ރަންދިހަފަހެއް ސީރީޒްގެ ފަސް ރުފިޔާގެ އައު ސްޓޮކެއް މާދަމާ ދައުރުކުރަން ފަށަނީ
ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު މަދުވެފައިވާތީ އެ ނޫޓުގެ އައު ސްޓޮކެއް ގެނެސް، މާދަމާއިން ފެށިގެން ދައުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
ފަސް ރުފިޔާއަކީ ވިޔަފާރީގެ މުއާމަލާތްތަކުގައި އާންމުކޮށް ބޭނުންކުރާ ނޫޓެއް ކަމުން، ގިނަ އަދަދަކަށް އެ ނޫޓު ދޫކުރަމުން ދެއެވެ. ނަމަވެސް ދައުރުވާ ނޫޓުތައް ބާވެ ހަލާކުވެފައި ހުރިއިރު، ބޭންކުތައް މެދުވެރިކޮށް އެ ނޫޓު އެމްއެމްއޭއަށް ޖަމާކުރާ މިންވަރު ދަށްވުމުގެ ސަބަބުން ސްޓޮކް ހުސްވީ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މިއީ 2017 ވަނަ އަހަރު ރަންދިހަފަހެއް ސީރީޒްގެ ފަސް ރުފިޔާ ނެރުނު ފަހުން އޭގެ އައު ސްޓޮކެއް ގެންނަ ފުރަތަމަ ފަހަރެވެ. މިއަދު ގެނައި ނޫޓުގައި ޖަހާފައިވާ ތާރީހަކީ 31 ޖުލައި 2025، 6 ސަފަރު 1447 އެވެ. ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، އިގުތިސާދީ ހަރަކާތްތަކުން އުފެދޭ ނަގުދު ފައިސާގެ ބޭނުމާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކެނޑިނޭޅި ކުރަމުންދެއެވެ. އައު ސްޓޮކުގެ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، ކުރިން ދައުރުވަމުން އައި ފަސް ރުފިޔާގެ ނޫޓު ވެސް އައު ނޫޓާ އެކު ބޭނުންކުރެވޭނެއެވެ.