ބޮޑު އަގުގައި ބޭރު ފައިސާ ވިއްކަމުން ދިޔަ ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފި
ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ހައްޔަރުކޮށްފައިވަނީ އާމިރު ޙުސައިން އާއި އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން ކިޔާ ތިން މީހުން ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި އެ ތިން މީހުން ބޭރުފައިސާ އަގު ބޮޑުކޮށް ގަނެ ވިއްކާކަމުގެ މައުލޫމާތު ލިބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު ރިޕޯޓަކުންނެވެ.
މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ވަނީ އެ ތިން މީހުން އިމިގްރޭޝަން ބަންދަށް ބަދަލުކޮށްފައި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، ހިއްސާ ކުރެވޭ ގޮތަށް ވަނީ ހޮޓްލައިނެއް ގާއިމްކޮށްފައި އެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރައްވަމުން ގެންދިއުމަށް އެދޭ ކަމަށެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާ ކުރެވެ އެވެ.