Advertisement

ބޮލުގައި ރިއްސުމަކީ ހަމައެކަނި ވަރުބަލިކަމެއް ނޫން، އެއަށްވުރެ ސީރިއަސްކޮށް ވިސްނަން ޖެހޭ!

13 Oct 2026 | 19:45
އަބަދު ބޮލުގައި ރިއްސުމަކީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނޭ --

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 33 އަހަރުގެ ކާޝް ރާޖްއަކީ ދިރިއުޅުމުގެ ބުރަކަމާ ހެދި ކަމަށް ހީކޮށް ގިނަ ދުވަސްތަކެއް ވަންދެން ބޮލުގެ ރިހުން ބޮޑު ކަމަކަށް ނުހަދާ ހުރި މީހެކެވެ.

ކެންސަރާއު ގުޅުން ހުރި ބަލިތައް ދިރާސާ ކުރާ ފަރާތްތަކުގެ ސަމާލު ކަމަށް އައީ އޭނާ ދެއްކި ވާހަކަ އާއި ރާޖްގެ ފަރާތުން ފެނުނު އަލާމާތްތަކާއި އޭނާ ހިއްސާ ކުރި ވާހަކަތަކުންނެވެ. ރާޖް އަކީ އަންބަކާއި ތިން ދަރިން ހުރި މީހެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކޮށް ބުރަ ދިރިއުޅުމެއްގައި އުޅެމުން ދިޔަ މީހެކެވެ.

Advertisement

ރާޖް ގަބޫލު ކުރި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ވަރުބަލި ވުމާއި ބޯ އެނބުރުމާއި ބޮލުގައި ރިއްސާތި މި ފަހުން އުޅެން ޖެހުނީ އާ ވަޒީފާއަކާއި ޢާއިލީ ޒިންމާތަކާ ހެދި ބުރަކޮށް އުޅެން ޖެހުމުންނެވެ. އެ ޢަލާމާތްތައް އޭނާ ގުޅުވީ ފެންމަދުވުމާއި ހާސްވުމާއި ބައްޕައެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ބުރަ މަސައްކަތާއެވެ. ޖިމަށް ގޮސް ކަސްރަތުކުރުން ވެސް ހުއްޓައެއް ނުލައެވެ.

އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމުން ލޮލުގެ ސްޕެޝަލިސްޓަކަށް ދައްކަން ލަފާދިނެވެ. ނަމަވެސް ކަންތައް ބަދަލުކޮށްލީ ކުރީގެ ގާތް ރައްޓެއްސެއް ކުއްލި ގޮތަކަށް މަރުވުމެވެ.

އެ ހާދިސާއާ ގުޅިގެން ޞިއްޙީ ކަންކަން ފަސްކުރުން ހުއްޓާލައި، އެމެޖެންސީ ޑިޕާޓްމެންޓަށް ދާން ރާޖް ނިންމީ ކަމަށް ބްރެއިން ޓިއުމާ ސަޕޯޓުގައި ޝާއިޢުކުރި އޭނާގެ ތަޖުރިބާގައި ބުނެފައިވެއެވެ. ޖުލައި 30 ގައި ހެދި ސީޓީ ސްކޭނުން ސިކުނޑީގައި ބޮޑު ޓިއުމަރެއް ހުރިކަން ފެނުމާ އެކު، އެމްއާރުއައި ހިމެނޭ ގޮތަށް އިތުރު ޓެސްޓުތައް ހެދީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ޚާއްޞަ ޑޮކްޓަރުން މަޝްވަރާކުރެއްވުމަށް ފަހު އެންގީ އެއީ ގްރޭޑް 4 އެސްޓްރޯސައިޓޯމާ — ސިކުނޑީގެ ނުރައްކާތެރި ކެންސަރެއް — ކަމަށް ބެލެވޭ ކަމަށެވެ.

ގްރޭޑް 4 އެސްޓްރޯސައިޓޯމާ އަކީ ސިކުނޑީގެ ނާރު ސެލްތަކަށް އެހީވެދޭ ތަރިބައްޓަމުގެ ސެލްތަކުން ފެށޭ އަވަހަށް ފެތުރޭ ކެންސަރެއް ކަމަށް ކެންސާ ރިސާޗް ޔޫކޭ އިން ބުނެފައިވެއެވެ. ބޮލުގައި ރިހުމާއި ފިޓް ޖެހުމާއި ލޮލުގެ މައްސަލަތަކާއި ހަށިގަނޑުގެ އެއްފަޅި ބަލިކަށިވުމާއި ބެލެންސް ގެއްލުން ފަދަ ޢަލާމާތްތައް ފެނިދާނެއެވެ.

ބަލި ދެނެގަނެވުނތާ ދެ ހަފުތާ ފަހުން ނޮޓިންގަމްގެ ކުއީންސް މެޑިކަލް ސެންޓަރުގައި ކުއްލި ސިކުނޑީގެ އޮޕަރޭޝަނެއް ކޮށް، ޓިއުމަރުގެ ގާތްގަނޑަކަށް 80 އިންސައްތަ ނެގި އެވެ. އޭގެ ފަހުން ޔޫކޭގެ ނެޝެނަލް ހެލްތު ސާވިސް (އެންއެޗްއެސް) މެދުވެރިކޮށް ހަ ހަފުތާގެ ކީމޯތެރަޕީ އާއި ރޭޑިއޯތެރަޕީގެ ފަރުވާ ރާޖް ފެށީއެވެ. އޭގެ ފަހުން ވެސް އިތުރު ކީމޯތެރަޕީ ދޭން ޖެހިދާނެ ކަމަށް ރޭވިފައިވެއެވެ.

ބޮލުގައި ރިހުމަކީ ވަރަށް ޢާންމު ކަމެއް ކަމަށާއި، ގިނަ ފަހަރު އެއީ ސިކުނޑީގެ ޓިއުމަރެއްގެ ޢަލާމާތެއް ނޫން ކަމަށް މެމޯރިއަލް ސްލޯން ކެޓެރިން ކެންސާ ސެންޓަރާއި ޖޯންސް ހޮޕްކިންސް މެޑިސިން އިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޔޫކޭގެ އެންއެޗްއެސް އިން ލަފާ ދެނީ، ކުރިން ރިއްސާ ގޮތާ ތަފާތުވެ ނުވަތަ ގޯސްވަމުން ދާ ބޮލުގެ ރިހުން ފެންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށެވެ.

މި ޢަލާމާތްތަކަކީ އެހެން ބަލިތަކުގެ ސަބަބުން ވެސް ފެނިދާނެ ކަންކަމަށް ވާތީ، އެންމެ ރައްކާތެރި ގޮތަކީ ޞިއްޙީ ތަޖުރިބާކާރެއްގެ ބެލުމެއް ހޯދުމެވެ.

Advertisement

ކޮމެންޓް