ހިތް އެދޭވަރުން ... ނުވަ ވަނަ ބައި

ކުރގެ އަދަދާއި ގުޅޭ.... ކުއްލިއަކަށް ޒީޝާނަށް ހީވީ އެހިޔަނި ކުޑަދޮރާއި ގާތްވަމުން ދާހެންނެވެ. ޒީޝާނު ބިރުގަންނަށް ފަށައިފިއެވެ. އަވަސް އަވަހަށް ދޮރުފޮތިގަނޑު ވައްޓާލުމަށް ފަހު ދުރަށް ޖެހިލިއެވެ. ފާރުގ...

29 Jun 2017 | 05:53

ކުރގެ އަދަދާއި ގުޅޭ....

ކުއްލިއަކަށް ޒީޝާނަށް ހީވީ އެހިޔަނި ކުޑަދޮރާއި ގާތްވަމުން ދާހެންނެވެ. ޒީޝާނު ބިރުގަންނަށް ފަށައިފިއެވެ. އަވަސް އަވަހަށް ދޮރުފޮތިގަނޑު ވައްޓާލުމަށް ފަހު ދުރަށް ޖެހިލިއެވެ. ފާރުގައި ލެގިލުމަށް ފަހު މޭގައި އަތްއަޅާލަމުން ދެލޯމަރާލިއެވެ.އެއަށް ފަހު ފުންނޭވައެއްލިއެވެ. ޒީޝާނަށް ހީވަނީ އެހިޔަންޏަށް އޭނާ ފެނުނުހެންނެވެ. އަނެއްކާ އެހިޔަނީގެ ފަރާތުން އޭނާއަށް އުނދަގުލެއް ނުވާނެބާއޭ ހިތަށް އެރުމާއެކު އޭނާ ހާސްވާގޮތްވިއެވެ. އެހެން ވެއްޖެނަމަ އޭނާގެ މުޅި ހަޔާތް އަނދިރި ވަޅުގަނޑަކަށް ވެއްޓުނީކަން ޔަޤީނެވެ. އަދިވެސް އޭނާއަށް ނަވީލްގެ އަޑު ވަރަށް ސާފުކޮށް އިވެމުންދެއެވެ. ނަވީލް އަޑުގައި ރިހުމާއި އެތަކެއް އާދޭސްތަކެއް އެކުލެވިގެން ވެއެވެ.އޭނާ ވާހަކަ ދައްކަމުންދަނީ ތޫނާއޭ އަހަންނަށް ތިހެން ނުހަދާށޭ ކިޔައިގެންނެވެ. ހަޤީޤަތުގައިވެސް ތޫނާއޭ ކިޔައިގެން ނަވީލް އެވާހަކަ ދައްކާމީހެއްގެ އަޑެއް ޒީޝާނަކަށް ސާފުކޮށެއް ނީވެއެވެ. ޒީޝާނު ފާރުގައި ލެގިލައިގެން އެތައް އިރަކު އެހެން ހުއްޓެވެ. އެންމެފަހުން އޭނާ އެތަނުން ހިނގައިގަތީ ނަވީލްގެ އަޑު މަޑުވުމުންނެވެ. މަޑުމަޑުން ގޮސް އެނދުގައި އިށީއްނެވެ. އޭނާއަށް ވިސްނެނީ ނަވީލާއި ދޭތެރޭގައި އެވެ. ނަވީލްގެ ހިއްސުތައް މަސައްކަތް ކުރަމުން އެދަނީ ހުވަފެނީ ދުނިޔެއެއްގައެވެ. ނަވީލް އެހާ ލޯބި އެވާ ތޫނާ ކޮބައި ހެއްޔެވެ؟ އޭނާއަށް ތޫނާގެ ސިފައިގައި އެފެންނަނީ އަނެއްކާ ކޮންފަދަ ބާރެއްވާ މަޚްލޫޤެއް ބާވައޭ ޒީޝާންގެ ހިތައް އެރިއެވެ. އެނދުގައި އޮށޯތުމަށް ފަހު އޭނާ ދެލޯމަރާލިއެވެ.

ނަމަވެސް ދެބަދޭތެރެވީ ތަނާ ހުވަފެނުން އޭނާ ފެންނަށް ފެށީ ނަވީލެވެ. ނަވީލް ހުރީ ވަރަށް ދެރަވެފައެވެ. ނަވީލަށް ފުރަގަސްދީގެން އަންހެންކުއްޖަކު ހުއްޓެވެ. އެކުއްޖާގެ މޫނެއް ހުވަފެނުގައި ވެސް ޒީޝާނަށް ފެންނަގޮތެއް ނުވިއެވެ. ނަވީލް އެއަންހެންކުއްޖާ ގާތު އާދޭސް ކުރަމުންދަނީ އޭނާއަށް އެހެން ނުހެދުމަށް އެދިއެވެ. އޭނާ އެއަންހެންކުއްޖާ ދެކެ ނިހާޔަތަށް ލޯބިވާވާހަކައާއި އެއަންހެންކުއްޖާއަކީ އޭނާގެ ދިރިހުރުން ކަމުގައި ބުނަމުން ދެއެވެ. ނަވީލްކުރަމުންދާ އާދޭސްތަކަށް އަންހެންކުއްޖާ ދިނީ ބީރުކަންފަތެކެވެ. އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ކައިރީގައި ހުރިގަހުން ފަތެއް ނައްޓާލައިގެން އެނޮޅާލަ ނޮޅާލާ އޭނާ ހުއްޓެވެ. ނަވީލު ގޮސް އެކުއްޖާގެ ކޮޑުގައި އަތްލުމާއެކު ޒީޝާނަށް ހުވަފެނުން ހޭލެވިއްޖެއެވެ. ޒީޝާނު ތެދުވެ އެނދުގައި އިށީއްނުމަށް ފަހު ފަޑުއަލީގެ ތެރެއިން އެނދުގެ ކޮޅުގައި ހުރި ސޯނާގަނޑިއަށް ބަލާލިއެވެ. ގަޑިން އަދި އެޖަހަނީ ތިނެކެވެ.

ޒީޝާނު މަޑުމަޑުން ތެދުވެގެން ގޮސް ޑުރެސިން ޓޭބަލް މަތީގައި ހުރި ޖަގުން ތައްޓަށް ފެންފޮދެއް އަޅާލުމަށް ފަހު ބޯލިއެވެ. މޭޒުމަތީގައި ތަށި ބަހައްޓާފައި ހިނގައިގަތްތަނާ ގޭތެރެއިން މީހަކު ހިނގާއަޑު އިވުނެވެ. އޭނާ އެއަޑަށް ސަމާލުވިއެވެ. އެއީ ނަވީލްކަން ޒީޝާނަށް ޔަޤީންވީ ޒީޝާނުމެންގެ ކޮޓަރިއާއި ޖެހިގެން ހުންނަނީ ނަވީލްގެ ކޮޓަރިކަމަށް ވެފައި ނަވީލްގެ ކޮޓަރީގެ ދޮރުހުޅުވިއަޑު އިވުމުންނެވެ. ނަވީލް ގެއަށް އެވަނީ އަދި ކިރިޔާތާއޭ ޒީޝާނުގެ ހިތަށް އެރިއެވެ. އޭނާ އަނެއްކާވެސް ގޮސް އެނދުގައި އޮށޯވެ ނިދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނާ ކިތަށްމެހާވެސް ނިދަން ބޭނުމެވެ. މާދަމާއަކީ މިސެމިސްޓަރގެ އެންމެ ފަހުޓެސްޓު އޮންނަ ދުވަހެވެ. ނުނިދައިފިއްޔާ ބޮލުގައި ރިއްސާނެކަން ޔަޤީނެވެ. އެހެންނަމަވެސް ކުރާނީ ވަކި ކީއްހެއްޔެވެ؟ ގަދަކަމުން ނިދޭކަމަށް ވަންޏާ މިހާރު އޭނާ އެކަންވެސް ކޮށް ފާނެއެވެ. އެންމެ ފަހުން އެހެން އެނދުމަތީގައި ފޮރޮޅި ފޮރޮޅި އޮށްވާ ކަންފަތުގައި ޖެހުނީ ފަތިސްނަމާދުގެ ބަންގީގެ އަޑެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ޔޫހާއަށް ގޮވައި ނަގައިގެން ފާޚާނާއަށް ވަދެ މޫނު ދޮވެ ވުޟޫކޮށް ހަދާލައިގެން އައިސް ނަމާދުކުރަން ފެށިއެވެ.

ދިމްނާމެން ތިބީ ޓެސްޓު ނިއްމާލުމަށް ފަހު އެގާރަ ޖަހާއިރު  ކޯހުގެ ބައިވެރިންނަށް މީޓިންއެއް އޮންނާނެ ވާހަކަ ބުނެފައި ވާތީ ކޮލެޖުގެ ކެންޓީނުގައެވެ. ކުރިމަތީގައި ތިންތަށި ފުރެޝް އޮރެންޖާއި ހެދިކާ ތައްޓެއް ހުއްޓެވެ. ދިމްނާ އާއި ނީލާ އެއަށް އިންސާފުކުރަމުން ދިޔަ ނަމަވެސް ޒީޝާން އޮތީ މޭޒުމަތީގައި ބޯއަޅާލައިގެންނެވެ. ހީވަނީ އޭނާ ކަމަކާއި މިއަދު މާބޮޑަށް ވިސްނާހެންނެވެ.

''އޭތް. ރޭގަ ނުނިދާ ކީއްކުރީތަ؟'' ނީލާ ޒީޝާންގެ ދެކޮޑުގައި ހިފާ ތަޅުވާލަމުން ބުއްޏެވެ.  ''އޭނ. ކީކޭ؟'' ޒީޝާނަށް އޮތީ ހަމަ ރަނގަޅަށްވެސް ނިދިޖެހޭ ގޮތްވެފައެވެ. ''ނިދަނީތަ؟ ރޭގަ ނުނިދަންތަ؟'' ދިމްނާވެސް އަހާލިއެވެ. ''ކޮންމެވެސް ވަރަކަށް ނިދިން.''

''ތީގެ މާނައަކީ ރޭގަ ހަމަ ނުނިދާ ފިލާވަޅުތައް ދަސްކުރީއޭ ދޯ.'' ނީލާ ޒީޝާންގެ ވާހަކަ މެދު ކަނޑާލަމުން ބުއްޏެވެ. ''ތިހެންވި ނަމަ ކިހާ ރަނގަޅުވީސް.'' ޒީޝާން ލޯ އުނގުޅާލަމުން ބުއްޏެވެ. ''ތީގެ މާނައަކީ.'' ދިމްނާ ހައިރާން ވެފައި އަހާލިއެވެ. ''ރޭގަ މާބޮޑަށް ބޮލުގައި ރިއްސާތީ ރަނގަޅަކަށް ނުނިދުނޭ.'' ޒީޝާން ޤަސްދުގައި ދޮގެއް ހަދާލިއެވެ. ''އެކަމަކު ހާދަ ހީނުވެއޭ.'' ނީލާއަށް ހީވަނީ ހަޤީޤަތް އެގޭހެންނެވެ. ''އެގޭ ނީލްއަށް ޤަބޫލު ނުކުރެވޭނެކަންވެސް. އަބަދު އުޅޭނީ މަށާ ދިމާކުރާނެ ގޮތެއް ނޭނގިގެން.'' ޒީޝާން ހިތްހަމަ ނުޖެހޭގޮތްވިއެވެ.

''ސޮރީ ޒީ. އެއީ އަހަރެން އެހެން ބުނިއެއްޗެއް ނޫނޭ.'' ނީލާ ޒީޝާން ހިތްހަމަ ނުޖެހޭގޮތް ވުމުން ވަރަށް ދެރަވިއެވެ. ''ދެން އެވާހަކައެއް ނޫނޭ. ޓެސްޓު ކިހިނެއް ވާނެހެން ހީވޭތަ އަޅެ.'' ދިމްނާ ބޭނުންވީ މަޢުޟޫ އޮޅުވާލާށެވެ. ''އިރާދަކުރެއްވިއްޔާ ފާސްވާވަރު ވާނެ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ވީނާ މެޑަމް ބުނުއްވި ފާސްނުވާ ސަބުޖެކުޓެއް ވެއްޖެއްޔާ އަލުން ޖެހޭނީ އަނެއްކާވެސް އާސެމިސްޓަރެއްގަ އެސަބުޖެކުޓެއް ކިޔަވާށޭ. އެހެން ވެއްޖެއްޔާ ގައިމުވެސް މަށެއް ނުހަދާނަށް ކޯހެއް. އެހިސާބުން މަވާ ސަލާމް.'' ނީލާ ބުއްޏެވެ. ''ތިހެން ވެއްޖެއްޔާ މަވެސް ދެވަނަ ފަހަރަށް އެކައްޗެއް ނުކިޔަވާނަށް. ސެމިސްޓަރ ރިޕީޓުކުރަން ޖެހިއްޖެއްޔާ އެދެން މުޅިން ކަނޑަވީއެއްނު ދޯ ޒީ.'' ދިމްނާ ބުއްޏެވެ. ''އިރާދަ ކުރެއްވިއްޔާ ސެމިސްޓަރ ރިޕީޓުކުރާކަށް ނުޖެހޭނެ.'' ޒީޝާން ޔަޤީންކަމާއި އެކު ބުއްޏެވެ. ''އަހަރެމެންގެ ދުޢާއަކީވެސް ހަމަ ތީއޭ.'' ނީލާ އެއްބަސްވިއެވެ.

''އޭ ޒީ. އެއޮއް އަންނަނީ ރިއުމާން. އޭނަ ކޮން އިރަކު މިރަށަށް އައިސްގެން އެއުޅެނީ.'' ދިމްނާއަށް ކޮލެޖުގެ ގޯތިތެރޭގައި ސައިކަލް މަޑުކޮށްލުމަށް ފަހު ސައިކަލުން ފައިބައިގެން ކޮލެޖުގެ އޮފީސްބަޔާއި ދިމާއަށް ދިޔަ ރިއުމާން ފެނުމުން ހައިރާންވާގޮތްވިއެވެ. ''ސާބަހޭ ކަމަނާ. ހަމަ ތާކުން މީހަކު ފެންނަ އިރަށް މިކުއްޖާގަޑަށް އެގޭނެ އެއީ ކާކުކަން. އެއީ އިރުޝާދިއްޔާ ސްކޫލުގެ ޕުރިންސިޕަލްއޭ.'' ނީލާ ހަމަލައެއް ދޫކޮށްލިއެވެ. ''ނީލް. މަށަށްވެސް އެގެއޭ އެއީ އިރުޝާދިއްޔާ ސްކޫލުގެ ޕުރިންސިޕަލްކަން. އެއީ އަހަރެމެން ރަށުމީހެކޭ ދޯ ދިމް.'' ޒީޝާން ދިމްނާއަށް ދޯ ދެމުން ބުނެލިއެވެ.

''އޯހ. ސޮރީކަމަނާ. ނިކަމެތި އަޅުގަނޑަށް އޮޅުނީއޭ. ތިހިސާބުގަ ވަރަށް ސަޅި ބިޓުން އުޅޭދޯ. ތިވީގޮތުންވާނީ މިފަހަރު ސެމިސްޓަރ ބުރޭކްގަ ލާމަށް ދާން. އަޅެ މަ ގެންދާނަށްތަ؟'' ނީލާ ހިނިތުން ވެލަމުން ބުއްޏެވެ. ''ހަމަދާންވީ ދޯ ޒީ. އެކަމަކު މަށަށް ހީވަނީ ނީލް އެބުރި ދެން މިކޮޅަކަށް ނާންނާނެހެން.'' ދިމްނާ ދިމާކޮށްލިއެވެ. ''އާނ. މަށަށް ވެސް ވަރަށް ހީވޭ ދިމް ތިބުނީ ރަނގަޅު ވާހަކައެއް ހެން.'' ޒީޝާންވެސް ދިމްނާއާއި އެއްބައި ވުމުގެ ގޮތުން ބުއްޏެވެ. ''އެއީ ކީއްވެޔޯ.'' ނީލާ އިނީ ހައިރާން ވެފައެވެ. ''ކީއްނުވަނީ. ރިއުމާން ފެނިގެންވެސް ތީނީ ހިތްކިޔާފަ ވިއްޔާ. އަދި މީހެއް ކަހަލަ މީހެއް ފެނިއްޖެއްޔާ ނޭނގެ ނީލްއަށް ވާނެ ގޮތެއް ވެސް ދޯ ޒީ.'' ދިމްނާ ބާރަށް ހީގަންނަމުން ބުއްޏެވެ. ''ދެން ދިމްވެސް ތިހިރީ އަޅެ ކިޔާ އެއްޗެހި. އަހަރެން އަލަކަށް ނޫނޭ އޭނާ މިދުށީކީ. މީހަކު ހިތައް އަސަރު ކުރާކަހަލަ ރީތި މީހެއް ވެސް ނޫން އެއީކީ.'' ނީލާ އެހެން ބުނީ ދެރަނުވާން ވެގެންކަން ޒީޝާންމެންނަށް ކިތައްމެހާ ރަނގަޅަކަށް ވެސް އެގެއެވެ.

''އޯކޭއޭދެން. އެގެއޭ ދެން ނީލްއަށް މާން ކަމުގޮސްފިކަން.'' ޒީޝާން ވެސް ހީގަތެވެ. އެވަގުތުވީ ރިއުމާން ކޮލެޖު އޮފީހުން ނިކުމެން އައިސް އެމީހުންނާއި އަރާހަމަވި ވަގުތެވެ. ''އަހަ ޒީ. ކިހިނެއްތަ؟'' ރިއުމާނަށް ޒީޝާންމެން ފެނުމުން އަހާލެވުނެވެ. ''ގޯހެއް ނޫން.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ. ''ރިއުމާން ކީއްކުރައްވަނީތޯ މިތަނުގަ.'' ދިމްނާ ރިއުމާންއަށް ބަލާލަމުން ބުއްޏެވެ. ''އޯހ.ދިމްވެސް އެބަ އިނިންދޯ. މިއައީ މާލޭކޮޅުން ފޮނުވާފަ އޮތް ސިޓީއެއް ބަލާ. ދިމްވެސް ހަމަ ނާސިންތަ ހަދަނީ.'' ރިއުމާން އަހާލިއެވެ. ''ހޫނ. އެންމެނެއް ރިއުމާންހާ ނަސީބު ގަދައެއް ނުވާނެތާ ދޯ ޒީ.'' ދިމްނާ ހިނިތުން ވެލަމުން ބުއްޏެވެ.

''އަހަރެން ހަމަ އެހާ ނަސީބު ގަދަތަ؟'' ރިއުމާން ހިނިތުން ވެލަމުން ބުއްޏެވެ. ''ނަސީބު ގަދަ ވީމަތާ އައްޑުއަށް ނުލާހިކު ރީތި އަންހެން ކުދިން އުޅޭތާކަށް ތިއާދެވުނީ ދޯ ދިމް.'' ޒީޝާން ނީލާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. ''އޭ ޒީއެއް ކަމަކު ތިކަހަލަ ވާހަކަ ނުދައްކާތި.'' ނީލާ ރަކިވާ ގޮތް ވިއެވެ. ''މީ އައްޑޫ ކުއްޖެއްތަ؟.'' ރިއުމާން ނީލާއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުއްޏެވެ. ''ހޫނ. ތީ ހަމަ ހަތަރު ކަށިމަތި އައްޑޫ ކުއްޖެއް.'' ދިމްނާ ބާރަށް ހީގަންނަމުން ބުއްޏެވެ. ''އަޅެ ވައްތަރެއް ނޫންތަ؟'' ޒީޝާން ވެސް ދިމްނާއާއި ބައިވެރި ވުމުގެ ގޮތުން ބުނެލިއެވެ. ''އޭ ޒީ. ދެން ތިހާ ވަރަށް އެއްކުއްޖާ އާއި ދިމާނުކޮށް ބަލަ.'' ރިއުމާން ބުއްޏެވެ. ''އެއީ އެމީހުންގެ ވައްތަރު. އަބަދުވެސް ތިބޭނީ އަހަންނާއި ދިމާކޮށްފަ. ޒީއަށް ވުރެ އެކަމުގައި އަރާހުންނާނީ ދިމް.'' ނީލާ މަޑުމަޑުން ބުއްޏެވެ.

''އެހެންތަ. އޭ މިވަގުތު ދެން ގޮސްލީއޭ.'' ރިއުމާން އަތުގައި އޮތް ގަޑިއަށް ބަލާލަމުން ހިނގައިގަތީ ސައިކަލާއި ދިމާއަށެވެ. ''ވަރަށް އުފަލުންދޯ ތިތިބީ މަށާ ދިމާކޮށްލެވުނީމަ.'' ނީލާ ރިއުމާން ދިޔުމުން ބުނެލިއެވެ. ''ނީލް. ވަރަށް ބޮޑަށް ސޮރީ އިނގޭ. އަސްލު މަޖަލަކަށް އެހެން ބުނެވުނީ.'' ޒީޝާން ދެރަވެލާފައި ބުއްޏެވެ. ''އިޓުސް އޯކޭއޭ.'' ނީލާ މަޑުމަޑުން ބުއްޏެވެ.

ޒީޝާނުގެ ސިކުނޑިވެސް ކުޑަވަގުތުކޮޅަކަށް ނަމަވެސް ރޭގެ ހަނދާން ތަކުން އެއްކިބާވެލި ކަހަލައެވެ. ރޭގެ އެބިރުވެރި ކަން ހިތަށް އެރުމާއެކު އޭނާގެ މޭތެޅިގަންނަނީ ކީއްވެގެންބާއެވެ. އެކަންތައްތައް އޭނާއަށް ހިތުތެރޭގައި ފޮރުވައިގެން ހުރެވޭނީ ކިހާދުވަހަކު ބާވައެވެ. ނަމަވެސް އަދި އޭނާއަށް އެކަންތައް ވެފައިވަނީ ބޮޑު އަރަތަކަށްށެވެ. ދުވާލުގަޑީގައި އޭނާއަށް ފެންނަ ނަވީލްއާއި ރޭގަނޑުވުމުން ފެންނަ ނަވީލް ހާސްބައި ތަފާތެވެ. ދުވާލުގަޑީގައި ނަވީލް ފެންނަ އިރު ހަމަ އެންމެ އާދައިގެ އިންސާނެކޭ ތަފާތެއް ނުހުރެއެވެ. އެއީ ދަސްކުރަން އުނދަގޫ އިންސާނެކެވެ. އެއްފަހަރު ވަރަށް ގާތްކޮށް ވާހަކަދައްކާލައިފިއްޔާ އަނެއްފަހަރު އޭނާ ވާހަކަދައްކާނީ ނަފުރަތާއި ރުޅިވެރިކަމާއި އެކުގައެވެ. ނަވީލްގެ އެހިތްދަތި ދިރިއުޅުމުގެ ފުރިހަމަ ޒިންމާނަގާނީ ކާކުބާއެވެ. އެޒިންމާ އުފުލާނީ ފަހެ ކާކުބާއެވެ. ނަވީލްގެ މަންމަ ހެއްޔެވެ؟ ތޫނާ ހެއްޔެވެ؟ އެއީ ޒީޝާނަށް ޖަވާބު ނޭނގޭ ސުވާލެކެވެ. ނަވީލަށް އޭނާގެ އުފާވެރި ދިރިއުޅުން ހޯދައިދެވޭނީ ކާކަށް ބާވައެވެ.

ޒީޝާނަށް ނަވީލާއި މެދު މާބޮޑަށް އެވިސްނެނީ ކީއްވެބާއެވެ. ނަވީލަކީ ޒީޝާނުގެ ކާކުހެއްޔެވެ؟ ނަވީލްގެ ދިރިއުޅުމުގައި އޭނާއަށް ވެވޭނީ ކޮން ހިއްސާއެއް ހެއްޔެވެ؟ ޖަވާބު ނޭނގޭ ތަފާތު އެތަކެއް ސުވާލެއް ޒީޝާނުގެ ސިކުނޑީގައި ގުގުމަމުން ދެއެވެ.

************ ނުނިމޭ ************

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް