Advertisement

އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ދޭ ޑޮލަރު ވަކި ހަ ގައުމަކަށް ހާއްސަކޮށްފި

13 Oct 2026 | 14:36
-

ދިވެހިން އާންމުކޮށް ބޭސްފަރުވާ ހޯދަން ދަތުރުކުރާ ހަ ގައުމަކަށް އެކަނި، އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ ދިވެހީންނަށް 1000 އެމެރިކާ ޑޮލަރު ވިއްކާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.

މި ބަދަލާ އެކު ޑޮލަރު ލިބޭނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީ އަށް ބޭސްފަރުވާއަށް ފުރާ ދިވެހީންނަށް އެކަންޏެވެ. ކުރިއެކޭ އެއްފަދައިން ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

Advertisement

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ލިބޭ 2000 ޑޮލަރަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ބޭސްފަރުވާއަށް ހާއްސަކޮށް ދޫކުރާ ބޭރު ފައިސާ ސީދާ އެ ބޭނުމަށް ހޭދަކުރެވޭކަން ކަށަވަރުކުރުމުގެ ބޭނުމުގައި މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރުގެ އޮގަސްޓުގައި އަމިއްލަ ހަރަދުގައި ދާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކަން ފެށި ފަހުން ބޭސްފަރުވާއަށް ދޫކުރާ ބޭރު ފައިސާގެ އަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ.

އެ ސްކީމުގެ ދަށުން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާ އިރު، ޖުމްލަ ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ 41.1 މިލިއަން ޑޮލަރަށް އަރައި، ކުރީ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު ތިން ގުނައަށް އިތުރުވެފައެވެ.

Advertisement

ކޮމެންޓް