު ހަށިގަނޑަށް އައި ބަދަލާ ގުޅިގެން ބޮލީވުޑް ތަރި ކެޓްރީނާ ކައިފަށް ސޯޝަލް މީޑިއާގައި ކުރި ފުރައްސާރައާ ދެކޮޅަށް ރިތިކް ރޯޝަން ވާހަކަ ދައްކައިފި އެވެ.
ކެޓްރީނާ ފިރިމީހާ ވިކީ ކައުޝަލްއާ އެކު ބައިވެރިވި ހަފުލާގައި ފެނިލި ފެނިލުމާ ގުޅިގެން ބައެއް ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތައް ވަނީ އޭނާގެ ސިފައަށް އައި ބަދަލު ފާހަގަކޮށް ފުރައްސާރަކޮށްފައެވެ.
އެ ފުރައްސާރައާ ދެކޮޅަށް ފުރަތަމަ ތެދުވީ ބަތަލާ ސޮނާރިކާ ބަދޯރިއާ ކަމަށް ވާއިރު ޒިންދަގީ ނާ މިލޭގީ ދުބާރާ ގައި ކެޓްރީނާއާ އެކު މަސައްކަތްކުރި ރިތިކް ވެސް މިހާރު ވަނީ އެ ތަރީގެ ދިފާޢުގައި ނުކުމެފައެވެ. ރިތިކް ވަނީ ކެޓްރީނާގެ ދިފާޢުގައި އިންސްޓަގްރާމުގައި ޝާއިޢުކުރި ޕޯސްޓަކަށް ލައިކް ދީފައެވެ.
ހަރްޝްވީރް ޖައިން ނަމަކަށް ކިޔާ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތެއް ލިޔުނު ދިގު ލިޔުމެއްގައި ވިހެއުމަށްފަހު ބަރުދަން އިތުރުވީތީ ކެޓްރީނާ "ނިމިއްޖެ" ކަމަށް ބުނާ މީހާއަށް ހަމްދަރުދީވާ ކަމަށް ބުނެފައިވެއެވެ. އެ ޕޯސްޓުގައި އޭނާ ބުނީ ޒުވާން ދައުރުގައި ކެޓްރީނާގެ ފިލްމުތައް ބެލި ކަމަށާއި ނޫސް ކެފުންތަކާއި ޕޯސްޓަރުތައް ރައްކާކުރި ކަމަށެވެ.
ކެޓްރީނާގެ ފިލްމީ ހަޔާތް ފެށުނީ ފިލްމު ބޫމް އިން ކަމަށް ވާއިރު ޕާޓްނާ، ވެލްކަމް، އެކް ތާ ޓައިގާ އަދި ބޭންގް ބޭންގް ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެއެވެ. ބޮޑު ސްކްރީނުން އެންމެ ފަހުން ފެނިފައިވަނީ 2024 ގައި ރިލީޒްކުރި ޝްރީރާމް ރާގަވަން ޑައިރެކްޓުކުރި މެރީ ކްރިސްމަސް އިންނެވެ.