Advertisement

ގެއަކަށްވަދެ ބަޔަކު ރަހީނުކޮށް ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހުން ހައްޔަރުކޮށްފި

13 Oct 2026 | 22:34
ފޭރުނު މައްސަލައިގަ އަމަލީ ގޮތުން ބައިވެރިކަމުގެ ތުހުމަތު ކުރާ ދެމީހުން -- ފޮޓޯ: ޕޮލިސް

މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، ބަޔަކު ރަހީނުކޮށް ފޭރުނު މައްސަލައިގަ އަމަލީ ގޮތުން ބައިވެރިވި ދެމީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ފުލުހުން އިއްޔެ ހައްޔަރު ކުރީ ގ. ޤަޞްރު، ކ. މާލެ، ޠަލާލް މުޙައްމަދު (41އ) އަދި ނައިޓްރޯސް، މ. މުލި، އަޙްމަދު ޢުބައިދު (46އ) އެވެ. އެ ދެމީހުން އެގެއަށް ވަނީ މޫނު ނިވާކޮށްގެން ތިބެގެންނެވެ.

Advertisement

މި ދެ މީހުންގެ މައްޗަށް ތުހުމަގު ކުރެވެނީ، މިމަހުގެ އަށް ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމެންޓުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ މައްސަލައިގަ ކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހުން އެގެއިން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވެ އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގަ ފުލުހުން ވަނީ އެ އެޕާޓްމެންޓުގައި ދިރިއުޅޭ މީހުންގެ އާއިލާ މީހަކުވެސް ހައްޔަރުކޮށްފައި އެވެ. އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ފޭރެން އެގެއަށް މީހުން ވެއްދިކަމަށެވެ.

Advertisement

ކޮމެންޓް