Advertisement

ރަސްމާލެ މަޝްރޫއުއަށް އިޒްރޭލުގެ މަސްލަހަތު ނުވައްދާނެކަން ޔަގީން ކުރާނެ ގޮތް އެބަހުރި: މުއްތަލިބު

13 Oct 2026 | 14:50
-

ރަސްމާލެ މަޝްރޫޢުގެ ތެރެއިން ޔަހޫދީ އާބާދީއެއް ޤާއިމްކުރާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގުކުރައްވައި، އެފަދަ ކަމެއް ހުއްޓުވުމަށް ސަރުކާރުން ރާވާފައިވާ ފިޔަވަޅުތަކެއް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ތަފްޞީލުކޮށްދެއްވައިފިއެވެ.

ލިންކެޑްއިންގައި އިނގިރޭސި ބަހުން ޝާއިޢުކުރެއްވި ލިޔުމެއްގައި މިނިސްޓަރު ވިދާޅުވީ، ރަސްމާލެއާ ގުޅުވައިގެން ދެކެވޭ މި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެ ކަންބޮޑުވުންތައް ބިނާވެފައި އޮތީ ބިމުގެ އަގާއި ކުއްޔާ ގުޅޭ އުސޫލުތަކާ މެދު ނޫން ކަމަށާއި، ފަލަސްޠީނާ މެދު ދިވެހީން ދެކޭ ގޮތާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަލަސްޠީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާއަކީ ކޮންމެ ދިވެއްސެއްގެ ހިތަށް ފުން އަސަރެއް ކުރުވާ ކަމެއް ކަމަށް ވެސް އެ ލިޔުމުގައި ފާހަގަކުރައްވާފައިވެއެވެ.

Advertisement

ޒަޔަނިސްޓް މަޝްރޫޢުގެ ތާރީޚީ ބައްޓަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، އެ ހަރަކާތުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔަހޫދީން ގެންގޮސް ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކުރުވުން ކަމަށެވެ. އެ ލިޔުމުގައި ވިދާޅުވެފައިވެއެވެ: "އިޒްރޭލުގެ އާބާދީތައް ފަތުރާލާފައި ވަނީ އަސްކަރީ ބާރު ބޭނުންކޮށްގެން ގަދަކަމުން އަތުލައި، ބާރުގެ ބޭނުންކޮށްގެން ދަމަހައްޓާ ސަރަހައްދުތަކުގައި. [އެއީ] ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ގޯލާންގެ އުސްބިންތަކާއި މިސްރަށް އަނބުރާ ދޫކޮށްލުމުގެ ކުރީގައި ސީނާ [ސަހަރާ]."

ސަރަޙައްދީ އިމާއި ވިސާ އާއި ބިން ކޮންޓްރޯލްކުރާ މިނިވަން ޤައުމެއްގައި "ސެކަންޑް ހޯމް" ގެ ގޮތުގައި ގެ ގަތުމާއި ދިގު މުއްދަތަށް ކުއްޔަށް ހިފުން ފަދަ ކަންކަމުގެ ތެރެއިން ތަނެއް އަތުލެވުނު ކަމަށް ދުނިޔޭގެ ތާރީޚުގައި ރިޕޯޓުކޮށްފައި ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ކަން މިހެން އޮތް ނަމަވެސް އެ ކަންބޮޑުވުންތައް ދޫކޮށްނުލައި ސީދާ ޖަވާބު ދެއްވަންޖެހޭ ކަމަށް ދެކެވަޑައިގެން، އިޒްރޭލުގެ އެއްވެސް މަސްލަހަތެއް މަޝްރޫޢުގެ ތެރެއަށް ނުވަންނާނެ ގޮތަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ފިޔަވަޅުތަކުގެ ތެރެއިން މިނިސްޓަރު ފާހަގަކުރެއްވި އެއް ކަމަކީ އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މިހާރު މަނާކޮށްފައި އޮތް އޮތުމެވެ. ކުރީގެ އެއްވެސް ސަރުކާރަކުން ނޭޅި އޮތް މި ފިޔަވަޅު މި ސަރުކާރުން އެޅީ ބޭރުން ފިއްތުންތައް ކުރިމަތިކުރަމުން ދަނިކޮށް ކަމަށާއި، ހަމަ އެ ސަރުކާރުން ޕްރޮޕަޓީ ޑީލެއްގެ ތެރެއިން ސިއްރުން އެ ސިޔާސަތު ގުރުބާންކުރާނެ ކަމަށް ބުނުމަކީ ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމައަށް ތަބާވާނެ ކަމުގެ ޔަޤީންކަން ޔޫއޭއީގެ އީގަލް ހިލްސް އިން ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވުޖޫދުގައި ނެތް ބިރެއް އުފައްދައިގެން ފަލަސްޠީނު ރައްޔިތުންގެ ޤުރުބާނީ އާއި ދިވެހީންގެ އިޙްސާސްތައް ސިޔާސީ ފައިދާއަށް ބޭނުންކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ތުހުމަތުކުރެއްވިއެވެ. "މީހުން އެ ކުރާ ކަަމަކީ ވުޖޫދުގައި ނެތް ބިރެއް އުފެއްދުން. އަދި އެ ކުރާ ކަމަކީ ފަލަސްތީނުގެ މީހުންގެ ގުރުބާނީ އާއި ދިވެހިންގެ އިހުސާސްތައް ފަލަސްތީނު މީހުންގެ ބަހެއް ނެތި ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދުން،" ލިޔުމުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މަނާކޮށްފައި އޮތީ އިޒްރޭލު ޕާސްޕޯޓު ކަމަށް ވެފައި، އެހެން ޤައުމުތަކުގެ ޕާސްޕޯޓުގައި އިޒްރޭލު މީހުން މިހާރު ވެސް ރާއްޖޭގެ ކޮންމެ ރިސޯޓަކަށް އައުމުގެ ފުރުޞަތު އޮތް ކަމުން، މިއީ ހަމައެކަނި ރަސްމާލެއާ ގުޅިގެން ކުރިމަތިވާ ކަންބޮޑުވުމެއް ނޫން ކަމަށެވެ.

Advertisement

ކޮމެންޓް