Advertisement

ދުނިޔެއިން އާ ވައްތަރެއްގެ ބުޅަލެއް ފެނިއްޖެ

19 Sep 2026 | 11:39
-

ސައިންސްވެރިންނަށް ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާ ބާވަތެއްގެ ވަލު ބުޅަލެއް ދެނެގެންފައިވާ ކަމަށް ކަރަންޓް ބައޮލޮޖީ ޖާނަލްގައި ބުރާސްފަތި ދުވަހު ޝާއިއުކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

ބޮލީވިއާގެ ޖަނަވާރު ހިމާޔަތްކުރާ މަރުކަޒެއްގައި އެތައް އަހަރެއް ވަންދެން ގެންގުޅެމުން އައި މި ކުޑަކުޑަ ބުޅަލަކީ ތަފާތު ބާވަތެއްކަން ކަށަވަރުވީ ޖީނޯމް ތަހުލީލުތަކުންނެވެ. ވެރިރަށް ލަ ޕާޒުން ދެ ގަޑިއެއްހާ އިރުން ދެވޭ ޔުންގާސް ސަރަހައްދުގައި ހުންނަ އެ މަރުކަޒަށް މި ބުޅާ ގެނެސްފައިވަނީ ޖަންގަލީން ހޮވައިގެން ގޭގައި ގެންގުޅެވޭތޯ މަސައްކަތްކޮށް ނާކާމިޔާބުވި އާއިލާއަކުންނެވެ.

Advertisement

މި ފިރިހެން ބުޅަލުގެ އުމުރުން ގާތްގަނޑަކަށް 10 އަހަރެވެ. ބޮލުން ނިގުލާ ހަމައަށް 46 ސެންޓިމީޓަރު (18 އިންޗި) ހުންނައިރު ބަރުދަނުގައި ހުންނަނީ އެންމެ 1.4 ކިލޯގްރާމް (ތިން ޕައުންޑް) ކަމުން އާންމު ގެ ބުޅަލަށް ވުރެ ވެސް ލުއިކަން ފާހަގަކުރެވެއެވެ. އޭގެ މަޑު މުށި ކުލައިގެ ހަމުގައި ކަޅު ލެޕާޑެއް ގޮތަށް ތިކިތައް ހުރެއެވެ.

ސައިންސްވެރިން ކޮލަމްބިއާ ޕެރޫ އަދި ބްރެޒިލް ހިމެނޭ ގޮތަށް ތަފާތު ތަންތަނުން ނެގި 30 އަށް ވުރެ ގިނަ ބުޅާތަކުގެ ޖީނޯމް އެއްކޮށް އެންމެ ފުރިހަމައަށް ތަހުލީލުކުރިއެވެ. ތާޒާ ސާމްޕަލް ނެތް ހާލަތުގައި އެމެރިކާ އާއި ޔޫރަޕުގެ ދާރުލްއާސާރުތަކުގައި ރައްކާކޮށްފައި ހުރި ކަށީގެ އަދި ހަމުގެ ޑީއެންއޭ ބޭނުންކުރިއެވެ. ތަހުލީލުން ދެއްކި ގޮތުގައި މި ބުޅާ ނިސްބަތްވާ ބާވަތް އޭގެ ގާތް ތިމާގެ ޖަނަވާރުތަކުން ވަކިވީ މީގެ ގާތްގަނޑަކަށް 1.4 މިލިއަން އަހަރު ކުރިންނެވެ. ރަސްމީކޮށް ނަން ދެވުނު އެންމެ ފަހުގެ ވަލު ބުޅާ ބާވަތަކީ 1923 ވަނަ އަހަރު ދެނެގަނެވުނު ޔުރުގުއޭ ޕެމްޕާސް ބުޅާ ކަމަށްވެފައި ގަރުނަކަށް ވުރެ ގިނަ ދުވަސް ފަހުން މިއީ ސައިންސްވެރިން ރަސްމީކޮށް ބުޅާ ބާވަތެއް ބަލައިގެން ފުރަތަމަ ފަހަރެވެ.

ދިރާސާ ޓީމުން މި ބާވަތަށް ކީ ނަމަކީ ލެޕާޑަސް ޓިލްކަޔޯއެވެ. އެ ނަމަކީ ބޮލީވިއާގެ އެންޑީޒް ފަރުބަދަތަކުގެ ވާރޭ ޖަންގަލީގައި ދިރިއުޅޭ މުޖުތަމައުތަކުން އެ ޖަނަވާރަށް ކިޔާ ނަމެވެ. "މީ ކުރިން ހަމަ އެއްވެސް މީހަކު ނުދެކޭ ޖަނަވާރެއް ނޫން. ރަށުގެ މީހުންނަށް މީގެ ކުރިންވެސް މި ޖަނަވާރު އުޅޭ ކަން އެނގޭ އެކަމަކު ސައިންސްގެ ނަޒަރުގައި ވަކި ބާވަތެއްގެ ގޮތުގައި ބަލައިގެންފައެއް ނެތް" ވަލު ބުޅާ ހިމާޔަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތް ޕެންތެރާގެ ތަޖުރިބާކާރު ވައި-މިންގް ވޮންގް ބުންޏެވެ.

މީގެ އިތުރުން މި ދިރާސާ ވެގެންދިޔައީ ދެކުނު އެމެރިކާގެ "ޓައިގާ ކެޓް" ތަކާ ބެހޭ ދުވަސްވީ ހައިރާންކަމަކަށް ވެސް ޖަވާބެއް ލިބުނު ކަމަކަށެވެ. އެ ޖަނަވާރުތައް ސިފައިގެ ގޮތުން ވަރަށް ވައްތަރުވެފައި ކުރިން ސައިންސްވެރިން ބެލީ އެއް ބާވަތެއް ކަމަށެވެ. ނަމަވެސް ޑީއެންއޭ ހެކިތަކުން ދައްކާ ގޮތުގައި ކުރީންސުރެ ނަން ދެވިފައިވާ ހަތަރު ބާވަތާއި އަލަށް ނަން ދެވުނު ޓިލްކަޔޯ ހިމެނޭ ގޮތަށް މަދުވެގެން ފަސް ވަކި ބާވަތް ހިމެނެއެވެ. "ބުޅާ އާއިލާ ކަހަލަ ވަރަށް ރަނގަޅަށް ދިރާސާކޮށްފައިވާ ގްރޫޕެއްގައި ވެސް ފޮރުވިފައި ހުރި ދިރުންތައް އަދިވެސް ހުރިކަން ސާފުވޭ" ދިރާސާގެ އެއް ލިޔުންތެރިޔާ ޔުނިވަރސިޓީ އޮފް އެންޓްވާޕުގެ އިވޮލިއުޝަނަރީ ބައޮލޮޖިސްޓް ޔޮނާސް ލެސްކްރޯއާޓް ބުންޏެވެ.

Advertisement

ކޮމެންޓް