ތަހުގީގު ކުރިއަށްދާއިރު ސައްހަ ނޫން މައުލޫމާތު ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި
ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެ، އެ ވީޑިއޯގެ މައްސަލަ ފުލުހުންނާއި މިނިވަން މުއައްސަސާތަކުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ސައްހަ ނޫން މައުލޫމާތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ރޭގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން އޮޕަރޭޝަން ހިންގުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަމުން ދަނިކޮސް އެ އަމަލުތައް ހިންގީ މިވެނި ބަޔަކު ކަމަށްބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯޖަހާ އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރުދައްކާކަން ވަނީ ފާހަގަ ކުރެވފައިވާކަމަށެވެ.
"ވީމާ ތަހުގީގު ކުރިއަށްދާއިރު ސައްހަ ނޫން މައުލޫމާތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރެއްވުމަށް މި ސާވިސް އިން އިލްތިމާސް ކުރަން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ އޮޕަރޭޝަނެއްގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ އެކަން ކުށްވެރި ކުރައްވައި، އެ އަމަލު ހިންގި ފުލުހުން ސަސްޕެންޑް ކުރުމަށްފަހު ތަހްގީގު ކުރާނެކަން ހާމަކުރައްވާފައެވެ.