ހިތްް އެދޭވަރުން - ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ ''މަންމާ.ކޮބާ ޒީދައްތަ.'' ޔޫހާ ވާހަކަ ދެއްކީ ފާހާފޮށި ދަށުގައި އިން ޝާހިދާއާއިއެވެ. ''ދަރިފުޅާ! ކިހިނެއްވީ އަނެއްކާ ޒީދައްތަ ތިހޯދަނީ.'' ޝާހިދާ ޔޫހާއަށް ބަލާލަމުން ބުއްޏެވެ. ''ޒީދ...

20 Jun 2017 | 04:37

ކުރީގެ އަދަދާއި ގުޅޭ

''މަންމާ.ކޮބާ ޒީދައްތަ.'' ޔޫހާ ވާހަކަ ދެއްކީ ފާހާފޮށި ދަށުގައި އިން ޝާހިދާއާއިއެވެ. ''ދަރިފުޅާ! ކިހިނެއްވީ އަނެއްކާ ޒީދައްތަ ތިހޯދަނީ.'' ޝާހިދާ ޔޫހާއަށް ބަލާލަމުން ބުއްޏެވެ. ''ޒީދައްތަ ހޯދަން ބޭބެއެއް އައިސް އެބަހުރި. އެބޭބެ ބުނި ޒީދައްތައަށް ގޮވާދީބަލާށޭ.'' ޔޫހާ މަޑުމަޑުން ބުއްޏެވެ. ''އަނެއްކާ ކާކުބާ؟'' ޝާހިދާ ފަހާފޮށި ދަށުން ތެދުވެގެން ބޭރަށް ހިގައިގަތެވެ.

ޝާހިދާ ނިކުންއިރު ސިޓިންރޫމުގެ ދޮރުމަތީގައި ރިއުމާން ހުއްޓެވެ. ޝާހިދާ ފެނުމުން އޭނާ ހިނިތުންވެލިއެވެ. ''އަހަ. ރިއުމާން. ކޮންއިރަކު މިރަށަށް އައީ.'' ޝާހިދާއަށް ރިއުމާން ފެނުމާއެކު ކާކުކަން އެގުނެވެ.

އެއީ ޒީޝާންގެ ނުހަނު ގާތް ރަޚްމަތްތެރިއެއްކަން އޭނާއަށް މާކުރިންވެސް އެގެއެވެ. އޭނާ މާލޭގައި އުޅުނު އިރު ރިއުމާން ޒީޝާން ގާތަށް އެގެއަށް ގޮސް ވެސް އުޅެއެވެ. ޝާހިދާ ބުނާ ކުދިކުދި ކަންތައްތައް ވެސް އެހެން ގޮސް އުޅޭއިރު އޭނާ ކޮށްލަދީ ހަދައެވެ. ޝާހިދާއަށް އެގިފައިވާ ގޮތުގައި އޭލެވެލް ނިއްމުމަށް ފަހު ރިއުމާން ދިޔައީ ކިޔެވުމަށް ރާއްޖެއިން ބޭރަށެވެ.

''ކުޑަދުވަސްކޮޅެއް ވެއްޖެ މިކޮޅުގަ އުޅޭތާ.'' ރިއުމާން ހިނިތުންވެލަމުން ބުއްޏެވެ. ''ވަގު ކަބިއްޔެއްހެން ފިލައިގެން ނޫޅެ އާދެބަލަ މިތާއިށީއްނަށް.މިވަތުގު ޒީވެސް ގެއަކު ނޫޅެއޭ. ޒީވަނީ ބޮޑުދައިތައާއި އެކު ހޮސްޕިޓާލަށް ގޮސް.'' ޝާހިދާ ސިޓިންރޫމުގައި ހުރި ސޯފާއަށް އިޝާރާތް ކޮށްލަމުން ބުއްޏެވެ. ''ޒީ ނުބުނޭތަ އަހަރެން ދުށް ވާހަކައެއް.'' ރިއުމާން އައިސް ސޯފާގައި އިށީއްނަމުން ބުއްޏެވެ. ''އާނ! އޭނައަކަށް މިހާރުކުރިން ވާހެން ވަގުތެއް ނުވެއޭ. އަބަދު އުޅޭނީ ކޮންމެވެސް އެއްޗެށް ނިއްމާނުލެވިގެން. އެވާހަކައެއް ނޫނޭ. އަނެއްކާ ރިއުމާން މިރަށުގަ ކީއްކުރަނީތަ؟'' ޝާހިދާ އަހާލިއެވެ. ''ސްކޫލެއް ހިންގުމާއި ހަވާލުވެގެން މިހިސާބަށް އަންނަށް ޖެހުނީ.'' ރިއުމާން ބުއްޏެވެ.

''އެހެންތަ ވަނީ. ޝާހިދައްތަ ހީކުރީ އަނެއްކާ ބެހިގެން އާދެވުނީ ކަމަށް. ހިނގާ އެއްޗެށް ކާލާ ބޯލާ ހަދާލަން ދަމާ.'' ޝާހިދާ ތެދުމަވުން ބުއްޏެވެ. ''ނޫނޭ. ހަމަ ދެންމެ މިއައީ މިހިސާބުގަ އުޅޭ ރައްޓެއްސެއްގެ ގެއިން ވަރަށް ރަނގަޅަށް ސައިބޮއިގެން. އެގެއަށް ސައިބޯން އައިސްފަ މިގެއަށް މިވަނީވެސް.'' ރިއުމާން ހިނިތުން ވެލަމުން ބުއްޏެވެ. ''އެހެންތަ. އެހެންވީމަ މާދަމާ ހުކުރުން ފައިބައިގެން ކާން އަންނަށްވާނީ މިގެއަށް. ނޫނެކޭ ނުބުނާތި.'' ޝާހިދާ ރިއުމާނަށް ބަލާލަމުން ބުއްޏެވެ.

''އިރާދަކުރެއްވިއްޔާ ޝާހިދައްތަގެ ތިއަމުރަށް ކިޔަމަންތެރިކަމާއެކު ބޯލެބޭތޯ ބަލާނަން.'' ރިއުމާން ހިނިތުން ވެލަމުން ބުއްޏެވެ. ''މީއަމުރެއް ނޫން. މީ އެދުމެއް. ޝާހިދައްތަ ވަރަށް ބޮޑަށް އުއްމީދުކުރަން މާދަމާ މިގޭ ސުފުރާމަތިން ރިއުމާން ފެންނާނެކަމަށް.'' ޝާހިދާ ބުއްޏެވެ. ''އިރާދަކުރެއްވިއްޔާ އަންނާނަށް. ދެން މިވަގުތު ދަނީ.'' ރިއުމާން ތެދުވެގެން ހިނގައިގަތެވެ. ޝާހިދާވެސް ރިއުމާން ދިޔުމުން އެބުރި އޭނާގެ މަސައްކަތައިގެން މައްސޫލުވިއެވެ.

ނަވީލްއިނީ ކޮމްޕިޔުޓަރު ދަށުގައި ގޭމުކުޅޭށެވެ. ގޭމުކުޅެން އިންނަމަވެސް އޭނާގެ ޚިޔާލާއި ފިކުރު އެބުރެމުންދަނީ އެހެން ދުނިޔެއެއްގައި ކަހަލައެވެ. ގޭމަށް ދޭސަމާލުކަމަށް ވުރެ އެހެން ކަމަކަށް މާބޮޑަށް އޭނާއަށް ސަމާލުކަން ދެވޭހެން ހީވެއެވެ. އިރުއިރުކޮޅާ ކުރިމަތީގައި ހުރި ކުޑަދޮރާއި ދިމާއަށް ބަލާލާގޮތުން ހީވަނީ ކޮންމެވެސް މީހަކަށް އޭނާ އިންތިޒާރު ކުރަމުންދާ ހެންނެވެ. ނަމަވެސް ކުޑަދޮރުން އެތެރެއަށް ވަންނާނީ ކާކުކަމެއް ނަވީލް ފިޔަވައި އިތުރު މީހަކަށް ނޭނގެއެވެ. ނަވީލް އެކަހަލަ ޚިޔާލެއްގެ ތެރޭގައި އިންދާ ކުއްލިއަކަށް ކުޑަދޮރުކައިރިން ހިލަމެއް ވިއެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން ކުޑަދޮރާއި ދިމާއަށް ދިޔައެވެ. ކުޑަދޮރުގެ ފަރުދާ ކަހާލުމަށް ފަހު ބޭރުބަލާލިއެވެ. އަނދިރީގެ ތެރެއިން ވެސް އޭނާއަށް ތޫނާ ފާހަގަވިއެވެ. ތޫނާ ހުރީ ގޯތިތެރޭގައި ހުރި ހިތިގަހުގައި ލެގިލައިގެންނެވެ. އެއީ ނަވީލްއާއި ތޫނާގެ އެންމެ ފުރަތަމަ ލޯބީގެ ބައްދަލުވުން ފެށުނު ތަނެވެ. ތޫނާގެ ތުންފަތްމަތީގައި ލާނެއް ހިނިތުންވުމެއް ކުޅެލަކުޅެލާ ހުއްޓެވެ. އަތުން ހަނާއަޅާލާ ގާތަށް އައުމަށް ތޫނާ އެދުނެވެ. ނަމަވެސް މިރޭ ނަވީލްދާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަވެސް މިރޭގޭގައި އެބައުޅުއްވައެވެ. ބައްޕަވަނީ ރޭނގަޑު ބޭރަށް ނުދިޔުމަށް ނަވީލް ލައްވާ ވަޢުދުކުރުވާފައެވެ. ބައްޕައަށް ދޮގުހެދުމަކީ އޭނާއަށް ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ނަމަވެސް ތޫނާ ގާތަށް ނުގޮސްވެސް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. އެންމެ ފަހުން އޭނާ ގޮތެއް ނިއްމިއެވެ. ކުޑަދޮރުން ތޫނާ ކޮޓަރިތެރެއަށް ވެއްދުމެވެ. އޭނާ އަތުން ހަނައަޅާލާ ގާތަށް އައުމަށް ތޫނާއަށް އިޝާރާތްކުރިއެވެ. ތޫނާ ފަރިހިނގުމެއްގައި އައިސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ. އެވަގުތު ތޫނާގެ ލޮލުގައި އަޅައިގަތީ ޑުރެސިންގޓޭބަލްގެ ބިއްލޫރިގަނޑުގައި އަޅުވާލާފައި އޮތް އާޔަތުލް ކުރުސި އެވެ.

އެވަގުތު އޭނާގެ ދެލޮލުން އަލިފާން ކަނިބުރައިގެން ދިޔަކަހަލައެވެ. ނަމަވެސް ނަވީލަށް އެކަން ފާހަގަ ވިހެނެއް ހިއެއް ނުވެއެވެ. ''ތޫނާ. މިރޭ ނެތް ބޭރަށް ދެވޭކަށް. ތޫނާ އާދޭ އެތެރެއަށް.'' ނަވީލް މަޑުމަޑުން ބުއްޏެވެ. ''ނަވީލަށް ބޭރަށް ނާދެވެއްޏާ އަހަންނަކަށް ވެސް ނެތް އެތެރެއަށް ވަދެވޭކަށް.'' ނަވީލަށް ތޫނާގެ އަޑު އިވެމުން ދިޔައީ އެކޯވެގެން އަންނަ ކަހަލަ ގޮތަކަށްށެވެ.

''އަނެއްކާ ކިހިނެއްވީ؟'' ނަވީލް ތޫނާއަށް ބަލާލަމުން ބުއްޏެވެ. ''ނަވީލް އަހަރެން ދެކެ ލޯބި ނުވާތީ.''   ''ކީކޭ ތޫނާ. އަހަރެން ތޫނާ ދެކެ ވަރަށް ލޯބިވޭ.'' ނަވީލް ދެރަވެލާފައި ބުއްޏެވެ. ''ލޯބިވާލެއް ބޮޑުކަމުންތާ އަހަރެންނަށް ތިކޮޓަރިއަށް ވަނުން މަނާކޮށްފަ ތިއޮތީ. އަހަރެން ނުލާހިކު މަސައްކަތުންނޭ މިހާރު ނަވީލްއާއި ބައްދަލުކުރަން މިއަންނަނީ. އެކަމަކު ނަވީލް އެކަމެއް ނުދަނޭ. ނަވީލް ބޭނުން ގޮތެއް ހަދަން ހުރިމީހެއް ނޫނޭ އަހަރެންމީކީ.'' ތޫނާގެ އަޑުގައި ނަފުރަތާއި ރުޅިވެރިކަން އެކުލެވިގެންވެއެވެ. ''ތޫނާ. ހެޔޮ ނުވާނެ ތިހެން ބުނާކަށް. އަހަރެން ތޫނާ ދެކެ ވަރަށް ލޯބިވޭ.'' ނަވީލް ދެރަވެލާފައި ބުއްޏެވެ.

''ތިވާހަކަތައް ކަލޭ ބައްޕަގާތު ދައްކާ. އަހަރެން ބޭނުމެއް ނޫން ތިވާހަކަތައް އަޑު އަހާކަން.ލޯބިވާ މީހުން ތިހެން ކަންތައް ކުރާނެކަމަކަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ.'' ކުއްލިއަކަށް ނަވީލްއަށް ތޫނާ ގެއްލުނެވެ. ނަވީލް ތޫނާއަށް ގޮވާލިއެވެ. ނަމަވެސް އޭނާވަނީ އެއަޑު އިވޭ ހިސާބަށް ވުރެ މާދުރަށް ގޮސް ގެއްލިފައެވެ. ނަވީލް ކެތްމަދުވެފައިވާ ހިތަކައިގެން ތޫނާ ފެނޭތޯ އަނދިރީގެ ތެރެއިން ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ގޯތިތެރޭގެ އެއްވެސް ދިމާއަކުން ތޫނާގެ ހިލަމެއް ބިލަމެއްވެސް ނުވެއެވެ. ނަވީލް ކުޑަދޮރު ކައިރީގައި ބޭރު ބަލަހައްޓައިގެން ހުއްޓައި ކޮޓަރީގެ ދޮރުހުޅުވާލި އަޑުއިވުނެވެ. އޭނާ ސިހިފައި ދޮރާއި ދިމާއަށް ބަލާލިއެވެ. އެއީ ބޮޑުދައިތައެވެ. ބޮޑުދައިތަ އަތުގައި ފެންޖަގަކާއި ތައްޓެއް އޮތެވެ.

''ކޮއްކޯ. ކުޑަދޮރު ކައިރީގަ ކީއްތިކުރަނީ.'' ބޮޑުދައިތަ ފެންޖަގާއި ތަށި މޭޒުމަތީގައި ބަހައްޓާފައި އައިސް ނަވީލް ގާތަށް ހުއްޓެމުން ބުއްޏެވެ. ''ކަމެއް ނުވޭ. ދޮރު ލައްޕަން އައިސްފަ މަޑުކޮށްލީ.'' ނަވީލް ދޮގެއް ހަދާލިއެވެ. ''އެހެންތަ. ދެން އަވަހަށް ދޮރުތައް ލައްޕާފަ ނިދަންދޭ. މިހާރު އެއޮއް އެގާރަ ޖަހަނީ.'' ބޮޑުދައިތަ ނަވީލްގެ ބޮލުގައި ލޯތްބާއި އެކު ފިރުމާލަމުން ބުއްޏެވެ. ނަވީލް ވެސް އެންމެ ފަހު ފަހަރަށް ކަހަލަ ގޮތަކަށް ބޭރުބަލާލުމަށް ފަހު ކުޑަދޮރު ލައްޕާލިއެވެ. އަދި ބަސްއަހާ ކުޑަކުއްޖަކު ފަދައިން ގޮސް އެނދުގައި އޮށޯތެވެ. ބޮޑުދައިތަވެސް ކޮޓަރި ތަޅުނުލާށޭ ބުނެފައި ނިދާބޮކި ދިއްލާލުމަށް ފަހު ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.

ހުކުރު ދުވަހެވެ. އިރުއެރުމާއެކުހެން ޝާހިދާ ބަދިގެ ތެރޭގައި މާއަތްމަތި އަވަސްކޮށްލައި އުޅޭތަން ފެނެއެވެ. ޒީޝާނަށް އާދެވުނު އިރުވެސް ޝާހިދާއާއި ބޮޑުދައިތައާއި ދެމީހުން ވެގެން ހެނދުނުގެސައި ތައްޔާރުކޮށް ނިއްމާލުމަށް ފަހު ހުރީ ސުފުރާމައްޗަށް ވެސް އަރުވާފައެވެ. ބަދިގެތެރެއިން ފެންނަ މަންޒަރުން ހީވަނީ މިއަދަކީ މާޙާއްޞަ ދުވަހެއް ހެންނެވެ. ބޮޑުދައިތަ އޭރުވެސް އިނީ ތަރުކާރީ ކޮށާށެވެ.

''ބޮޑުދައިތާ. މިއަދުމީ މާޙާއްޞަ ދުވަހަކީތަ؟'' ޒީޝާނަށް ވެގެން އުޅޭގޮތެއް ނޭނގޭތީ އަހާލެވުނެވެ. ''ހޫނ. މިއަދު ޝާހިދާގެ މާގާތް ކުއްޖަކު މެންދުރު ކެއުމަށް އަންނަނިއްޔޯ.'' ބޮޑުދައިތަ ހީލަމުން ބުއްޏެވެ. ''ޝާހިދައްތާ. އަނެއްކާ ކާކުތަ؟'' ޒީޝާން ސިންކު ކައިރީގައި ތަށިދޮންނަށް ހުރި ޝާހިދާގާތަށް ގޮސް ހުއްޓެމުން ބުއްޏެވެ. ''ރިއުމާނަށް ކެއުމެއް ދޭން ވެގެން މިއުޅެނީ. ބުނިން ހުކުރުން ފައިބައިގެން މިގެއަށް މިއަދު ކާން އަންނާށޭ.'' ޝާހިދާ އޮޅުން ފިލުވައި ދިނެވެ. ''ކޮން އިރަކު ޝާހިދައްތައާއި އޭނަ ދިމާވީ.'' ޒީޝާން އަހާލިއެވެ. ''އިއްޔެ މިގެއަށް އައޭ. އަސްލުއައީ ޒީ ހޯދަން.'' ޝާހިދާ ބުއްޏެވެ. ''އެހެންދޯ. ޝާހިދައްތައަށް އެގޭތަ؟''  ''ކޯއްޗެއް؟'' ޝާހިދާ އަވަސް އަވަހަށް އަހާލިއެވެ. ''ނޫރާމެން ސްކޫލް ޕުރިންސިޕަލޭ އެއީ. ނުބުނޭތަ އެވާހަކައެއް.'' ޒީޝާން ބުއްޏެވެ.

''އާނ. ސްކޫލެއް ހިންގުމާއި ހަވާލުވެގެން އައި ވާހަކަ ބުނި. އެކަމަކު ތިއެއް ނޭނގެ. ތިވީ މާރަނގަޅަކަށްނު.'' ޝާހިދާ ހިނިތުންވެލިއެވެ. ''ޝާހިދައްތާ. އެކަމަކު ނޫރާ ގާތު ނުބުނައްޗޭ ރިއުމާން މެންދުރު ކާން އަންނަ ވާހަކަ. އެކަން ބާއްވާނީ ސަޕުރައިޒެއްގެ ގޮތުގައި އިނގޭ.'' ޒީޝާން ބުނެލިއެވެ. އެވަގުތުވީ ނޫރާވެސް އައިސް ކާގެއަށް ވަން ވަގުތަށްށެވެ.

''މާތް ކަލާކޯ. ކޮންކަމެއް ލައިގަނެގެން އުޅޭ ދުވަހެއް.'' ނޫރާއަށް ބަދިގެ ތެރޭން ފެނުނު މަންޒަރަކުން އަހާލެވުނެވެ. ''ކަމެއް ލައިގަނެގެން އެބައުޅޭތަ؟ މެންދުރަށް ކައްކާކަށްނު މިއުޅެނީ.'' ޝާހިދާ ހުރީ ހިނިއައިސް ފައެވެ. ''އެކަމަކުވާދޯ. ހާދަހާ ބާވަތެކޭ.'' ނޫރާ މަޑުމަޑުން ބުއްޏެވެ. ''ނޫރާ. މިއަދުމީ ހުކުރުދުވަސް ކަމެއްހަމަ ނޭނގޭތަ؟'' ޒީޝާން އަހާލިއެވެ. ''ތިކަން އެގެއޭ. އެކަމަކު................''

''ކޮން އެކަމަކު މިކަމަކުއެއް ކިޔާކަށް. ނޫރާވެސް އާދޭ ކޮންމެވެސް ކަމެއް ކޮށްދޭން.'' ޝާހިދާ ބުއްޏެވެ. ''ސާހިބާ! ކޮންކަމެއްތޯ ކޮށްދޭންވީ. އަޅުގަނޑު މިހިރީ ވިދާޅުވި ކަމެއް ކުރުމަށް ތައްޔާރަށް.''  ނޫރާ ގޮސް ޝާހިދައްތަ ގާތަށް ހުއްޓިފައި ބޯގުދުކޮށްލަމުން ބުއްޏެވެ. ''ހޫނ. ދެން މާފޮނިވާނެ ކަމެއް ނެތޭ.'' ޝާހިދާ ހުރީ ނޫރާގެ އަމަލުތައް ހުރިގޮތުން ހިނިއައިސްފައެވެ. ޒީޝާންވެސް ކަކަކަކަ އަޅާފައި ހީގަތެވެ. ތަރުކާރީ ކޮށަށް އިން ބޮޑުދައތަ ގާތަށްވެސް ވަރަށް ހިނިއައެވެ.

''ތިއްތާ. އަހަރެން ކޮންކަމެއް ކޮށްދޭންވީ.'' ނޫރާ ހިނިތުން ވެލަމުން ބުއްޏެވެ. ''މިއަދު ޕިރިނީ ތައްޔާރުކުރަން ޖެހޭނީ ނޫރާޔޯ. ދޯ ޝާހިދައްތާ.'' ޒީޝާން ހެމުން ހެމުން ބުއްޏެވެ. ''އޭ ޒީ. މަށަށް ނޭނގޭނެކަމަށްދޯ ތިހެން ތިބުނީ. މަށަށް އެގެއޭ ޕިރިނީކައްކަން.'' ނޫރާ އަނގައަށް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''ބޮޑުދައިތަ ބުނި އެއްދުވަހަކު މާމޮޅަށް ޕިރިނީ ކައްކަން އެނގެޔޯ ކިޔާފަ ކެއްކި ޕިރިނީ ހީވަނީ ފުއްބޮނޑިބަތް ގަނޑެއް ހެންނޯ. ''ޒީޝާން ދިމާކޮށްލިއެވެ. ''މަންމަވެސް ހާދަ ގޯހޭދޯ. އެއީ އަހަރެން ވަރަށް ކުޑައިރު ކުރިކަމެކޭ. އެދުވަހު މާމަވެސް ހާދަ މަލާމާތެއް ކުރިއޭ. ދޯ މަންމާ! ''ނޫރާ ބުއްޏެވެ. ''ދެން ތިވާހަކަ ދައްކާފަ ހޭނީފަހުންނޭ. މިހާރު ދެން ތިއްތަ ބުނާކަމެއް ކޮށްދީ ދަރިފުޅާ.''  ބޮޑުދައިތަ ހިނިތުން ވެލަމުން ބުއްޏެވެ.  އެންމެ ފަހުން ނޫރާވެސް ގޮސް ކެއްކުމުގައި ބައިވެރިވިއެވެ.  އިސާހިތަކު ބާރަގަޑި ބައިވީއިރު ކެއްކުމުގެ ކަންތައްތައް ނިއްމާލުމަށް ފަހު ސުފުރާ މައްޗަށް ވެސް އަރުވައިފިއެވެ.

********** ނުނިމޭ ************

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް