ނަޝީދު  ކޯޓުން ނެރެނީ -- ފޮޓޯ: ޕޮލިސް
ނަޝީދު ކޯޓުން ނެރެނީ -- ފޮޓޯ: ޕޮލިސް

އަބްދުﷲ ގާޒީ ހައްޔަރު ކުރި ގަދަކަމުން ސަބަބު ނުބުނެ: ހެކިން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރީ ކޯޓު އަމުރުވެސް ނެތި ހައްޔަރު ކުރާ ސަބަބުވެސް ނުބުނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ދައުލަތުން ކުރާ ޝަރީއަތުގައި ހެކިން ބުނެފި އެވެ.

މިރޭ ބޭއްވި ޝަރީަތުގެ ހަވަނަ އަޑު އެހުމުގައި ނަޝީދާއި ދެކޮޅަށް ތިން މީހަކު ވަނީ ހެކި ބަސްދީފައި އެވެ. އެއީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުލް މަންނާން އާއި އަބްދުﷲ ގާޒީގެ އަނބިކަނބަލުން އާމިނަތު ޝަރީފުގެ އިތުރުން އަނބިކަނބަލުންގެ ދައްތަ ސޯބިރާ ޝަރީފެވެ.

މިރޭގެ ޝަރީއަތުގައި ކުރިން ހަމަޖެހިފައި އޮތީ އަބްދުﷲ ގާޒީގެ ހެކި ބަސްވެސް ނެގުމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ އަބްދުﷲ ގާޒީގެ އަނބިކަބަލުންނާއި ދައްތަގެ ހެކިބަހުން ދައުވާ ސާބިތު ކުރަން ބޭނުންވާ ހެކި ލިބިފައިވާތީ އެމައްސަލައިގައި ހުށަހަޅާފައިވާ އަނެއް ދެބޭފުޅުންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ.

މިރޭގެ އަޑުއެހުމުގައި އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާ އޭނާގެ ދައްތަ ހެކިބަސް ދިނީ އެމީހުން ނުފެނި ތިބެ އޯޑިއޯ ކޮންފަރެންސް ކޮށެެވެ.

މިރޭ ހެކިބަސް ދެއްވަމުން ސޯބިރާ ޝަރީފު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން 16 ޖެނުއަރީ 2012 ގައި އެގެއަށް ސިފައިން އައި ކަމަށާއި އެމީހުން ތިބީ މޫނުވެސް ނިވާކޮށްގެން ކަމަށެވެ. އެގެއަށް ދިޔަ ސިފައިން އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދަން ބަލައި އައިސް ތިބި ކަމަށް ބުނުމުން އަބްދުﷲ ގާޒީ މަންމަ ސިފައިންނަށް ކޯޓް އަމުރެއް ހިފައިންގެ އަބްދުﷲ ގާޒީ ބަލައި އައުމަށް ދެންނެވި ކަމަށް ސޯބިރާ ވިދާޅުވި އެވެ.

އައިމިނަތު ޝަރީފް ވިދާޅުވީ ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރަން އެގެއިން ގެންދަން އުޅުމުން އޭނާ ގާޒީގެ އަތުގައި ހިފެހެއްޓެވި ކަމަށާއި ނަމަވެސް ސިފައިންގެ ބޭފުޅަކު އެ ދެބޭފުޅުންގެ ދޭތެރެއަށް ވަދެ އަބްދުﷲ ގާޒީ ގަދަކަމުން ގެންދެވީ ކަމަށް ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ސިފައިންނާއެކު ނުދާން ދެކޮޅު ހައްދަވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

އައިމިނަތު ޝަރީފާއި އޭނާގެ ދައްތަ ސޯބިރާ ޝަރީފް ވެސް ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް އެގެއަށް ދިޔަ ސިފައިންގެ އެއްވެސް ބޭފުޅަކު ވިދާޅުވި އަޑު އިވިފައި ނުވާ ކަމަށެވެ.

ހެކިބަސް ދެމުން މަންނާން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އޭނާއާ ރައީސް ނަޝީދާ ބައްދަލުވި ހަމައެކަނި ދުވަހަކީ 18 ޖެނުއަރީ 2012 ގައި ނަޝީދު ފުލުހުންގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. އެބައްދަލުވުމުގައި އަބްދުﷲ ގާޒީއަށް ކްރިމިނަލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިންއާ ދެން ގާތް ނުވެވޭނެ ކަމުގައި ނަޝީދު ވިދާޅުވި ކަމަށް މަންނާން ވިދާޅުވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރަން ނަޝީދު އެއްވެސް ފަރާތަކަށް އަންގާ އެއްވެސް އަމުރެއް ކުރިކަމަކަށް މަންނާން ވެސް ވިދާޅުވެފައެއް ނުވެ.

މިރޭގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ގަބޫލު ނުކުރެވޭނެކަމަށް ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ. ނަމަވެސް ފަނޑިޔާރުން ނިންމާފައިވަނީ އެ ހެކިން ގަބޫލު ކުރެވޭނެ ކަމަށެވެ.

ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު މާދަމާ ރޭ ކުރިޔަށް ގެންދާނީ އޯޑިއޯއާއި ވީޑިއޯ ހެކި ހުށަހެޅުން ކަމަށެވެ.

އެކަމާއި ގުޅިގެން ނަޝީދު މިރޭގެ ޝަރީއަތުގައި ވިދާޅުވީ އެމަނިކުފާނަކީ ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނަ މީހެއް ކަމަށާއި އެމަނިކުފާނާ ދެކޮޅަށް އޯޑިއޯ އާއި ވީޑިއޯ ހުށަހަޅާއިރު އެ ތަކެތި ދިރާސާކޮށް އެއަށް ޖަވާބުދެއްވުމަށް އެމަނިކުފާނަށް ފުރުސަތު ދެއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް ދޫނިދޫގައި އެމަނިކުފާނު ހުންނަވާއިރު އެތަނުގައި ވީޑިއޯ އަދި އޯޑިއޯތައް ދިރާސާކުުރުމުގެ ފުރުސަތު އަދި ހަމަޖެހިފައި ނުވާ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމާއި ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެމަނިކުފާނު އެދިލެއްވި ގޮތަށް އެކަންކަން ހަމަޖައްސައިދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *