އީރާނުގެ ލީޑަރުންނާއި ދެކޮޅަށް އެޅި ފިޔަވަޅުތައް މާ މައްޗަށް ގޮސްފައިވާ ކަމަށް ޓްރަމްޕް ބުނެފި
އީރާނުގެ ވެރިންނާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތައް "މާ މައްޗަށް ގޮސްފައިވެދާނެ" ކަމަށާއި، މިހާރު މުޢާމަލާތުކުރަންވީ ކާކާ ކަން ސާފުނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އޮހައިއޯގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އީރާނުގެ ރައީސަކަށް ވާން މިހާރު އެއްވެސް މީހަކު ބޭނުން ނުވާ ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މަސްޢޫދު ޕެޒެޝްކިޔާން އީރާނުގެ ރައީސްގެ މަޤާމުގައި ހުރި ކަން ފާހަގަ ކުރެވޭ ކަމަށް ބުންޏެވެ.
މީގެ އިތުރުން ޗައިނާ އާއި ރަޝިއާ އިން އީރާނަށް އެހީވާ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކޮށްފައެވެ. ހޯމަ ދުވަހު ޓްރޫތް ސޯޝަލްގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ އެ ދެ ޤައުމުން އެފަދަ ކަމެއް ކޮށްފި ނަމަ ގެއްލޭނެ ގޮތް "މާ ބޮޑު" ކަމަށެވެ. ޓްރަމްޕް ބުނީ އިރާނަށް އެ ގައުމުތަކުން އެހީވުމަކީ ވަރަށް ދަށް ފެންވަރުގެ ކަމެއް ކަމަށާއި އެހީވެއްޖެ ނަމަ އެކަން ވަރަށް އަވަހަށް ފަޅާ އަރާނެ ކަމަށެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްތިޢުމާރީ އިޒްރޭލުން ދިން ހަމަލާތަކާ އެކު ފެށުނު މެދުއިރުމަތީ ހަނގުރާމައިގައި، ޗައިނާ އާއި ރަޝިއާ ސީދާ ބައިވެރިވުމުން ދުރުހެލިވެ ތިބި ނަމަވެސް، އީރާނާ ގާތް ގުޅުންތައް ދެމެހެއްޓި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަނގުރާމަ ފެށުނު ފަހުން ރަޝިއާ އިން އީރާނަށް އިންސާނީ އެހީ ފޮނުވި ނަމަވެސް، އެ ނޫން ރަސްމީ އެހީތެރިކަމެއް އިޢުލާންކޮށްފައެއް ނުވެއެވެ. ރަޝިއާގެ ކްރެމްލިންއިން ވަނީ އެމެރިކާގެ މީޑިއާގައި ރިޕޯޓުކުރި، ރަޝިއާ އިން އީރާނަށް ސިއްރު އިންޓެލިޖެންސް ފޯރުކޮށްދިން ކަމުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ޗައިނާ އިން ވަނީ އެމެރިކާ އާއި އިސްތިޢުމާރީ އިޒްރޭލުން ދިން ހަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. ހަމައެހެންމެ ގަލްފް ޤައުމުތަކަށް އީރާނުން ދިން ހަމަލާތަކާއި ހޯމުޒް ކަނޑުއޮޅި ބަންދުކުރުމަށް ވެސް ފާޑު ކިޔައިފައެވެ. މީގެ ކުރިން ޗައިނާ އިން އީރާނަށް ޑްރޯން އާއި މަދަނީ ބޭނުންތަކުގެ އިތުރުން ޢަސްކަރީ ބޭނުންތަކަށް ވެސް ބޭނުންކުރެވޭ ސާމާނު ފޮނުވާފައިވެއެވެ. ނަމަވެސް ޗައިނާގެ އެންމެ ބޮޑު ސެމީކޮންޑަކްޓާ ކުންފުނި، ސެމީކޮންޑަކްޓާ މެނުފެކްޗަރިން އިންޓަނޭޝަނަލް ކޯޕަރޭޝަނުން އީރާނަށް ޗިޕް އުފައްދާ އާލާތް ފޮނުވި ކަމުގެ ރިޕޯޓުތައް ބެއިޖިން އިން ވަނީ ދޮގުކޮށްފައެވެ.
އީރާނުގެ ތެޔޮ ވިޔަފާރިއަށް އަމާޒުކޮށް ބައިނަލްއަޤުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް ފޫއަޅުވައިލުމުގައި ޗައިނާ އާއި ރަޝިއާ އިން އީރާނަށް ވާގިވެރިވެދީފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވިފައިވެއެވެ. ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިންއާ މެދު، އެމެރިކާގެ ބައެއް ބައިވެރީންނަށް ވުރެ ބޮޑު އިޙުތިރާމެއް ބެހެއްޓި ކަމަށް ރިޕޯޓުތައް ފާހަގަކޮށްފައިވެއެވެ.