އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކުގެ އެހީއަށް ސަރުކާރުން އެދެނީ!
ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމުގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމުން އަރައިގަތުމަށް ވޯލްޑް ބޭންކާއި އެހެނިހެން ބައިވެރިންގެ އެހީ ހޯދުމުގެ މަސައްކަތް ރާއްޖެއިން ފަށައިފިއެވެ.
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ބައިނަލްއަގުވާމީ ނޫސް އެޖެންސީ ރޮއިޓާޒަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާ ކަނޑުގައި 800 ކިލޯމީޓަރަށް ފެތުރިފައިވާ 1،192 ރަށުގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް ބޭރުން އެތެރެކުރާ ޤައުމެއް ކަމަށެވެ.
މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެ ތެލުގެ އަގު މައްޗަށް ދިޔުމާ ގުޅިގެން، މި އަހަރު ހަކަތައިގެ ސަބްސިޑީ ތިން ގުނައަށް އިތުރުކުރަން ސަރުކާރަށް މަޖުބޫރުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަބްސިޑީގެ ޚަރަދު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން، ލަނޑުދަނޑިއެއްގެ ގޮތުގައި ކަނޑައެޅި 7.1 އިންސައްތައިގެ ބަޖެޓު ޑެފިސިޓް ނުވައެއް އިންސައްތައަށް އެރުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މި ހަފުތާގައި ބޭއްވި އައިއެމްއެފާއި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމާ ދިމާކޮށް ދެއްވި އެ އޮންލައިން އިންޓަވިއުގައި ޒަރީރާއި ހަވާލާ ދެއްވާ ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުން ޚަރަދުތަކަށް ރިފޯމް ގެނައުމަށް ވައުދުވެފައިވާ ކަމަށެވެ. އަދި ފިސްކަލް ކޮންސޮލިޑޭޝަންގެ މަސައްކަތާއި ޑެފިސިޓް ކުޑަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒަރީރު ވިދާޅުވެފައިވެ އެވެ.
އެހެންނަމަވެސް އިޤުތިޞާދު އިތުރަށް ވަރުގަދަކުރުމަށް ބޭރުގެ އެހީ ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހަކަތައިގެ އަގު ބޮޑުވުމާއި ފަތުރުވެރިންގެ ޢަދަދު ދަށްވުމުގެ ސަބަބުން 2026 ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ އެންމެ އެއް އިންސައްތައެވެ. ކުރިއަށް އޮތް ދެތިން އަހަރު ދަރަނި އަދާކުރުމަށް އަހަރެއްގެ މައްޗަށް 300 މިލިއަނާއި 400 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ދައްކަން ޖެހޭ ކަމަށާއި، އެ ފައިސާ ބޮޑުބައި ހަމަޖައްސާނީ ޢާންމު އާމްދަނީން ކަމަށް ޒަރީރު ވިދާޅުވިއެވެ.
ރާއްޖެއިން އަމާޒު ހިފާފައި ވަނީ އަންނަ އަހަރު 3.8 އިންސައްތައިގެ އިޤުތިޞާދީ ކުރިއެރުމެއް، އަދި 2028 ވަނަ އަހަރު 6.8 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަށެވެ. މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ވޯލްޑް ބޭންކުން ދެ އަހަރާއި ތިން އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ފޯރުކޮށްދޭނެއެވެ.
އޭގެ އިތުރުން، އިންޓަރނޮޝނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނާ އެކު މިދިޔަ މަހު 1.5 ބިލިއަން ޑޮލަރުގެ ފަސް އަހަރުގެ ފްރޭމްވޯކެއްގައި ސޮއިކޮށްފައިވެއެވެ. އިޤުތިޞާދު ޑައިވާސިފައި ކުރުމާއި، 2028 ވަނަ އަހަރާ ހަމައަށް އިޢާދަކުރެނިވި ހަކަތައިގެ އިންވެސްޓްމެންޓް 33 އިންސައްތައަށް ފުޅާކުރުމާއި، ފަތުރުވެރިކަން ބާރު ދުވެއްޔެއްގައި ރިކަވާ ކުރުމަކީ ސަރުކާރުގެ މައިގަނޑު ސްޓްރެޓެޖީއެވެ.
ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ޤައުމީ އެއާލައިނަށް ބޯޓު ކުއްޔަށް ހިފުމާއި ރާއްޖޭގެ އަށްވަނައަށް އެންމެ ބޮޑު މާކެޓަށް ވެފައިވާ އޮސްޓްރޭލިއާއަށް ދަތުރުތައް އިތުރުކުރުމުގެ ޕްލޭންތައް ހުރި ކަމަށް ޒަރީރު ވިދާޅުވިއެވެ. ހަތް އެއާލައިނަކާ އެކު ދަތުރުތައް އިތުރުކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށްދާކަންވެސް މިނިސްޓަރުގެ އިންޓަވިއުގައި ފާހަގަ ކުރައްވާފައިވެ އެވެ.