ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ޔުނިސެފާއި ސްކައުޓް ޖަމުއިއްޔާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ބަދަލުވަމުންދާ ދުނިޔެއާ އެއްހަމައެއްގައި ކުރިއެރުމަށް ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ޔުނިސެފް މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ ސްކައުޓް ޖަމުއިއްޔާއާ ދެމެދު ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ތެރެއިން ސްކައުޓް ޖަމުއިއްޔާގެ ޔޫތު ޕްރޮގްރާމް އަލުން މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އެ މުރާޖައާގައި ޑިޖިޓަލް ރައްކާތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަމާއި މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމާއި ޒިންމާދާރު ރައްޔިތަކަށް ވުމަށް ބޭނުންވާ ކަންކަމަށް ހާއްސަ އިސްކަމެއް ދެވޭނެއެވެ. ޔުނިސެފުން ޒުވާން ލީޑަރުން ބިނާކުރުމަށް އެކުލަވައިލާފައިވާ "ޓްރެއިލްސް" (TRAILs) އޮނިގަނޑު ސްކައުޓް ޕްރޮގްރާމްގެ މަންހަޖާއި މޮޑިއުލްތަކާއި ތަމްރީނު ވަސީލަތްތަކުގެ ތެރޭގައި ހިމެނުމަށް ވަނީ ނިންމައިފައެވެ. ޓްރެއިލްސް އޮނިގަނޑުގައި މުއާމަލާތްކުރުމާއި ފާޑުކިޔުންތެރި ވިސްނުމާއި ގުޅިގެން މަސައްކަތްކުރުމާއި އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމާއި ލީޑާޝިޕާއި ޑިޖިޓަލް ހޭލުންތެރިކަމުގެ އިތުރުން ކެތްތެރިކަމާއެކު ސާބިތުވެ ހުރުމުގެ ހުނަރުތައް ހިމެނެއެވެ.
މީގެ އިތުރުން ތިން ދާއިރާއަކުން ހާއްސަ ސްކައުޓް ބެޖުތަކެއް ތައާރަފުކުރުމަށް ރާވައިފައިވެއެވެ. އެ ބެޖުތަކަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ "މައިންޑް ބިލްޑާސް" އާއި ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމާ ގުޅޭ "ޑިޒާސްޓާ ރިސްކް ރިޑަކްޝަން" އާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ "ޗައިލްޑް ރައިޓްސް" ބެޖެވެ. މި ބެޖުތައް މެދުވެރިކޮށް ޒުވާނުންގެ ވިލުންތެރިކަން އާލާކޮށް، ހައްގުތައް ދެނެގަތުމާއި ކުއްލި ހާލަތްތަކަށް ތައްޔާރަށް ތިބުމާއި ސްކޫލްތަކާއި މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމުގެ ގާބިލުކަން ހޯދައިދެވޭނެ ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ. ހަމައެއާއެކު ސްކައުޓް ލީޑަރުންނަށް އިތުރު ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދީ، އަތޮޅުތެރޭގެ ރަށްތައް ހިމެނޭ ގޮތަށް މުޅި ރާއްޖޭގެ ކުޑަކުދިންނާއި ޒުވާނުންނަށް ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.
ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަޑް އަޑާއި ވިދާޅުވީ "ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، މިއަދުގެ މުޖުތަމައަށް ހިދުމަތްކުރުމުގެ ރޫހު ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަށާއި، މުސްތަގުބަލުގައި ވަރުގަދަ ގައުމެއް ބިނާކުރުމަށް ބޭނުންވާ ގާބިލުކަން އެކުދިންގެ ކިބައިގައި އަށަގަންނެވުމަށްޓަކައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު މަސައްކަތްކުރުމަށް ޔުނިސެފްއިން މިތިބީ ތައްޔާރަށެވެ." ކަމަށެވެ.
ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު އިސްމާއީލް ރިފާއު ވިދާޅުވީ "އަޅުގަނޑުމެން މި ވިސްނަނީ ހަމައެކަނި މިއަދު އަޅުގަނޑުމެންނާ އެކުގައި ތިބި ކަބްސް، ސްކައުޓްސް އަދި ރޯވަރުންނާ މެދުގައެއް ނޫނެވެ. އަޅުގަނޑުމެން މި ވިސްނަނީ މީގެ ފަސް އަހަރު ފަހުން، ދިހަ އަހަރު ފަހުން އަދި އެއަށްވުރެ ވެސް ފަހުން ސްކައުޓިންގއާ ގުޅޭނެ ޒުވާނުންނާ މެދުގައެވެ. އަޅުގަނޑުމެން ބޭނުންވަނީ ދެން އަންނަން އޮތް ސްކައުޓް ޖީލަށް، އެ ކުދިން ބޮޑެތިވަމުން އަންނަ ދުނިޔެއާ ގުޅޭ ޕްރޮގްރާމެއް ތައްޔާރުކުރުމަށެވެ. އަޅުގަނޑުމެން ބޭނުންވަނީ އެ ކުދިން ސްކައުޓިންގ ނިންމާއިރު، ހަމައެކަނި ރަނގަޅު ސްކައުޓަކަށް ވާން އެނގުމުގެ އިތުރުން، އެ ކުދިން މުޖުތަމައުގައި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ހެޔޮ ބަދަލުތަކެއް ގެނެސްދޭ ބަޔަކަށް ވުމަށް ބޭނުންވާ އިތުބާރާއި ހުނަރާއި އަގުތަކާއި ކެތްތެރިކަން ލިބިފައިވުމަށެވެ." ކަމަށެވެ.
މި ގުޅުމުގެ މައިގަނޑު އަމާޒަކީ ސްކައުޓް ޖަމުއިއްޔާގެ ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ވަސީލަތްތަކުގެ ތެރޭގައި މި ހުނަރުތައް ހިމަނައިގެން ރާއްޖޭގެ ކުރިމަގުގެ ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ މަގު ފަހިކޮށްދިނުމެވެ.