''ތިއްތާ! ދެން އެހެންވެ އެއް ނޫނޭ.'' ނޫރާ މަޑުމަޑުން ބުއްޏެވެ. ''ދެން އެންމެ ރަނގަޅޭ! ޒީ. ޔުހާއްކޮ އަދިވެސް ނުހޭލަނީތަ؟'' ޝާހިދާ ކޮފީތަށި ހިފައިގެން ހިނގައި ގަންނަމުން އަހާލިއެވެ. ''އާނ!ހީވަނީ އަދި ނުހޭލާ ހެން.'' ޒީޝާން ބުއްޏެވެ. ''އޭ! ޒީ. ކޮބާ އެއްކަލަ ޝާޒު؟'' ނޫރާ ޝާހިދާ ދިޔުމުން އަހާލިއެވެ.
ޝާޒުދޯ! މިހާރު ދުވަސްކޮޅެއް ވެއްޖެ ނުފެންނަތާ! އެއްދުވަހަކު މަގުމަތިން ފެނިގެން ބުނި ވަރަށް އަވަހަށް ރަށަށް ދާށޭ މިއުޅެނީ. އޭގެ ފަހަކުން ނުދެކެން. އަނެއްކާ ކަމެއްތަ؟'' ޒީޝާން ދިމާކުރާ ކަހަލަ ރާގަކަށް ބުނެލިއެވެ. ''ސާބަހޭ ދެން ޒީއަށްވެސް. އެއީ ރައްޓެއްސެކޭ.'' ނޫރާ ހީލަމުން ބުނެލިއެވެ. ''ފުރަތަމަ ވާނީ ރައްޓެއްސަކަށޭ. އެއަށް ފަހުއޭ ދެން އެހެންމީހަކަށް ވާނީ.'' ޒީޝާން ބުއްޏެވެ.
''ތީގެ މާނައަކީ....................'' ނޫރާއަށް ޒީޝާން ބުނި އެއްޗެއް މާބޮޑަކަށް އޮޅުމެއް ނުފިލިއެވެ. ''ސާބަހޭ! މިބޮލަށް ދުވަހަކުވެސް އެއްޗެއް ވިސްނޭކަމަކަށް ނަހަދާނެ. ''ޒީޝާން ނޫރާގެ ބޮލުގައި ހިފާ މަޑުމަޑުން ކޮށްޕާލަމުން ބުއްޏެވެ. ''އަސްލުވެސް މަށަކަށް ނުވިސްނުނު ތިބުނި އެއްޗެއް. ''ނޫރާ ބުނެލިއެވެ. ''ދެން އަޅާނުލާ!'' ޒީޝާން ބުއްޏެވެ. ނޫރާވެސް އިތުރު ސުވާލެއް ނުކުރެއެވެ.
ހެނދުނުގެ ސަޔަށް އިންސާފުކުރެވެމުން ދަނީއެވެ. އެގޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކާމޭޒު ދޮށުން ނުފެންނަނީ ނަވީލްއާއި ނަސީމުބޭ އެކައްޏެވެ. ގައިމުވެސް ނަސީމުބޭވީ ފިހާރައިގައެވެ. އެކަމަކު ނަވީލް ކޮބައިބާއެވެ. އޭނާ ކާމޭޒު ދޮށުން ނުފެންނަށްވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އޭނާ ކޮންތާކަށް ދިޔައީބާއެވެ. ކާމޭޒު ދޮށުން ނަވީލް ފެންނަށް ނެތުމުން އެކަން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ޒީޝާނަށެވެ.
''ބޮޑުދައިތާ! ކޮބާ ނަވީލް. ''އެންމެ ފަހުން ޒީޝާނަށް ނީދެވިގެން އަހާލެވުނެވެ. ''އެބުނާހެން ތުއްތު ކޮބާ؟ ''ނޫރާއަށް ވެސް ނަވީލް ނެތްކަން އިޚްސާސް ވިއެވެ. ''މިއަދު އަދި އޭނައެއް ބޮޑުދައިތައެއް ނުދެކެން. ހީވަނީ އަދި ކޮޓަރިން ނުނިކުންނަނީ ހެން.އަންނާނަށް ބަލާލާފަ. ''ބޮޑުދައިތަ ތެދުވިއެވެ. ''ބޮޑުދައިތަ މަޑުކުރޭ! އަހަރެން އަންނާނަށް ނަވީލް ކޮބައިތޯ ބަލާލާފަ. '' ޒީޝާން ތެދުވަމުން ބުއްޏެވެ.
ޒީޝާން ގޮސް ނަވީލްގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. ނަމަވެސް އެތެރޭން ޚަބަރެއް ނުވިއެވެ. ވުމާއެކު އަނެއްކާވެސް ދެވަނަ ފަހަރަށް ޓަކިޖަހާލިއެވެ. މިފަހަރުވެސް އެތެރޭން މީހެއްގެ ހިލަމެއްވެސް ނުވިއެވެ. ވުމާއެކު ތަޅުގައި ހިފާ އަބުރާލިއެވެ. އެތެރޭން ހުރީ ތަޅުނުލާކަމުން ވަރަށް ފަސޭހަކަމާއެކު ދޮރު ހުޅުވިއްޖެއެވެ. މަޑުމަޑުން އޭނާ ދޮރުން އެތެރެއަށް ބޯދިއްކޮށްލިއެވެ. ނަވީލް ޑުރެސިން ޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އިށީއްދެގެން ބަހަކުން ބަހެއް ނުބުނެ އިނެވެ. ''ނަވީލް. އަހަރެން އެވަރަށް ޓަކިޖެހިއިރުވެސް ކީއްވެތަ އަނގައިންވެސް ނުބުނީ. ''ޒީޝާން ގޮސް ނަވީލްގެ ދާދި ގާތަށް ހުއްޓެމުން އަހާލިއެވެ. ''ކަމެއް ނުވޭ. ''ނަވީލް ފަރުވާ ކުޑަރާގަކަށް ބުއްޏެވެ. ''މިއަދު ސައި ވެސް ނުބޯ ދުވަހަކީތަ؟ އެންމެން އެބަތިބި ނަވީލްގެ އިންތިޒާރުގަ ސައި ނުބޮއި.''
''ކީކޭ؟ މަގޭ އިންތިޒާރުގައޭ.ސައި ނުބޮއޭ. ޒީ ބުއްޏަކަސް ތީ އަހަރެން ޤަބޫލުކުރާނެ ވާހަކައެއް ނޫން. ''ނަވީލް އަވަސް އަވަހަށް ބުއްޏެވެ. ''ނަވީލް. ތިގޮތަށް ނުވިސްނަ ބަލަ. ހުރިހާކަމެއްގަވެސް ނަވީލް ތިވިސްނަނީ އޮންނަ އެންމެ ގޯސްގޮތަށޭ. ''ޒީޝާން ދެރަވެލާފައި ބުއްޏެވެ. ''ޒީ ކީއްވެތަ އަހަރެން ކަހަލަ މީހަކާއި ތިހާގާތްކޮށް ވާހަކަ ތިދައްކަނީ؟ ''ޒީޝާން ހުރީ ނަވީލް ކުރި ސުވާލަކުން ހައިރާންވެފައެވެ. ''އަހަރެން ނުދެކެން ނަވީލްތީ އެހެންމީނުންނާއި ވަކި ތަފާތު މީހެއްގެ ގޮތުގައެއް. އަހަރެން ދެކެނީ ނަވީލްތީ އަހަރެންގެ.........................................''
''ބޮލަށް ސަވާރުވެގެން އުޅޭ އުނދަގުލެއްގެ ގޮތުގަދޯ.'' ނަވީލް ޒީޝާން ބުނަށް އުޅުނު ޖުމުލަ ފުރިހަމަ ކޮށްލީ ޒީޝާން ހިތަށްވެސް ނާރާ ފަދަ ގޮތަކަށްށެވެ. ''ނަވީލް. އަހަރެން ވަރަށް ދެރަވޭ ނަވީލް އަހަރެން ހިތަށްވެސް ނާރާ ކަހަލަ އެއްޗެހި ބުނެލާތީ.'' ޒީޝާން ހުރީ ނަވީލް ބުނި އެއްޗަކުން ވަރަށް ދެރަވެފައެވެ.
''އަހަރެންނާއި މެދު އެއްވެސް މީހެއްގެ ހިތަކަށް ރަނގަޅު އެއްޗެއް ނާރާނެ. އެންމެންވެސް ދެކޭނީ އަހަންނަކީ........................'' ''ނަވީލް. ދެން ތިވާހަކަ ހުއްޓާލާފަ އިހަށް ހިނގާ ސައިބޯން. މިހާރު އަހަރެން ވަރަށް ބަނޑުހައި އެބަވޭ.'' ޒީޝާން ބޭނުންވީ ނަވީލް ދައްކަން އުޅޭ ވާހަކަތައް ހުއްޓުވާށެވެ. ''އެހާ ބަނޑުހައި ވަންޏާ ދެން ކީއްވެތަ މިތާ ތިހިރީ.ސައިބޯން ދާންވީނުން.'' ނަވީލް ބުއްޏެވެ. ''ނަވީލް ނުދައްޏާ އަހަރެންވެސް ނުދާނަށް. ހެޔޮބަނޑުހައިވެގެން މަރުވިޔަސް.'' ޒީޝާން ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ނަމަވެސް ނަވީލް ސައިބޯން ގެންދާށެވެ. އެންމެ ފަހުން ނަވީލަށް ވެސް ޖެހުނީ ޒީޝާނާއި އެކު ސައިބޯން ދާށެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ގޭގެ ދޮރުމަތީގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި ނަވީލް އޮތެވެ. ނަވީލް އާއި ދާދި ގާތުގައި ބޯޅައެއް ހިފައިގެން ކުޅެން ޔޫހާވެސް ހުއްޓެވެ. ނަވީލް އޮތީ ކޮންމެވެސް ޚިޔާލަށް ގެއްލިފައެވެ. އެކަން އެނގެނީ އޭނާގެ މޫނު މައްޗަށް އަރާފައިބަމުންދާ ކުލަތަކުންނެވެ. ކުއްލިއަކަށް ނަވީލް ސިއްސައިގެން ދިޔައީ ދޮރާށީ ހުޅުވާލާފައި މީހަކު ސަލާމް ގޮވާލި އަޑަށްށެވެ. ނަވީލް ސަލާމް ބަލައިގަންނަމުން ދޮރާއްޓާއި ދިމާއަށް ބަލާލިއެވެ. ނަވީލް މިއިން ދުވަހަކުވެސް ނުދެކޭ އަންހެންކުއްޖަކު ރަކި ހިނިތުން ވުމަކާއި އެކު ދޮރާށި ކައިރީގައި ހުއްޓެވެ. އެއީ ރީތި ސިފަތަކެއް ޤުދުރަތުން ދެއްވާފައިވާ އަންހެންކުއްޖެކެވެ. ނަވީލް ބޭނުން ނުވިނަމަވެސް ފުރަތަމަ ފަހަރަށް ހިތާހިތުން އަންހެންކުއްޖެއްގެ ރީތިކަމަށް ތަޢުރީފުކުރެވުނެވެ.
''ކީއްކުރަން އައި ކުއްޖެއް؟'' ނަވީލް މަޑުމަޑުން އަހާލިއެވެ. ''ޒީދައްތަ ހޯދަންދޯ! '' ޔޫހާ ގޮސް އެއަންހެންކުއްޖާ ގާތަށް ހުއްޓެމުން އަހާލިއެވެ .އަންހެންކުއްޖާ ޔޫހާއަށް ބަލާލާފައި ހިނިތުން ވެލަމުން ބޯޖަހާލިއެވެ. ''ވަރަށް ދެރަ.ޒީ ވީ ތިއްތައާއި އެކު ފިހާރައަކަށް ގޮސް.އެކަމަކު މިހާރު އަންނަށް އުޅޭނެ. މަޑުކޮށްލަންވީނު.'' ނަވީލްގެ ވާހަކަ ހުރިގޮތުން ކުޑަކުޑަ ޔޫހާ ހުރީ ހައިރާން ވެފައެވެ. އެއީމިއިން ދުވަހަކުވެސް ގެއަށް އަންނަ ނުދަންނަ މީހަކާއި ތުއްތުބޭ ވާހަކަ ދެއްކި ރާގެއް ނޫނެވެ. ޔޫހާ ނަވީލަށް ބަލާލާފައި އަންހެންކުއްޖާއަށް ބަލާލިއެވެ. އޭނާ ހުރީ ހަމަ ކުރިން ވެސް ހުރި ހިނިތުން ވުމުގައެވެ.
''ނެތޭ މަޑުކުރެވޭކަށް. ޒީ އައިމަ ބުނެދޭތި މިރޭ އަށެއް ޖަހާއިރަށް ކޮލެޖަށް ދާށޭ. ދެން ދަނީ.'' އަންހެން ކުއްޖާ އެބުރި ދާން ހިނގައިގަތެވެ. ''ކޮންނަމެއް ކިޔާ ކުއްޖެއް ބުއްޏޭތަ ބުނާނީ.؟'' ނަވީލް އަންހެންކުއްޖާ ހިނގައިގަތުމުން ގޮވާލިއެވެ. ''ދިމްނާ ބުއްޏޭ ބުނޭ.'' ދިމްނާ ނަން ބުނުމަށް ފަހު މަޑުކޮށްލުމެއް ވެސް ނެތި ހިނގައިގަތެވެ. ދިމްނާ ދިޔުމުން ޔޫހާ އައިސް ނަވީލް ގާތަށް ހުއްޓުނެވެ. ''ތުއްތުބޭ. އެއީ މިރަށު މީހެއް ނޫންދޯ!'' ޔޫހާ ނަވީލް ގާތު އަހާލިއެވެ. ''ގައިމުވެސް ތުއްތުބެއެއް މީގެކުރިން އޭނައެއް ނުދެކެން.'' ނަވީލް ހީލަމުން ބުއްޏެވެ.
''ތުއްތުބޭ! މިއަދު ޔުހާއްކޮމެން ކުލާހުގައި އުޅޭ އިއްމަ އިނީ ވަރަށް ދެރަވެފަ. ކުލާހަށް ދިޔަ ސުރެން ފެށިގެން އިނީ ދަތްދޮޅީގައި އަތްވިއްދާލައިގެން ދެރަވެފަ. ދެން އަޅުގަނޑު އަހައިފިން ކީއްވެހޭ ތިހާ ދެރަވެފަ ތީނީ.'' ''ދެން އެކުއްޖާ ބުނީ ކީކޭ؟'' ނަވީލް އުގުތެރޭގައި ހުރި ޔޫހާގެ މޫނަށް ލޯތްބާއި އެކު ބަލާލަމުން އަހާލިއެވެ. ''ދެން އިއްމަ ބުނީ އިއްމަ ވަރަށް ލޯބިން ގެންގުޅޭ ބުޅަލެއް އިއްމަ ދެކެ ރުޅިއައިސްގެން ގެއިން ނިކުމެގެން ހިގައްޖެޔޯ.''
''ދެން ޔުހާއްކޮ ބުނީ ކީކޭ؟'' ނަވީލް ހީލާފައި އަހާލިއެވެ.''ދެން އަޅުގަނޑު ބުނީ ދެރަނުވާށޭ. އެހެން ބުޅަލެއް ހޯދާށޭ. އިއްމަ ބުނީ އެހެން ބުޅަލެއް ބޭނުމެއް ނޫނޭ. އިއްމަ ބޭނުމީ ހަމަ އެބުޅަލޯ. އެބުޅާ ނުލިބިއްޖެއްޔާ އިއްމަ ނުވެސް ކާނަމޯ. ދެން އަޅުގަނޑު ބުނީ ނުކަންޏާ އިއްމަ މަރޭ ވާނީ. ދެން އިއްމަ ބުނީ އިއްމަ އަދި އެހާ އަވަހަކަށް މަރުވާކަށް ބޭނުމެއް ނޫނޭ. ދެން އަޅުގަނޑު ހޭން ފެށީމަ އިއްމަ ރުޅިއައިސް ގެން އަޅުގަނޑާއި ދިމާއަށް ހަޅޭލަވައިގަތީ. ދެން މިސް ދުރުވެ އިއްމަ އާއި އަޅުގަނޑާއި ދެކުދިން ކޮޅަށް ނެންގެވީ.''
''ޔުހާއްކޯ! ދެން ދުވަހަކުން ވެސް ކިޔަވައިދޭ ގަޑީގަ އެކަހަލަ ކަންތައްތައް ނުކުރައްޗޭ. އޭރުން މިސްއަށާއި ކުލާހުގެ އެހެން ކުދިންނަށް ވެސް ކިހާ އުނދަގޫ ވެލައްވާނެ.'' ނަވީލް މަޑުމަޑުން ބުއްޏެވެ. ޔޫހާވެސް ނަވީލްގެ ވާހަކަ ޤަބޫލު ކުރުމުގެ ގޮތުން ބޯޖަހާލިއެވެ. ''ދެން ހިނގާ ގޭތެރެއަށް ދަމާ!'' ނަވީލް ޔޫހާގެ އަތުގައި ހިފައިގެން ހިނގައި ގަންނަމުން ބުއްޏެވެ.
ނަސީމަށް ކޮންމެ ރެއަކުވެސް ގެއަށް އާދެވެނީ އެގާރަޖަހާ ބޮޑުވާފަހުންނެވެ. މިހާރު އޭނާއަށް ނަވީލްއާއި ވާހަކަ ދައްކައި ނުލެވޭތާވެސް ހަފުތާއެއް ވަރު ވެދާނެއެވެ. އެކަމާ އޭނާ ހުންނަނީ ކުޑަކޮށް ހިތް ނުތަނަވަސް ވެފައެވެ. ނަވީލްއަކީ އޭނާގެ ހަތަރުކުދިންގެ ތެރެއިންވެސް އޭނާއަށް އެންމެ ޙާއްޞަކަމެއް ބެހެއްޓޭ ކުއްޖާއެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ނަސީމުގެ ދިރިއުޅުމަށް އައި ކޮންމެ ތޫފާނެއް ލޮލުން ދެކެ އޭގެ އަސަރު އެކުއްޖެއްގެ ހަޔާތުން ނުފޮހެވި ވާ ހަމަ އެކަނި ކުއްޖަކީ ނަވީލްއެވެ. ނަސީމު މަޑު ހިނގުމެއްގައި ގޮސް ހުއްޓުނީ ނަވީލް ކޮޓަރީގެ ދޮރުމައްޗަށްށެވެ. އަދި ތަޅުގައި ހިފާ އަބުރާލިއެވެ. އެތެރޭން ހުރީ ތަޅު ނުލާކަމުން ފަސޭހަކަމާއެކު ދޮރު ހުޅުވިއްޖެއެވެ. ނަސީމު މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. ނަވީލް އޮތީ މަރުނިދީގައެވެ. އޭނާ މަޑުމަޑުން ގޮސް ނަވީލް ގާތަށް ހުއްޓުނެވެ. އަދި ނަވީލްގެ މަގަތުން އެނދުގައި އިށީއްނެވެ. އެއަށް ފަހު ނުހަނު ލޯބިން ނަވީލަށް ބަލާލިއެވެ. ނަވީލްގެ މޫނުމަތިން އޭނާއަށް ފެނިގެން ދިޔައީ ނަވީލް ތަހައްމަލް ކުރަމުންދާ ވޭނުގެ އަސަރެވެ. ތާ އަބަދު އޭނާއަށް ނޭނގޭ އުދަގޫ ތަކެއް ވާކަމުގެ އަސަރެވެ. ނަސީމު ނުހަނު ލޯބިން ނަވީލްގެ ބޮލުގައި ފިރުމާލިއެވެ. ނަސީމުގެ އެފިރުމުން ބުނާ ކަހަލައެވެ. ދަރިފުޅާއެވެ. ބައްޕައަށް މަޢާފު ކުރާށެވެ. ބައްޕަގެ ސަބަބުން ދަރިފުޅު ތިތަހައްމަލް ކުރާވޭން މިބައްޕައަށް އެނގެއެވެ. ދަރިފުޅުގެ ތިވޭނީ އުދާސްތައް މިބައްޕައަށް އެގެއެވެ. ނަސީމުގެ ދެލޮލުންވަނީ ކަރުނު ފާއްދާލާފައެވެ. ނަސީމު މަޑުމަޑުން ތެދުވެ ނަވީލް ގައިމަތީގައި އޮތް ރަޖާގަނޑު ރީތިކޮށްލުމަށް ފަހު ބޮލުގައި ފިރުމާލާފައި ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. ނަސީމު ނަވީލްގެ ކޮޓަރިން ނިކުތް އިރު ދޮރުމަތީގައި ޝާހިދާ ހުއްޓެވެ.
''ދަރިފުޅާ މިރޭ ނުނިދަނީތަ؟'' ނަސީމު އޭނާގެ ކަރުނަވީ ދެލޯ ޝާހިދާއަށް ފެނުމުގެ ކުރިން އޭނާއަށް ފުރަގަސް ދިނެވެ. ''ބައްޕާ! އަޅުގަނޑަށް އެނގޭ ބައްޕަ ތިނުކުންނެވީ ނަވީލްކޮއްކޮ ގާތު އިދެ ރޮއިފަކަން. ބައްޕާ! އަޅުގަނޑަށް ވެސް އެނގޭ ބައްޕައަށް އަސަރު ކުރާނެކަން. އެކަމަކު ބައްޕާ! އެކަމުގާ ބައްޕަގެ ކުށަކީ ކޮބާ؟'' ޝާހިދާ ހުރީ ބައްޕަ އަބަދު ދެރަވެފައި ހުންނާތީ ވަރަށް ދެރަވެފައެވެ. ''ދަރިފުޅާ! ނަވީލް އެފަދަ ހާލަތަކަށް ދިޔައީ ބައްޕަގެ އިހްމާލްވެސް އޮތީމަ. ނަވީލް އެއުފުލާ ވޭނާއި އެހިތްދަތިކަން އިޚްސާސް ކުރެވޭ ކޮންމެ ފަހަރަކު އަހަރެން ހިތަށް ވަރަށް އަސަރުކުރޭ.'' ނަސީމުގެ އަޑުވަނީ ކުރެހިފައެވެ. ''އެކަމަކު ބައްޕާ! އަޅުގަނޑުބައްޕަ ގާތުން އެދެނީ ކުރިން ނަވީލްކޮއްކޮއާއި މެދު ވިސްނެވިހާ ބޮޑަށް ނުވިސްނެވުމަށް. ގޭގައި މިހާރު ނަވީލްކޮއްކޮ އެކަނި ވާކަށް ނުޖެހޭނެ.'' ޝާހިދާ ވެސް ނަވީލް ކޮއްކޮގެ ހާލާއި ދޭތެރޭ ދެރަވެ ހިތާމަކުރެއެވެ. ''ދެން އެވާހަކަ ހުއްޓާލާ!މިރޭ ޝާހިލްކޮއްކޮ ގުޅި'' ނަސީމު ހިނގައިގަންނަމުން ބުއްޏެވެ.'
'ކޮން އިރަކުއޭ އަންނަނީ.'' ޝާހިދާ އަހާލިއެވެ.' 'އަންނަމަހު ފަހެއް ހިސާބުގައި ދާނަމޭ ބުނި.''ނ ަސީމު އޮޅުން ފިލުވައިދިނެވެ. ''އެހެންތޯ! ބައްޕަ ކޭން ބެއްލެވީތޯ މިހާރު؟''ޝާހިދާ އަހާލިއެވެ. ''އާނ!ދެން ދަރިފުޅުދޭ ނިދަން. ބައްޕަވެސް މިދަނީ ނިދަން. ''ނަސީމު ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ. ޝާހިދާވެސް ގޮސްވަނީ ކޮޓަރިއަށެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް