Advertisement

މުޖޫ އާއި ގުޅުން އޮންނަ އިތުރު ދެ މީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

29 May 2017 | 13:50
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން އިތުރު ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން މިއަދު ވަނީ އިސްލާމް ދީން ގަބޫލު ނުކުރާކަމަށް ބުނެފައިވާ މ. ވެލިދޫގެ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ހޯދަން އިއުލާނުކޮށްފައި އެވެ. ފަހުން ހޯދަން އިއުލާނުކޮށްފައިވަނީ ހ. ސެލްވޭޝަން ޑރ. ފާތިމަތު އަޒްރާ ނަސީމް 45  އާއި މ. ވިކްޓަރީ އަބްދުﷲ ހާނީ އާމިރު 27 އެވެ. ފުލުހުން ބުނީ އެ ދެމީހުންނާއި ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ޖަވާބުދާރީވުމަށް 14 ދުވަސް ތެރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ ކަމަށެވެ. އަދި އެ ދެމީހުންވެސް އުޅެނީ ރާއްޖެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މުއްދަތުގައި ހާޒިރު ނުވެއްޖެ ނަމަ އަޒްރާ އާއި ހާނީ އާއި ދެކޮޅަށް މިހާތަނަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބަލައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ހޯދަން އިއުލާނު ކުރުމުން ހާނީ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭނާ ހޯދަނީ ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން އިއްޔެ ލިޔުނު ލިޔުމަކާއި ގުޅިގެން ކަމަށެވެ. ހާނީގެ އިތުރުން އަޒްރާ އަދި މުޖޫ ގެންދަނީ ސޯޝަލް މީޑިއާގައި ޔާމީންގެ މަރާ ގުޅޭގޮތުން ތަފާތު ހިޔާލު ފާޅު ކުރަމުންނެވެ. ފުލުހުން މީގެ ކުރިން ވަނީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލު އަލީ ޝާހު ހައްޔަރު ކުރުމަށް ފަހު ކޯޓު އަމުރުގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފައި އެވެ.
އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް