''ނަމަވެސް ކިހިނެއްވީތަ؟'' ޒީޝާން އަހާލިއެވެ.'' އަސްލު އޭރު އަހަރެން ވަރަށް ކުޑަވާނެ. ބޮޑުބޭބެގެ އަންހެނުން ވަރަށް ރުޅި އަންނާނެ ތުއްތުބެ އަހަރެމެން ގާތަށް އަޔަސް. އޭރު ބޮޑުބޭބެ އުޅުއްވަނީ ސިފައިންގޭގަ. ގިނައިން އުޅުއްވާނީ މާލޭގަ. ދޮންތައާއި ތިއްތައާއި ދޮންބެ ވަރަށް ކުޑައިރު ކިޔަވަން މާލެގެންގޮސްފި. ރަށުގައި ހުރީ ހަމައެކަނި ތުއްތުބެ. ބޮޑުބޭބެގެ އަންހެނުން ބޮޑުބޭބެ ދެކެ އަންނަހާ ރުޅިއެއް ބާލަނީ ތުއްތުބެއަށް. ބޮޑުބޭބެއާއި އަޅާ ބަލާފަ ބޮޑުބޭބެ އަންހެނުންނަކީ ވަރަށް އުޅުމެއް އަޚްލާޤެއްނެތް މީހެއް. އޭނަ އަސްލު ބޭނުންވަނީ މުދަލާއި ފައިސާ. ރަށަށް އަރާހާ ބީރައްޓެއްސެއްގެ ހިތް އުފާކޮށް ދިނުމަކީ އޭނާގެ ވާޖިބެއް ކަހަލަ. ހަވަރު ތުންފުއްސެކޭ އޭނާއެކޭ އެއްވެސް ތަފާތެއް ނެތް. ތުއްތުބެއަށް ޖެހެނީ ސްކޫލުން އައުމަށް ފަހު ޤައިދީއެއް ފަދައިން ކޮޓަރީގެ ހަތަރު ފާރުގެ އެތެރޭގައި ބަންދުވެފައި އިންނަށް. މާމަ ބުނި ތުއްތުބެއަކީ ކުޑައިރުން ސުރެވެސް އެކަނިވީމަ ވަރަށް ބިރު ގަންނަމީހެކޯ. ކިތަށްމެ ދުވަހަކު ބަނޑުހައިގަނެގެން ތުއްތުބެ ރޯއަޑު އިވިގެން މާމައާއި މަންމަ އައިސް ދިޔާނައްތަ ގާތު ބުނޭ އޭނާއަށް ތުއްތުބެ ނުބެލެއްޏާ ތުއްތުބެ މާމަމެންނަށް ދޭށޭ. މާމައަށް އެހެން ބުނެވޭ ދުވަހެއް ވިއްޔާ ގޭގަ ހީވާނީ ހުޅުރޯކޮށްފާނެ ހެން. ކަންފަތަށް އަޑުއަހަން ނުކުޅަދާނަވާހާ ހަޑިހުތުރު އެއްޗެހި ކިޔާ ތަންގަނޑު މީހުން އެއްކުރާނެ. އެހެންވެ މާމައާއި މަންމަވެސް އޭނައާއި ދިމާއަށް އެއްޗެކޭ ނުބުނެ ކެތްކޮށްލައިގެން ތިބެނީ. އެކަމަކު މާމަ ތުއްތުބެ ދެކެ ވަރަށް ލޯބިވެލައްވާނެ. އެހެންވެ މާމަހިތަށް ކެތްނުކުރެވިގެން ވަރަށް ގިނައިން މަންމަގާތު ދިޔާނައްތަ ތުއްތުބެއަށް ހަދާގޮތުގެ ވާހަކަ ދައްކާފަ ރޯނެ. އެކަނި އެހެން ދުވަސްތައް ހޭދަކުރަން ޖެހުމުން ތުއްތުބެ ވަރަށް ބޮޑަށް ބަދަލުވި. ސްކޫލަށް ދިޔަސް ކުދިންނާއި ވާހަކަދައްކައެއް ނޫޅޭނެ. މީހަކު އެއްޗެކޭ ބުނާއިރަށް ވަރަށް އަވަހަށް ރުޅި އަންނާނެ. އޭރު ތުއްތުބެ އުޅެނީ ގުރޭޑު އަށެއްގަ. އެންމެ ފަހުން ދިޔާނައްތަ ބޭނުންވީ މިގެ އޭނާގެ ނަންމަތީގައި ރަޖިސްޓުރީ ކުރަން. ބޮޑުބޭބެ އެކަމާއި ކަނޑައެޅިގެން ދެކޮޅު ހެދި. ބޮޑުބޭބެ މީބޮޑުބޭބެގެ އަމިއްލަ މުދާނޫންކަން ދިޔާނައްތައަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރި. އަމުދުން މާމަ ދުނިޔޭގައި ހުއްޓާ މިގެ އިތުރު މީހަކަށް ނުލިބޭނެކަމަށް ބުނުއްވި. އެހިސާބުން ދިޔާނައްތަގެ ހިތުގައި ބޮޑުބޭބެއަށްޓަކައި ރޯވެއަދަމުންދާ އަލިފާންގަނޑު ހުޅުފެޅި. ދެން އެދެމުން ދިޔައީ ވަރިއަށް. ބޮޑުބޭބެ ދަރިންގެ ހައްޤުގައި ވަރަށް ކެތްކުރެއްވި. ހަތަރުކުދިންނަށް ދިޔާނައްތަގެ ލޯބި މުހިންމު ވާވަރު ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރެއްވި. އެންމެ ފަހުން ބޮޑުބޭބެގެ ކުރިމަތީގައި ތުއްތުބެއާއި މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ އޭނާ އުޅެމުން ދިޔަ ވިޔާ ނުދާގޮތްތައް ފެނުމުން ބޮޑުބޭބެއަށް މަޖުބޫރުވީ އެހިސާބުން އޭނާ ދޫކޮށްލަން. އޭރު ތުއްތުއަށްވަނީ ވާނެއެއްޗެއް ވެނިމިފަ. ދިޔާނައްތަ ދެކޭގޮތުގައި އޭނާގެ ދިރިއުޅުމަށް ދިމާވި ކޮންމެ ނާކާމިޔާބެއް ކުރިމަތިވީ ތުއްތުބޭގެ ސަބަބުން. އޭގެ ފަހުން ތުއްތުބޭ ބަލަމުން ދިޔައީ މާމަ. މާމަ ތުއްތުބޭ ދެކެ ވަރަށް ލޯބިވާނެ. ނަމަވެސް ތުއްތުބެއަކީ އެންމެ ފުރިހަމަ އިންސާނެކޭ އަހަރެން ނުބުނާނަށް. އޭނާ ވަރަށް އަވަހަށް ކަންކަމުގައި ރުޅިގަދަވެ އަތް އިސްކުރާނެ. އަބަދުވެސް ބޭނުންވާނީ އެކަނި އުޅެން. އެހެން މީހުންގެ ގާތްކަމާއި ލޯތްބާއި އެހީތެރިކަން އޭނާބޭނުމެއް ނުވާނެ. އެހެން އުޅެނިކޮށް ތުއްތުބެއާއި ތޫނާ އާއި ދިމާވީ.''
''ތޫނާ އެއީ ކާކު؟'' ޒީޝާން ހައިރާން ވެފައި އަހާލިއެވެ.
''އެއީ މިރަށަށް ޓީޗިން ހަދަން އައި ކާށިދޫކުއްޖެއް. އޭނާ ހުންނަނީ މިގެއާއި ޖެހިގެން ތިހިރަ އައިމިންތަމެން ގޭގައި. އޭނަ މިގެއަށް މަދުމަދުން އައިސް އުޅޭ. އެންމެފަހުން ތުއްތުބެއާއި އޭނައާއި ދެމެދު ވަރަށް ގާތްގުޅުމެއް އުފެދުނު. ތުއްތުބެ އޭނާއާއި ވަރަށް ވާހަކަ ދައްކާނެ. އޭރު އަހަރެން އުޅެނީ ގުރޭޑު ދިހައެއްގަ. އެދުވަސްކޮޅަކީ ތުއްތުބެ ވަރަށް އުފަލުން އުޅުނު ދުވަސްކޮޅެކޭ ބުއްޏަސް ދޮގަކަށް ނުވާނެ. ތުއްތުބެ ހުންނަނީ ވަރަށް ހަމަ ޖެހިލާފަ. މާމަވެސް އެކަމާ ވަރަށް އުފާވި. އޭރު ބޮޑުބޭބެ އުޅުއްވަނީ ގިނައިން ގަމުގަ. ތޫނާވެސް ކޮލެޖަށް ދާވަގުތުތައް ފިޔަވައި ގިނަވަގުތުތައް ހޭދަކުރާނީ ތުއްތުބެއާއި އެކު މިގޭގަ. އެންމެ ފަހުން އެދެމެދުގައި އޮތް އެކުވެރިކަން ލޯތްބަށް ބަދަލުވި. އަބަދުވެސް ތުއްތުބޭ ވަގުތުތައް ގުނަމުން ދާނީ ތޫނާގެ އިންތިޒާރުގަ. އެދެމީހުން އެކަކު އަނެކަކު ދެކެ ނިހާޔަތަށް ލޯބިވި. އެކަންތައްތައް ވެސް ދިޔާނައްތައަށް އެނގޭކަށް މާގިނަ ދުވަހެއް ނުނެގި. ތުއްތުބެ އުފަލުގަ އުޅޭތަން ފެނުމުން ދިޔާނައްތަ ހިތްހަމައެއް ނުޖެހުނު. އެންމެ ފުރަތަމަ ތޫނާ ގާތު ތުއްތުބެއަކީ ހަމަ ނުޖެހޭ ބޯގޯސް މީހެކޭ. އެއާއިލާއަކީ ވަރަށް ވިޔާނުދާ ބަޔެކޭ ކިޔައި ތޫނާގެ ހިތުން ތުއްތުބޭގެ ނަން ފޮހެލެވޭތޯ ވަރަށް މަސައްކަތްކުރި. ނަމަވެސް ތޫނާ ތުއްތުބޭ ދެކެވަނީ އެއަށް ވުރެ މާ ވަރުގަދަ ލޯތްބެއް ކަމުން އެއިން އެއްވެސް ކަމަކުން އޭނާއާއި ތުއްތުބޭގެ ގުޅުމަކަށް އެއްވެސް އަސަރެއް ނުކުރި. އެހެން ކަންތައް ވުމުން ދިޔާނައްތަ ވަރަށް ރުޅިއައި. ދެން އަދި އެފެށުނީ ކަންތައްގަނޑު. ''ނޫރާ ފުންނޭވައެއް ލަމުން ބުއްޏެވެ.
''އަނެއްކާ ކިހިނެއްވީ؟'' ޒީޝާން އެވާހަކަތައް އަޑުއަހަން އިނީ ވަރަށް ޝަޢުޤުވެރިކަމާ އެކުގައެވެ.
''އެއީ ދޯ! ތުއްތުބެއާއި ތޫނާ ދުރުކުރުމަށްޓަކައި ދިޔާނައްތަ ދިޔައީ ފަންޑިތަ ސިހުރު ހާހޫރަ ހަދަމުން. އެންމެ ފަހުން އެކަމުގެ އަސަރު ތޫނާއަށް ކުރަން ފަށައިފި. މުޅިމީހާ ހުންނަނީ އަބަދުވެސް ވަރުބަލިވެ ލޮޑުވެފަ. އެފަކީރަށް ކޮލެޖަށް ދެވެނީވެސް މަދު ދުވަހަކު. އޭނަ މާމަގާތު އެއްދުވަހަކު ބުނި އަބަދު ހުންނަނީ ބޮލުގަ ރިއްސާފައޭ. އެދުވަސްވަރު އޭނާއުޅުނު ހާލު ފެނުނު ކޮންމެ މީހަކުގެ ދެލޯކަރުނުން ތެތްމާލާނެ. އަބަދު ހުންނަނީ އާވާރާއެއް ހެން. ފެންވަރާ ގައިންތާހިރުވެ ކައިބޮއި ހަދައެއް ނޫޅޭ. އެކަމަކު ވެސް އޭރުވެސް ތުއްތުބޭ ފެނުމުން އޭނާ ހުންނަނީ އުފަލުން ފޮޅިފަ. އެދުވަސްވަރު ތުއްތުބެއަށްވެސް ދިޔައީ މަޑުމަޑުން ބަދަލުތަކެއް އަންނަމުން. މަޑުމަޑުން ނަމަވެސް ކުރީގެ އުޅުމަށް އޭނާ ބަދަލު ވަމުން ދިޔަ. ތޫނާ ވެސް ދިޔައީ ގޮތްނޭނގޭ އުނދަގޫތަކެއްގެ ޝިކާރައަށް ވަމުން. އެންމެފަހުން އައިމިންތައަށް އޭނާގެ ހާލުބަލަން ކެތްނުކުރެވިގެން އޭނާގެ ބައްޕައަށް ގުޅާފަ ބަލާއަންނަށް އެންގީ. ތޫނާ ގޮވައިގެން ތޫނާގެ ބައްޕަ ރަށުން ފުރިދުވަހަކީ ވަރަށް ހިތްދަތިދުވަހެއް. ތޫނާގެ ބައްޕަ ދިޔައީ އޭނާގެ ހުރިހަމަ އެކަނި އަންހެންދަރިފުޅުގެ ހަޔާތް ވެއްޔާއި މޮޑެވުމުން އެކަމާއި ހިތާމަކޮށް ކަރުނު އަޅާ ރޮމުން. ތޫނާއަށް އެހާލު ޖެއްސީ ދިޔާނައްތަ ނޫން ދެވަނަ އެހެން މީހެއް ނޫން. ތުއްތުބެއަށް ތޫނާގޮވައިގެން ތޫނާގެބައްޕަ ފުރިކަން އެގުނީ އެމީހުން ގަމަށްވެސް ދިޔަފަހުން. ވަރަށް އުޅުނު ގަމަށް ދާންވެގެން ވެސް. އެންމެ ފަހުން މާމަ ވަރަށް ނަސޭހަތްދީގެން ހަމައަކަށް އެޅުނީ. ތޫނާ ދިޔަފަހުން ތުއްތުބޭ މީހުންގެ ތެރެއަށް ނުކުމެ އުޅުން ވަރަށް މަދުވެއްޖެ. އަބަދު އިންނަނީ ކޮޓަރީތެރޭގަ. އެހެން އިނދެ އެކަނި ވާހަކަދައްކައި ރޮއި ހަދާ. އެދުވަސްވަރު މިގޭތެރެއިން....................................'' ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ފާޚާނާގެ ދޮރުފަތް ބަންލާފައި ޖެހުނު އަޑަށްށެވެ.
ދެމީހުންނަށް ވެސް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. އެވަގުތު ކުޑަދޮރާއި ދިމާއިން ކަޅުހިޔައްޏެއް ހުރަސްކުރި މަންޒަރު ދެމީހުންނަށް ވެސް ފެނުނެވެ. ދެމީހުންނަށް ވެސް ބިރުން ގޮސް ހަޅޭލަވައިގަނެވުނީ ދާދި އެކުއެކީގައެވެ. ދެމީހުން ތިބީ ބިރުންގޮސް ތުރުއަޅައަޅައެވެ. އެވަގުތު މީހަކު އައިސް ދޮރު ހުޅުވާލުމުން ދެމީހުން އަދި މާބިރުގަތެވެ. ދޮރާއި ދިމާއަށް ބަލާލީ ބިރުން ތިބެއެވެ.
''ކިހިނެއްތަ ތިވަނީ.'' ނަވީލް ދޮރުހުޅުވާ ލަމުން ބުއްޏެވެ. ''ކަމެއް ނުވޭ. ނޫރާ ދެއްކި ވާހަކައަކުން ބިރުގަތީ.'' ޒީޝާން ބޭނުންވީ ކަމެއް ނުވާކަން ހާމަކުރާށެވެ. ''ކަމެއްވާ ނުވޭތާ!ތިތިބީ ބިރުން ގޮސް ހަލާކު ވެފަވިއްޔާ.'' ނަވީލް ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ''އަހަރެންގެ މޭގަނޑު ހީވީ އަތަށް އައިހެން. ހާދަ ބިރުގެންފިޔޭ. މިރޭ ނޭނގެ ނިދޭނެކަމެއްވެސް.'' ނޫރާ މޭގައި އަތްޖައްސާލަމުން ބުއްޏެވެ.
''އެކަމަކު......އެހިޔަނި.........ނަވީލް. މަށަށް ހާދަ ހިވެއޭ އެހިޔަނި އަހަރެމެން ދެއްކި ވާހަކަތައް އަޑު އެހިހެން.'' ޒީޝާން އަޅައަޅައި ގަންނަ ކަހަލަ ގޮތަކަށް ބުއްޏެވެ. ''ޒީ. ދެން އެވާހަކަ ހުއްޓާލަބަލަ.''ނޫރާ އިނީ ވަރަށް ބިރުގެންފައެވެ. ''އޭ! އަހަރެން ދެންދަނީ. ޔުހާއްކޮ މިހާރު އަހަރެން ހޯދާނެ.'' ޒީޝާން ތެދުވިއެވެ. ''އޭ.މަޑުކޮށްބަލަ. މަވެސް ދާނަމޭ.'' ނޫރާވެސް އެނދުން ފައިބައިގެން ޒީޝާންގެ ފަހަތުން ހިނގައިގަތެވެ. ދެމީހުން ކޮޓަރިން ނިކުން އިރު ސިޓިންރޫމުގައި ނަވީލް އިނެވެ. ނަވީލް އިނީ ފޯނާއި ކުޅެލަކުޅެލައެވެ. ނަވީލް އިތުރުކަމަކަށް މާބޮޑު ސަމާލުކަމެއް ދޭހެނެއް ހިއެއް ނުވެއެވެ. ނޫރާއާއި ޒީޝާންވެސް މަޑުމަޑުން ގޮސް ވަނީ ޝާހިދައްތަ ކޮޓަރިއަށެވެ.
ދިމްނާއާއި ޒީޝާން ތިބީ ކޮލެޖުގެ ކެންޓީނުގައެވެ. ދެކުދިންވެސް ތިބީ އެކުދިންގެ އެކުވެރި ނީލާ ނައިސްގެން ކާން ނުފެށިފައެވެ. މޭޒުމަތީގައި ދެތިން ކުލަބުސޭންޑު ވިޗާއި ތިންޕަކެޓު މައިލޯ އޮތެވެ. އެއީ އަދި އެކުދިންގެ ހެނދުނުގެ ނާސްތާ އެވެ.
''އޭ. މިސެމިސްޓަރ ބުރޭކުގަވެސް ރަށަކަށް ނުދާނަންތަ؟'' ދިމްނާ ވާހަކަ ދެއްކީ ޒީޝާނާއެވެ. ''ނޫނޭ!މިފަހަރު އިރާދަކުރެއްވިޔާ ރަށަށް ދާނަން. މިހާރު މަންމަ ދެކޭހިތުން ހުރެވެނީކީ ނޫން.'' ޒީޝާން އަވަސް އަވަހަށް ބުއްޏެވެ. ''އެއްކަލަ ސޮބާބުނި ކޮންމެ އަންގާރައެއްގަ މިކޮޅުން ލާމަށް ފުލައިޓެއް އޮވެޔޭ. މިފަހަރު އެއިން ދާން ގޮތައް ހަދަންވީއެއްނު. އޭރުން ތަންކޮޅެއް ޚަރަދުވެސް ކުޑަވާނެ.'' ދިމްނާ ބުނެލިއެވެ. ''ކޯއްޗެއްގެ ޚަރަދުކުޑަކުރަން ތިއުޅެނީ.'' އައި ނައި ދިމާއެއް ނޭނގި އެތަނަށް އައިސް ހުއްޓުނީ ނީލާއެވެ. ''މިދައްކަނީ މިސެމިސްޓަރ ބުރޭކުގަ ރަށަށް ދާވާހަކަ.'' ޒީޝާން އޮޅުން ފިލުވައިދިނެވެ.
''އޯހ. އަސްލުވެސް ދަނީތަ؟ ޒީމެން ދިޔައިމަ އަހަރެން ހާދަ ފޫއްސެއް ވާނެޔޭ.'' ނީލާ މަޑުމަޑުން ބުއްޏެވެ. ''ބަލަ. ނީލް ބުނީމެއްނު މިސެމިސްޓަރ ބުރޭކުގަ މާލެދަމޭ. މިހާރު އަނެއްކާ ޚިޔާލް ބަދަލުވީތަ؟'' ދިމްނާ ބުނެލިއެވެ. ''ހޫނ. ކުރިން ދާން އުޅުނީ މަންމަ އެކޮޅުގަހުރީމައޭ. މަންމަ އިއްޔެ ރަށަށް އައިސްފިޔޭ. ދެން ކީއްކުރަންދަނީ.'' ނީލާ ބުއްޏެވެ.
''ބަލާބަލަ ހިޔަޅުގެ ހުރި މަކަރު. މަންމައައި އިރު އަހަރުމެން ގާތު ބުނެވެސް ނުލައެއްނު. އަޅެ އެވާހަކަ ނުބުނީ އަހަރެމެން ތިގެއަށް ގޮސްފާނެތީތަ؟'' ޒީޝާން ނީލާއަށް ބަލާލަމުން ބުއްޏެވެ. ''ސާބަހޭ. އަދި ނުބުނެވިފައެއް ނެތެއްނު. ރޭއަށެއްގެ ފުލައިޓުންނޭ މަންމަ އައީވެސް.'' ނީލާ އޮޅުން ފިލުވައިދިނެވެ. ''އެހެންވެ ދޯ ރޭ އަށެއްޖެހި އިރު އަހަރެން ގުޅީމަވެސް ކަމަނާ ފޯނުނުނެންގެވީ. ހާދަ ގުޅީމޭ.'' ދިމްނާ ދިމާކޮށްލިއެވެ. ''އޭ. އަހަންނަށް ފޯނު ނުލައޭ ދެވުނީ. ގެއަށް އައިމަ ދޮންތަ ބުނި ދިމް ވަރަށް ގުޅިއޭ. ދޮންތަވެސް އޭރު ހުރީ ބަދިގޭގައި އެއްޗެއް ކައްކަން އުނދައިގެންވީމަ ފޯނުނުނެގުނިއްޔޯ.'' ނީލާ ބުނެލިއެވެ.
''ދެން އެންމެ ރަނގަޅޭ.'' ދިމްނާ ބުނެލިއެވެ. ''އޭ ދިމް. ދެން ތިވަރަށް ނީލް އާއި ދިމާ ނުކޮށްބަލަ.'' ޒީޝާން އިނީ އެދެމީހުންގެ ޝަކުވާތައް އަޑު އަހަން އިން ފަޑިޔާރެއްގެ ގޮތުގައެވެ. އެއީ އަބަދުވެސް އެދެމީހުންގެ ހާލެވެ. އަބަދުވެސް އޮންނާނީ އެކަކު އަނެކަކުގެ ކުށް ދެއްކުމެވެ. ޒީޝާނަށް އެކަންވަނީ ވަރަށް މަޖާކަމަކަށްށެވެ. އެދެމީހުން އޭނާގެ އެކުވެރިންގެ ގޮތުގައި ނެތްނަމަ އޭނާ ކެމްޕަހުގައި ވަގުތުތައް ހޭދަކުރަންޖެހޭނީ ފޫހިކަންމަތީގައި ކަން ޔަޤީނެވެ.
********* ނުނިމޭ ************
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް