އެސްބީއައި ލޯނުގެ ފަހު ޕޭމެންޓު ދެއްކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ބޭނުންކޮށްގެން: ފިނޭންސް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ފަހު ޕޭމެންޓު ދެއްކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ ލޯނުގެ އެންމެ ފަހު ޕޭމެންޓު ކަމަށްވާ 50 މިލިއަން ޑޮލަރައި އެކު އެ ލޯނު ދައްކާ ހަލާސް ކުރީ އިއްޔެ އެވެ. ލޯނު އަދާކޮށްފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް ސަރުކާރުން އިއްޔެ ބުންޏެވެ.
ލޯނު ދެއްކި ފަހުން އިއްޔެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި ވިދާޅުވީ ޓީބިލްގެ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކީ ބީއެމްއެލްގައި ހުރި ފައިސާއިން ކަމަށެވެ. މިރޭ ފިނޭންސް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައި އެވެ.
މިނިސްޓްރީން ބުނީ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.
2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށް ބުންޏެވެ.
17 ސެޕްޓެމްބަރު 2026 ގައި މުއްދަތު ހަމަވާ 50 މިލިއަން ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް 11 މެއި 2026 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވާފައެވެ.