ރެފުރީގެ ކަށިގަނޑާއެކު މެޗުގެ ކުޅުން ފެށުނެވެ. ހަމްޒާ އޭނާގެ ހަލުވި ކުޅުމުގައި ކުޅެމުން ދިޔައެވެ.
ކިތައްމެ ހިތްވަރު ލިޔަސް ކުޑައިރުކޮޅެއްނުވެ ހަމްޒާ ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ. ހަމްޒާ އެހާ ފަސޭހައިން ވަރުބަލިވަނީ ކީއްވެގެންކަން ޓީމުގެ އެންމެންނަށްވެސް ޚުދު ހަމްޒާއަށްވެސް އެނގެއެވެ.
ކުޅެމުން ދިޔައިރުވެސް ކުޅިބަލަން ތިބި މީހުންގެ ތެރެއަށް އިރުއިރުކޮޅާ ހަމްޒާގެ ނަޒަރު ހުސްވެގެންދެއެވެ. އޭނާ ގަސްތުގައި ނޫނަސް އިންތިޒާރު ކުރަމުން ދަނީ ޝާނީ އަށެވެ. ޝާނީ ފެނުނީއްސުރެ ހަމްޒާގެ ހިތުގައި އެސޫރަ ވަނީ ކުރެހިފައެވެ. އެ ސޫރަ ފެނުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބިގެންދެއެވެ. އެއީ ލޯތްބޭވެސް ބައެއްފަހަރު އޭނާގެ ހިތްބުނެއެވެ. އެންމެފަހުން ހަމްޒާއަށް ނުކުޅެވޭ ވަރުވުމުން ހަމްޒާ ބޭލުމަށްފަހު އާކުޅުންތެރިޔަކު އެރިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނުއިރުވެސް ހަމްޒާއަކަށް ޝާނީއެއް ނުފެނުނެވެ. ޝާނީ ފުޓުބޯޅައަށް ޝައުގުވެރިކަންނެތަސް، ހަމްޒާއަށް ކުޑަވެސް ޝައުގުވެރިކަމެއް ހުރިނަމަ އައީހެވެ. ދެން އެއްލި ނަޒަރަކުން ހަމްޒާއަށް ޝާނީ ފެނުނެވެ.
ސަޕޯޓަރުންގެ ތެރޭގައި އޭނާ ހުރިއިރު އޭނާގެ ނަޒަރު ސީދާ ހުއްޓިފައިހުރީ ހަމްޒާ އާއި ދިމާއަށެވެ. ހަމްޒާގެ ހިތް އުފަލުން ފުރުނެވެ. އޭނާގެ އުއްމީދުތައް އާވެގެންދިޔައެވެ. އިރުކޮޅަކުން ފުރިހަމަ އޭ ބުނާފަދަ ގޮތަކަށް، ބޮޑުވައި އިނގިލި މައްޗަށް އުފުލީލިއެވެ. ހަމްޒާއަށްވެސް ފާޅުކޮށްލެވުނީ ހިނިތުންވުމެކެވެ. އޭނާގެ ހިތުގެ އެންމެ ހިމަނާރުތައްވެސް އެ އުފަލުގައި ހިނިތުންވެލި ކަހަލަ އެވެ.
އިސްތިރިކޮށް ނިމުމާއެކު ޝާނީ ފާއިގުގެ ޔުނީފޯމް ކޮނޑުގައި އަޅުވާލިއެވެ. ފާއިގު އިނީ ފިލާވަޅު ދަސްކުރާށެވެ. ރޭޑިއޯއިން ރޭގަޑު 7 ޚަބަރު އަޑުއަހަން ހަސީނާ އާއި ޚާލިދު ތިބީ ބޭރު ޖޯލީގައެވެ. އިރުކޮޅަކުން ޝާނީގެ ފޯނު ރިންގުވާންފެށިއެވެ. އެއާއެކު ޝާނީ ފޯނުނެގިއެވެ. އަދި ވަރަށް ހެވިފައި ހުރެ ފޯނުން ވާހަކަދައްކަމުން ދިޔައެވެ. ޝާނީ އާއި ހަމްޒާގެ ރަހުމަތްތެރިކަން މިހާރު ވަނީ އެތައްގުނައެއް ކުރިއަށް ޖެހިލާފައެވެ. ބައްދަލުވުންތައް ވަނީ އިތުރުވެފައެވެ. ފޯނު ކޯލުތައް ވަނީ އިތުރުވެފައެވެ.
ހަމްޒާ އަބަދުވެސް ޝާނީ ހިތްހަމަ ޖައްސާދެވޭތޯ މަސައްކަތްކުރެއެވެ. ޝާނީ ހިތްހަމަ ޖެހޭކަންތަކާ ކުލަތަކާ ތަންތަން ހަމްޒާ އަހައެވެ. ނަމަވެސް، ހަމްޒާގެ އެއްވެސް ވާހަކައެއް ޝާނީ ނާހައެވެ. ދެމީހުންދެމެދުގައި ލޯބީގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ވީމާ ހަމްޒާގެ ހަގީގަތް އެގެން ޖެހޭނެކަމަކަށް ޝާނީ ނުދެކެއެވެ.
" ކާކަށްތަ އޭނަ އެވަރަކަށް އެގުޅަނީ..؟" ބޭރު ޖޯލީގައި ތިބި ޚާލިދުގެ ދެމަފިރިންނަށް ޝާނީ ފޯނުން ވާހަކަ ދައްކަމުންދާ މަންޒަރު ކުޑަދޮރުން ފެނުނެވެ.
" ނޭނގެ.. ފަހަކަށް އައިސް ވަރަށް ވަރުގަދަ ފޯނެއް އެބަކުރޭ... " ފޫހިވެފައިވާ ރާގަކަށް ހަސީނާ ބުންޏެވެ. "އަހަންނަށް ރަނގަޅީ ކޮންމެވެސް މީހަކާ އިނދެގެންވެސް މަގޭ ލޯމަތިން ރައްކާވިއްޔާ.."
" އަހަރެން ހިތަށްއަރާ އޭނަ ކޮންއިރަކުންބާއޭ މިހަކާ އިންނާނީ... " ޚާލިދު ފުންނޭވާއެއް ދޫކޮށް ލަމުން ރޭޑިޔޯގެ އަޑުމަޑުކޮށްލިއެވެ.
" ގައިމު އެއުމުރުގެ އެންމެން މިހާރު އެތިބީ މީހުނާ އިނދެގެން ވިއްޔާ..."
"އުޑުން މީހަކަ ފައިބަންދެން ތޯއްޗެއް އެ މަޑުކުރަނީ.." ހަސީނާ ބުންޏެވެ. "ކާކު އެބުނާ ފެންވަރުގެ މީހަކު އޭނާ އާއި އިންނަން އަންނާނީ... ރަނގަޅު ތަޢުލީމެއް ލިބިފައި ނެއްތަނުގައި ރީތި އުޅުމެއްވެސް ދަސްވެފައިއެއްނެއް"...
" އޭނާއަށް ލިބިފައި އެހެރީ އޭނާގެ އަމާގެ އުޅުން.." ޚާލިދު އެއްޗެކޭ ނުބުނުމުން ޝާނީގެ މަންމަގެ މައްޗަށް ހަސީނާގެ ހިތުގައި އޮތް ހަސަދަވެރިކަން ފާޅުކުރިއެވެ.
ހިރުނދު ގަހުގައި އެލުވައިފައިއޮތް ހެއްލާ ޖޯލީގައި އިށީންނުމަށްފަހު ޝާނީ ޖޯލި ހެއްލާލިއެވެ. ގެއާއި ދިމާ އަތިރި މައްޗަކީ ވަރަށް ހިތްފަސޭހަ ތަނެކެވެ. ލިބޭ ހުސްވަގުތު ކޮޅުގައި އެތާނގައި އިނދެ އުނދޯލި ހެއްލުމަކީ ޝާނީގެ އާދައެކެވެ.
" ޕޮއް." ފަހަތުން މީހަކަ ބުނި އަޑު ޝާނީއަށް އިވުނެވެ. ޝާނީ ބަލާލިއިރު ހަމްޒާ ވަރަށް ހިނިއައިސްފައި ހުއްޓެވެ. މިފަހަރު ހަމްޒާ ފެނިގެން ދިޔައީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. އޭނާގެ ދިގު އިސްތަށިގަނޑުވަނީ ކުރުކޮށް ކޮށާލާފައެވެ. ތުނބުޅިވެސް ހުރީ ރީތި ތަރުތީބަކަށް ހަދާލާފައެވެ.
" އައްޗި.. މިހާރު ކޮންފާޑެއް ތި ޖަހަނީ..." ޝާނީ ބުންޏެވެ. އަދި އެއާއެކު ވަރަށް ބާރަށް ހީގަތެވެ. "ކީއްވެ ބޯ ކޮށާލީ.."
"ޝާނީއެއްނު ބުނީ ފިރިހެން ކުދިން ބޯ ދިގުކުރީމަ ހަޑިއޭ.." ހަމްޒާ ޝާނީއަށް ހަނދާންކޮށްދިނެވެ. " އެހެންވެ ޝާނީއަށް ރީތިވާންވެގެން ކޮށާލީ..."
ތެދެކެވެ. ޝާނީ އެހެން ބުންޏެވެ. އޭނާގެ ޑްރީމް ބޯއީ ހުންނާނީ ތުނިކޮށް ބޯކޮށާފައެވެ. ބޯދިގުކުރީމަ ލައިކެއް ނުވެއޭވެސް ޝާނީ ބުނި ހަނދާންވިއެވެ. އެއާއެކު އޭނާއަށް އަނެއްކާ ހެވުނެވެ.
" އެކަމަކު ހަމްޒާ ރީތީ ބޯ ދިގުކޮށް ހުރީމައޭ..." ހެމުން ހެމުން ޝާނީ ބުންޏެވެ. " އަހަރެން ބުނީ އާމުގޮތެއްގައި، ފިރިހެން ކުދިން ރީތީ ބޯ ކުރުކޮށް ހުރީމައޭ..."
" އަސްލުވެސް ޝާނީ އަކަށް ރީއްޗެއްނޫންތަ؟؟ " ހަމްޒާ އައިސް ކައިރީގައި ހުރި ޖޯލިފަތީގައި އިށީންނަމުން އެހިއެވެ.
" އެ ދޮގެއް.... މިހާރު އަސްލުވެސް ވަރަށް ޑީސެންޓް.. ވަރަށް ސުމާރޓް" ހަމްޒާ ފާޑަކަށް ބޮލުގައި އަތް ކާތަންފެށުމުން ޝާނީ ތަންކޮޅެއް ސީރިއަސް ކޮށް ބުންޏެވެ.
" ކީއްވެ އަހަންނަށް ރީތިވާގޮތަށް ހަމްޒާގެ ބޯކޮށާލީ.." އިރުކޮޅަކުން ޝާނީ ތަންކޮޅެއް ސީރިއަސް ވެލާފައި ސުވާލުކުރިއެވެ. ހަޤީޤަތުގައި ހަމްޒާގެ ހިތުގައި އޮތީ ކޮން އެއްޗެއްކަން ޝާނީ އަށް އެނގެން ބޭނުންވެއެވެ.
" ހިތަށް އަރާ މިވާހަކަ ބުނާނީއޭވެސް" ހަމްޒާ ބުންޏެވެ. " އަހަރެން ފޯނުންވެސް ބުނީމެއްނު ވަރަށް މުހިއްމު ވާހަކައެއް ބުނަންވެފައި އެބައޮތޭ .. އަހަރެންނަކަށްވެސް ނޭގެ ކީއްވެގެން ކަމެއް އަހަރެން ބޭނުންވަނީ ޝާނީ އަށް ކަމުދާކަހަލަ މީހަކަށްވާން"...
"އަހަންނަކަށްނޭގެ ޝާނީ އަހަންނާމެދު ދެކޭނެގޮތެއްވެސް.... " ހަމްޒާ ހިތްވަރާކު ހަޤީޤަތާއި ކުރިމަތިލަމުން ދިޔައެވެ. "ހަމަގައިމުވެސް އަހަރެން ޝާނީދެކެ ވަރަށް ލޯބިވޭ"
ޖެހިލުން ކަނޑާލާފައި ހަމްޒާ އޭނާގެ ހިތުގެ އެދުން ޝާނީގެ ކުރިމަތީގައި ފާޅުކުރިއެވެ. ޝާނީ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ލޯބީގެ ވާހަކައެއް ހަމްޒާ ދެއްކި މީ ފުރަތަމަ ފަހަރުކަމުން، ޝާނީ ފާޑަކަށް ލަދުވެސް ގަތައެވެ. ހަމްޒާ ފެނި ރަހުމަތްރެ ވީފަހުން ޝާނީ ވެސް އެހުންނަނީ ނުލާހިކު އުފަލުގައެވެ. ގޭތެރޭގައި ދިމާވާ އެއްމެ ކުދިކުދި މައްސަލަތައްވެސް ޝާނީ ހަމްޒާއާއި ހިއްސާކުރެއެވެ. އޭނާވެސް ހަމްޒާދެކެ ލޯބިވާކަން ފާޅުގައި ނުބުންޏަސް އަމަލުންވެސް ދޭހަވާވަރުވެއެވެ.
އެއްމެ ފަހުން ބުނާނެ އެއްޗެއް ޝާނީއަށް ނޭގި ބޭ އިހުތިޔާރުގައި ނަމަވެސް ހިނތުންވެލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެތައް ދުވަހަކަށްފަހު، އޭނާގެ ކުރިމަތީގައި މީހަކު ލޯބިވޭ ބުނީއެވެ. ހަމްޒާ ކަހަލަ ރީތި މީހަކު އެހެން ބުނާނެކަމަށް އޭނާ ދުވަހަކު ހީއެއް ނުކުރެއެވެ. ސުކޫލް ދައުރު ކުރި ލޯބީގެ ހިތި ތަޖުރިބާތަކަށްފަހު އޭނާ އެހުންނަނީ ލޯބިމަތިން ފޫހިވެފައެވެ. ނަމަވެސް ހަމްޒާ އާއި ދިމާވިފަހުން އެ ހިތް އަލުން ވިންދުޖަހަން ފަށާފައިވާކަން ޝާނީއަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ.
"ހަމްޒާ ކަހަލަ މީހަކު އަހަރެންދެކެ ލޯބިވާނެއޭވެސް ހިތަށް ނާރާ..." އުފަލުން ގޮސް ފެންކަޅިވެފައި ޝާނީ ބުންޏެވެ.
" އަހަންނަށްވެސް ހަމްޒާ ވަރަށް ކަމުދޭ... " ޝާނީ ބުންޏެވެ. "މީ ގޯހަކަށް ވެދާނެތި ބުނަން ޖެހިލުން ވީ.."
އެއާއެކު ހަމްޒާ އިން ޖޯލިން ތެދުވެގެންގޮސް ޝާނީ އިންޖޯލި ވަރަށް ބާރަށް ހެއްލަންފެށިއެވެ. އުފަލުންގޮސް ކުރެވޭ ނުކުރެވޭއެއްވެސް ހަމްޒާއަށް ނޭގޭކަހަލައެވެ. ޝާނީ ވެސް ޖޯލީގައި ބާރަށް ހިފަހައްޓައިގެން އޮވެ ،ބާރާށް ހެމުންގެންދިޔައެވެ. އެވަގުތު ކުނި ބަރޯ ހިފައިގެން ހަސީނާ އެމަގުން ދިޔަތަނެއް އެދެމީހުން ކުރެ އެކަކަށްވެސް ނުފެނެއެވެ.
މުރަނގަ ފަތް ކޯންޏެއް ހިފައިގެން، ތައްޓަކަށް ފަތްފިލުވަން ހަސީނާ އިނީ ބޭރު ޖޯލީގައެވެ . އެވަގުތު އުފާވެފައިވާ ޝާނީ ގޯތިތެރެއަށްވަނެވެ.
"ކާކު އެއީ...؟" ޝާނީ ފެނުމުން ހަސީނާ ބުންޏެވެ.
)ނުނިމޭ(
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް