މިދޔަ އަހަރު 5 ބިދޭސީއެއް ދިވެހި ރައްޔިތުކަމަށް އެދިގެން ހުށަހެޅި
ނިމިގެން ދިޔަ 2018 ވަނަ އަހަރުގައި ސިޓިޒެންޝިޕް ގާނޫނުގެ ދަށުން ފަސް ބިދޭސީއެއް ދިވެހި ރައްޔިތުކަން ބޭނުންވެގެން ހުށަހަޅާފައިވެއެވެ.
އެގޮތުން ދިވެހި ރައްޔިތަކަށް ވުމަށް އެދި ހުށަހަޅާފައިވަނީ އިނޑިއާގެ ރައްޔިތަކާއި ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން ޖޯޑަންގެ ރައްޔިތެކެވެ.
ސިޓިޒެންޝިޕް ގާނޫނަކީ 1969 އަހަރުގައި ފާސްކޮށްފައިވާ ގާނޫނެކެވެ. އެ ގާނޫނޫގައި ވާ ގޮތުން ދިވެހިރައްޔިތުކަން އެދޭ ބޭރު މީހާ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށްވާ ނަމަ އެކަން ލިޔުމުން ފޮރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވާ ކަމަށެވެ. އަދި ދިވެހިރައްޔިތުކަން ބޭނުންވާ މީހާ މެދުނުކެނޑި ދިވެހިރާއްޖޭގައި 12 އަހަރު އުޅެފައިވާން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެހެން ގައުމަކަށް ދިޔަނަމަވެސް ހަމަހަށްވުރެ ދިގު މުއްދަތެއް އެހެން ގައުމެއްގައި އުޅެގެން ނުވާނެ ކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އަދި ހަމައެހެންމެ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވީ ނަމަވެސް ގާނޫނު އަސާސީގެ މައުލޫމާތު އެނގޭ މިންވަރު ދެނެގަތުމަށްޓަކައި އެ ފަރާތްތަކަށް އިމްތިހާނެއް ހަވާލުކުރާނެއެވެ. އެޓަރނީ ޖެނެރަލް އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ އެ އިމްތިހާނުން ފާސްވެފައި ވަނީ އެންމެ ބިދޭސީއެކެވެ. އެއީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހަބީބު ރަހުމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ މީހެކެވެ.
ސިޓިޒެންޝިޕް ގާނޫނުގައި ބުނެފައިވާ ޝަރުތުތަކާއި އަދި ގާނޫނު އަސާސީގެ މައުލޫމާތު އެނގޭ މިންވަރު ބެލުމަށް ދޭ އިމްތިހާނުން ފާސްވެއްޖެ ނަމަ އެފަރާތެއް ދިވެހި ރައްޔިތަކަށް ހެދުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާނެ ކަމަށެވެ.