ހިތް އެދޭވަރުން .. އަށްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ ރިއުމާން މިސްކިތުން ނިކުން އިރު މިސްކިތުގެ ދޮރުމަތީގައި ހިޝާމުހުންނެވިއެވެ. ހީވަނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ހުރިހެންނެވެ. ރިއުމާނަށް ހިޝާމު ފެނުމާއެކު އޭނާގާތަށް ދިޔުމަށ...

28 Jun 2017 | 03:56

ކުރީގެ އަދަދާއި ގުޅޭ

ރިއުމާން މިސްކިތުން ނިކުން އިރު މިސްކިތުގެ ދޮރުމަތީގައި ހިޝާމުހުންނެވިއެވެ. ހީވަނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ހުރިހެންނެވެ. ރިއުމާނަށް ހިޝާމު ފެނުމާއެކު އޭނާގާތަށް ދިޔުމަށް ހިނގައިގަތެވެ.

''ހިޝާމުބޭ. ކާކުގެ އިންތިޒާރުގަ މިތާގަ ތިހުންނެވީ.'' ރިއުމާން ގޮސް ހިޝާމު ގާތަށް ހުއްޓެމުން ބުއްޏެވެ. ''ރިއުމާން މިސްކިތުން ފައިބާތޯ މިހިރީ. ޝާހިދާ ބުނި ކޮންމެހެންވެސް ރިއުމާން ގޮވައިގެންނޭ އަންނަށްވާނީ. ހިނގާދަމާ.'' ހިޝާމު ސައިކަލާއި ދިމާއަށް ހިނގައިގަންނަމުން ބުއްޏެވެ. ''އެހެންތަ؟ މިއަދު ހެނދުނު ގުޅާފަވެސް ޝާހިދައްތަ ހަނދާންކޮށްދިނޭ މެންދުރުކެއުމަށް އަންނަށްވާނެކަން. އެވަރުން ނުފުދިގެން އެންމެފަހުން ހިޝާމުބެ ގާތުވެސް އެދުނީދޯ އަޅުގަނޑު ގޮވައިގެން ނޫނީ ގެއަށް ނުދުރުވަން.'' ރިއުމާންވެސް ގޮސް ސައިކަލަށް އެރިއެވެ.

ހިޝާމު ރިއުމާނާއި ދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ. އެއަށް ފަހު ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. ރިއުމާންވެސް ހިޝާމާއި ދާދި އެއްވަރެއްގައި ސައިކަލް ދުއްވަމުން ދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެއާއި ހިސާބަށް ފޯރަށްޖެއެވެ. ދެމީހުންވެސް ސައިކަލް އެއްފަރާތެއްގައި ޕާކްކޮށްލުމަށް ފަހު ގެއާއި ދިމާއަށް ހިނގައިގަތެވެ.

''ކޮބާ އާދެވިއްޖެދޯ. އަވަހަށް ހިނގާކާން ދަމާ. ބައްޕައާއި ނަވީލްކޮއްކޮވެސް އެބަތިބި ރިއުމާންގެ އިންތިޒާރުގަ ކާން ނުފެށިފަ.'' ޝާހިދާ ރިއުމާން ފެނުމުން ހިނިތުންވެލަމުން ބުއްޏެވެ. ''އެހެންތަ. އެހެންވީއިރު އެންމެ މިނެޓެއް ވެސް ލަސްކޮށްގެން ނުވާނެ. އަވަހަށް ހިނގާދަމާ.'' ރިއުމާން ޝާހިދާގެ ފަސްފަހަތުން ހިނގައިގަތެވެ.

ކާގެއަށް ވަނުމާއެކު ސުފުރާމަތީގައި ހުރި ބާވަތްތައް ފެނުމުން ރިއުމާން ހައިރާންވިއެވެ. ''މީހަމަ މަގޭ އިންތިޒާރުގަ ހުރި ކާތަކެތިތަ؟'' ރިއުމާން ހީވަނީ މިއިން ދުވަހަކުވެސް އެފަދަ ކެއުމެއް ދެކެފައި ނުވާހެންނެވެ. ''ތީ މަނިކުފާނުގެ ޝަރަފުގަ ޝާހިދައްތަ ދެއްވާ ޚާއްޞަ ފަރިއްކޮޅެކޯ. ދޯ ޝާހިދައްތާ!'' އައިނައި ދިމާއެއް ނޭގި ކާގެތެރެއަށް އައިސް ވަން ޒީޝާން ސަމާސާ ރާގަކަށް ބުނެލިއެވެ. ޒީޝާންގެ އެޖުމުލައިން ކާގެތެރޭގައި ތިބި އެންމެންގެ މޫނުމަތިން ވެސް ހިނިތުންވުން ފާޅުވެގެން ދިޔައެވެ. އެކަމަކު ނަވީލް ފިޔަވައެވެ. ނަވީލަށް އެކަމުންވީ އުނދަގުލެކެވެ. އެންމެން ހޭންފެށުމުން އޭނާއިނީ ފާޑަކަށް ބޮލަށް އުނދަގޫ ވާގޮތްވެފައެވެ. އެވަގުތު އޭނާގެ މިޒާޖު ނުބައިމަގެއް އިޚްތިޔާރު ނުކުރީ އެއީ ނަސީބެކެވެ.

''އޭ އަންހެންކުއްޖާގަނޑާ! ކޮންމެހެން މަލާމާތްކުރާނެ ކަމެއްނެތޭ އިނގޭ.'' ރިއުމާން ތައްޓަށް ބަތްކޮޅެއް އަޅަމުން ބުއްޏެވެ. ''އަހަރެން މަލާމާތް އެބަކުރަންތަ؟ އެއީ ތެދެއް ނޫންތަ އަޅެ ޝާހިދައްތާ.'' ޒީޝާން އަތުގައި ހުރި ކޯކްފުޅި ގެންގޮސް މޭޒުމަތީގައި ބަހައްޓަމުން ބުއްޏެވެ. ޝާހިދާ އެއްބަސް ވުމުގެ ގޮތުން ހިނިތުންވެލިއެވެ.

''ކޮބާ ޔޫހާ؟'' ނަސީމު ޔޫހާ ފެންނަށް ނެތުމުން އަހާލިއެވެ. ''އަހަރެން އައިއިރު މާހިދައްތަމެން ގެއިން ނޫރާއާއި އެކު ނިކުތް. އަދިވެސް ގެއަށް ނާންނަނީތަ؟''ޒީޝާން އެހެން ބުނެ ނުނިމިގެން އުޅެނިކޮށް ކާގެތެރެއަށް އައިސްވަނީ ނޫރާއެވެ. ނޫރާގެ ފަސްފަހަތުން ޔޫހާވެސް ވަނެވެ. ''އަހަ. މާން ސަރ.'' ނޫރާއަށް ކާމޭޒުދޮށުގައި އިން ރިއުމާން ފެނުމުން ހައިރާންވާގޮތްވިއެވެ.

''ނޫރާ ތީ މިގޭ ............''   ''ހޫނ!ނޫރާ އެއީ ހަމަ މިގޭ ކުއްޖެއް. އަސްލު ރިއުމާނަކަށް ނޭނގޭދޯ އެކަމެއް.'' ޝާހިދާ އޮޅުން ފިލުވައި ދިނެވެ. ރިއުމާން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ''އަސްލު އަހަރެމެންނަކަށް ވެސް ނޭނގޭ ނޫރާ މަސައްކަތް ކުރާ ސްކޫލުގަކަމެއް ރިއުމާން މަސައްކަތް ކުރަނީއެއް. ޒީޝާނުބުނީމަ އެގުނީ ދޯ ޝާހިދާ.'' ހިޝާމު މަޑުމަޑުން ބުއްޏެވެ. ''އެކަމަކު އެކުއްޖާގަނޑެއް އަހަރެން ގާތުގައެއް ނުބުނޭ ގޭ ކުއްޖެއް އެސްކޫލުގެ ޓީޗަރަކަށް އުޅޭވާހަކައެއް.'' ރިއުމާން ހޯދާލީ ޒީޝާން ފެނޭތޯއެވެ. ނަމަވެސް އޭރު ޒީޝާނެއް ފެންނާކަށް ނެތެވެ. ހީވަނީ ކޮންމެވެސް ތާކަށް ދިޔައީހެންނެވެ.

''އެހެންތަ. ވެދާނެ ޒީޝާން ހަނދާން ނެތުނީ ކަމަށްވެސް. ދެން އެވާހަކައެއް ނޫނޭ. ހިތްހަމަ ޖެހޭތަ މިހިސާބު.''ނަސީމު އަހާލިއެވެ. ''އާނ! ވަރަށް ހިތްހަމަޖެހޭ. ހީކުރި ވަރަށް ވުރެ އެންމެންވެސް މާރަޚްމަތްތެރި. ނޫރާމެން ކުދިން ވަރަށް ރަނގަޅު. ވަރަށް އުފާވޭ އެންމެ ފުރަތަމަ ވެސް ވަޒީފާއަކަށް އެކަހަލަ މާހައުލަކަށް ނިކުމެވުނީމަ.'' ރިއުމާންގެ ވާހަކަތައް އަޑުއިވުމުން އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

ނަމަވެސް ނަވީލްގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ. އޭނާ މަޑުމަޑުން އިނދެކައި ނިއްމާލައިގެން އަވަސް އަވަހަށް އަތްދޮވެލައިގެން ކާގެއިން ނިކުތުމަށް ހިނގައިގަތެވެ. ރިއުމާނަށް އެކަން ފާހަގަކުރެވުނެވެ. ނަމަވެސް އެކަމާއި މާބޮޑަކަށް އަޅައެއް ނުލައެވެ. ހީވަނީ ކޮންމެވެސް ވަރަކަށް އޭނާއަށް ނަވީލް އެނގޭހެންނެވެ.

''ޝާހިދައްތާ ހުރިހާ އެއްޗެއްވެސް ވަރަށް މީރު އިނގޭ.'' ރިއުމާން ކައިނިމިގެން ކާގެއިން ނިކުންނަމުން ޝާހިދާއަށް ބަލާލަމުން ބުއްޏެވެ. ''ގޯނިފުލަށް ނުލިޔަކަސް އެނގެއޭ ރިއުމާނަށް ޝާހިދައްތަ ކައްކާ އެއްޗެހި މީރުވާނެކަން.'' ޝާހިދާ ހިނިތުން ވެލިއެވެ. ''އަސްލުވެސް މީރުވީމައޭ މީރުވާހަކަ މިބުނީ.'' ރިއުމާން ހިނިތުންވަމުން ބުއްޏެވެ. ''ބޭބެ ދަނީތަ؟'' ރިއުމާން ހިނގައިގަތުމުން ޔޫހާ ގޮވާލިއެވެ. ''ނުދާންވީތަ؟'' ރިއުމާން ހުއްޓިފައި ޔޫހާއަށް ބަލާލަމުން ބުއްޏެވެ. ޔޫހާ ހިނިތުންވެލިއެވެ. ''ދަރިފުޅާ! ބޭބެ އަދި އަންނާނޭ.'' ހިޝާމު ޔޫހާއި ދިމާއަށް ބަލާލަމުން ބުއްޏެވެ. ''ބަސްއަހާ ކުދިން ގާތަށް އަބަދުވެސް ބޭބެ އަންނާނަމޭ. އެކަމަކު މިވަގުތު ދެން ބޭބެދަނީ އިނގޭ.'' ރިއުމާން އައިސް ޔޫހާގެ ބޮލުގައި ފިރުމާލާފައި ހިނގައިގަތެވެ.

ރިއުމާން ގޮސް ގޭތެރެއަށް ވަންއިރު ގޭތެރޭގައި ހުރި ސޯފާއެއްގައި ޒީޝާން ފޯނެއްގައި އިނެވެ. ޒީޝާން އިން ސޯފާގެ އަނެއްކޮޅުގައި ނަވީލްވެސް އިނެވެ. ރިއުމާން މަޑުމަޑުން ގޮސް ޒީޝާން ސިއްސުވާލިއެވެ. ''މާން. އަޅެތީ ދެންކޮންކަމެއް.'' ޒީޝާން ސިހިފައި ފަހަތަށް ބަލާލަމުން ބުއްޏެވެ. ''ކާކަށް ގުޅައިގެންތަ މާ އޮލަވާހަކައެއްގަ ތީދީ.'' ރިއުމާން ހުރީ ހިނިއައިސްފައެވެ. ''ސާބަހޭ މީމަންމައޭ.'' ޒީޝާންއަނގައަށް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ.

''އޯހ. ސޮރީ. ހަލީމައްތައަށް މަގޭ ސަލާމް ބުނެދެއްޗޭ.'' ރިއުމާން މަޑުމަޑުން ބުއްޏެވެ. ''މަންމާ މިއުޅޭ ރިއުމާން ކަލޯ މަންމައަށް ސަލާމް ބުނި.'' ޒީޝާން ހީގަންނަމުން ބުއްޏެވެ. ''އޭ ޒީ. ބުނީމެއްނު ކަލޯ ނުކިޔާށޭ މަށަށް. މިހާރު ހަނދާން ނެތުނީތަ؟'' ރިއުމާން ޒީޝާންގެ ކަންފަތުގައި ހިފަމުން ބުއްޏެވެ. ''އައްދޯތް!  މާންގަނޑާ. ތަދުވެއޭ. މަންމާ.'' ޒީޝާން ބުއްޏެވެ. ''ހަލޯ. ހަލީމައްތާ. ބަލާބަލަ މިޒީ މަށާއި ދިމާއަށް ކިޔާއެއްޗެހި.'' ރިއުމާން ޒީޝާން އަތުން ފޯނުއަތުލާގައި ކަންފަތުގައި ޖައްސާލަމުން ބުއްޏެވެ.

''ތިދެކުދިން ޖެހިއްޖެއްޔާ އަބަދުވެސް އޮންނަނީ ތިކަހަލަ ސަކަރާތެއްނު. ދޮންކަލޯގެ ހާލު ރަނގަޅުތަ އަނެއްކާ.'' ހަލީމާ އެކޮޅުން އަހާލިއެވެ. ''އިރާދަކުރެއްވިއްޔާ އަޅުގަޑުގެ ހާލު ރަނގަޅު. ހަލީމައްތަ ކިހިނެއްތަ؟'' ރިއުމާން އަހާލިއެވެ. ''އިރާދަކުރެއްވިއްޔާ ހަލީމައްތަގެ ހާލުވެސް ވަރަށް ރަނގަޅު.'' ހަލީމާ ހިނިތުންވަމުން  ބުއްޏެވެ. ''ހަލީމައްތާ އެންމެންނަށް މަގޭ ސަލާމް ބުނެދެއްޗޭ. މިދެނީ ޒީ އަތަށް.'' ރިއުމާން ޒީޝާނު އަތަށް ފޯނުދީފައި ދަނީއޭ ބުނެފައި ހިނގައިގަތެވެ. ޒީޝާނުވެސް މަންމާއޭ ފަހުން ގުޅާނަމޭ ބުނެފައި ފޯނުކަނޑާލައިފިއެވެ. އޭރު ޒީޝާންއާއި ރިއުމާންގެ ސަމާސާތައް ބަލަން ސޯފާގައި އިން ނަވީލަށް ކެތްކުރެވެނީ ހަމަ ކިރިޔާއެވެ.

''އޭ ޒީ. އެއީ ކާކުތަ؟'' ނަވީލް ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''އެއީ ޒީމެން ރަށު މީހެއް.'' ނަވީލް ރިއުމާނަކީ ކާކުތޯ އެހުމުން ޒީޝާން ހައިރާންވާގޮތް ވިއެވެ. ''ވަރަށް ފޮނިމީހެއް ވައްތަރު ޖަހާ. ހީވަނީ އޭނައަށް އޭނަ ފެނިފަ ހުންނަހެން.'' ނަވީލް ބޭނުންވީ ހިތުގައި ހުރި އުދާސްތައް ބޭރު ކޮށްލާށެވެ. ''ނަވީލް ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނު.'' ޒީޝާން ނަވީލަށް ބަލާލަމުން ބުއްޏެވެ.

''ނުވިސްނޭނޭ. ރަނގަޅުވެސްވާނީ ނުވިސްނުނިއްޔާ.'' ނަވީލް ބުއްޏެވެ. ''ނަވީލް. އަޅެ މީހަކަށް ފަހުމް ވާނެހެން ތިބުނާ އެއްޗެއް ބުނެބަލަ. އަބަދުވެސް ނަވީލް ބޭނުންވާނީ..........................''   ''އެހެންމީހުންގެ ކަންތަކާއި ބެހި އެކަން ތައްތައް ހޯދަން އުޅުންދޯ. އެކަމަކު އެއީ ހަމަ ޒީވީމަ އަހާލި އެއްޗެއް.'' ނަވީލް ބުނި ދެމާނަ އެކުލެވޭ ޖުމުލައެއްގެ ސަބަބުން ޒީޝާން ހައިރާންވިއެވެ.

''އަހަރެންގެ ކަންތައްތައް ހޯދަން އަހަރެންމީ ނަވީލްގެ ވަކި ކާކު؟'' ޒީޝާނު ނަވީލްގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''ތީ އަހަރެން ވަރަށް އިތުބާރުކުރާ މީހެއް. އުންމީދުކޮށް ގެން ހުރީ ޒީވެސް މަށަށް ދޮގެއް ނުހަދާނެކަމަށް. އެކަމަކު މިހާރު އެގިއްޖެ........''

''މިހާރު ކޯއްޗެއް އެގިގެން ތިއުޅެނީ.'' ނޫރާއައީ ޒީޝާން ކާން ބަލައެވެ. ''ނޫރާއަށް ކޮންކަމެއް ކޮންމެ ކަމެއް އެގުނަސް.'' ނަވީލް ގާތަށް ރުޅިއަންނަގޮތްވިއެވެ. ''ތުއްތުބޭ. މިހާރު ކިހިނެއް ތިވަނީ. އަހަރެން ހަމަ އެއްޗެކޭ ބުނާއިރަށް ރުޅިއަންނާނެ.'' ނޫރާ ދެރަވެލާފައި ބުއްޏެވެ. ''ނޫރާއަކަށް ނުޖެހޭނެ އަހަރެން ކުރާކޮންމެކަމަކާއި ބެހޭކަށެއް.'' ނަވީލް ތެދުވިއެވެ. ''އަހަރެން ނުބެހެމޭ ތުއްތުބޭ ކުރާކޮންމެ ކަމަކާއެއް. އަހަރެން ވަރަށް ދެރަވޭ ތުއްތުބޭ ތިގޮތަށް ކަންތައްތައް ކުރާތީ.'' ނޫރާ އެހެން ބުނިނަމަވެސް ނަވީލް އެވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ފަސްއެބުރި ބަލާލުމެއްވެސް ނެތި ގޮސްވަނީ ކޮޓަރިއަށެވެ. ނޫރާ ދެރަވެލާފައި ޒީޝާނަށް ބަލާލިއެވެ.

''އަޅާ ނުލާ. ކުޑައިރުކޮޅަކުން އެރުޅިގަޑު މަޑުވެދާނެ. އަސްލު ނޫރާއަށް ވެސް ވާހަކަ ދެއްކޭގޮތް ރަނގަޅެއް ނޫނޭ.'' ޒީޝާން ތެދުވަމުން ބުއްޏެވެ. ''ދެން އަޅެ ޒީ ބުނެބަލަ. އަހަރެން ކިހިނެއް ތުއްތުބެއާއި ވާހަކަ ދައްކަންވީ.'' ނޫރާ މަޑުމަޑުން ބުއްޏެވެ. ''ދެން އެވާހަކަ ދައްކާނީ ފަހުންދޯ. މިހާރު ވަރަށް ބަނޑުހައި ވެއްޖެ. ހިނގާކާން ދާން.''ޒީޝާން ހިނގައި ގަތެވެ. ނޫރާވެސް މަޑުމަޑުން ޒީޝާނުގެ ފަހަތުން ހިނގައިގަތެވެ.

މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ގޭގެ އެންމެންވެސް ތިބީ މަރު ނިދީގައެވެ. ޒީޝާނަށް ހޭލެވުނީ އޭނާގެ ކޮޓަރި ކައިރިން ބޭރުން ދެމީހަކު ވާހަކަ ދައްކާ އަޑަށެވެ. މުޅި ކޮޓަރި ތެރޭގައި ވެރިކަން ކުރަމުން ދަނީ ނިދާބޮކީގެ ފަޑުއަލިކަމެވެ. އެފަޑު އަލިކަމުގެ ތެރެއިން އޭނާ ނުހަނު އަރާމުކޮށް ނިދާލާފައި އޮތް ޔޫހާގެ މައުސޫމް މޫނަށް ބަލާލިއެވެ. އެމޫނުމަތީގައި އެގޭތެރޭގައި ހިނގާ ކަންތައްތަކުގެ އެއްވެސް އަސަރެއް ނުވެއެވެ. ހީވަނީ އެކުޑަކުޑަ މައުސޫމް އަންހެންކުއްޖާއަށް އެއިން އެއްވެސް ކަމެއް އަދި ނޭނގޭހެންނެވެ. ކުއްލިއަކަށް ޒީޝާންގެ ދެކަންފަތް ކޮޅަށް ޖެހިގެން ދިޔައީ ކުޑަދޮރު ކައިރިން އިވުނު ފިރިހެން އަޑެއްގެ ސަބަބުންނެވެ. އެއީ ނަވީލް ނޫން ދެވަނަ އެހެންމީހެއްގެ އަޑެއް ނޫނެވެ. ޒީޝާން މަޑުމަޑުން އެނދުން ފައިބައިގެން ކުޑަދޮރާއި ދިމާއަށް ދިޔައެވެ.ކުޑަދޮރާއި ގާތްވަމުން ދިޔަވަރަކަށް އޭނާއަށް އެއަޑު ދިޔައީ ސާފުވަމުންނެވެ. ޒީޝާން ކުޑަދޮރުގެ ފޮތިގަނޑު ކުޑަކުޑަކޮށް ކަހާލިއެވެ.އޭނާއަށް އެމިލަ ހަނދުވަރުގެ ތެރެއިންވެސް ނަވީލް ފާހަގަ ކުރާކަށް އުނދަގުލެއް ނުވިއެވެ. ނަވީލް ހުރީ ކުޑަދޮރާއި ވަރަށް ގާތުގައެވެ.ދެވަނަމީހެއް އޭނާއަކަށް ރަނގަޅަކަށް ނުފެނެއެވެ. ޒީޝާނަށް ފެންނަނީ އެމީހެއްގެ ހަމައެކަނި ހިޔަންޏެވެ. ''ތޫ. ކީއްވެތަ އަހަރެން ދެކެ ރުޅިއައިސްފަ ތިހިރީ.'' ޒީޝާނަށް އިވެނީ ނަވީލް ވާހަކަ ދައްކާ އަޑެވެ. ދެވަނަމީހަކު ދައްކާ ވާހަކަތައް ޒީޝާނަށް އިވެނީ ހަމައެކަނި ވައިއަޑުންނެވެ. ޒީޝާން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ކަންފަތް ޖަހައިގެން އޮވެ އެއަޑު އަހަން ވަރަށް މަސައްކަތްވެސް ކުރިއެވެ.ނަމަވެސް އެމީހާގެ އަޑެއް ހަމަ ސާފުވާގޮތެއް ނުވިއެވެ.

******************* ނުނިމޭ ************************

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް