Advertisement

އަމީނީމަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި

19 Sep 2026 | 13:34
-

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ ސެގްމެންޓް 1ގެ ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1 އަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތީ އޮންނަ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައި އޮންނަ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން 15 ވަނަ ދުވަހުއެވެ. މަގު މަރާމާތުކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހުންނަ ތަންތަނުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތައް ގެނައުމަށްވެސް ރާވާފައިވެއެވެ.

Advertisement

މިހާރު ކުރިއަށްދާ ސަރަހައްދުގެ ތާރުއެޅުން ނިންމައި އާންމުންނަށް ހުޅުވައިލުމަށްފަހު ދެން ފެށުމަށް ތާވަލުކޮށްފައި އޮތީ ސެގްމެންޓް 2 ގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ބައިގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހިސާބަށް އޮތް ސަރަހައްދެވެ. މުޅި މަޝްރޫއުގެ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައި ހުރި ތަންތަނުގެ ތެރެއިން ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ކުރީގެ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްގީކޮށް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމާފައިވެއެވެ. ނަމަވެސް ތާރު އެޅުމަށްފަހު ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވައިލުމުން ހާއްސަކޮށް ބަސް ދަތުރުކުރާ ސަރަހައްދުތަކުގައި ތާރުގަނޑު އަވަހަށް ހަލާކުވީ ކަމަށް ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ.

Advertisement

ކޮމެންޓް