ފުރަން ގޮސް ތިބި ހަ ބިދޭސީއެއްގެ އަތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާ - ދިވެހި ރުފިޔާއިން ބަލާނަމަ ހަތަރު މިލިޔަނަށް އަރާ
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކާ ފަރާތްތައް ހޯދުމަށް އެކުލަވައިލާފައިވާ ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިބި އެ ގައުމުގެ ހަ ރައްޔިތެއްގެ އަތުން ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 3.8 މިލިއަނަށް އަރާ ބޭރު ފައިސާ ފުލުހުން ހިފަހައްޓައިފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ ހަ މީހުންގެ އަތުން ޖުމްލަ 18 ގައުމެއްގެ ފައިސާ ފެނިފައިވެއެވެ.
ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯ އާއި 1,815 ސްޓާލިން ޕައުންޑް ހިމެނެއެވެ. މި ފައިސާގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ބަލާ ނަމަ ގާތްގަނޑަކަށް 3,861,415.29 ރުފިޔާއަށް އަރައެވެ.
މި މައްސަލައާ ގުޅިގެން އެ ހަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.