ދިރާގު ރޯޑް ރޭހުގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީކޮށްފި
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026 ގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީކޮށްފި އެވެ.
ދިރާގުން ބުނީ މިއީ ރެކޯޑު އަދަދެއް ކަމަށެވެ. އަދި މިއަހަރުގެ ދުވުން ވެގެންދާނީ ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި އެންމެ ގިނަ ދުވުންތެރިން ދުވާނެ އަހަރަށް ކަމަށް ބުނެފައިވެ އެވެ.
އެ ކުންފުނިން މައުލޫމާތުދޭގޮތުގައި ދުވުމުގައި ބައިވެރިވުމަށް ފުރަތަމަ ހުޅުވައިލީ 4،000 ޖާގައެވެ. ނަމަވެސް ޢާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ޖާގައިގެ ޢަދަދު އިތުރުކުރީއެވެ.
މި އަހަރުގެ ދުވުން ޚާއްޞަ ވަނީ ހަމައެކަނި ބައިވެރިންގެ ޢަދަދުން ނޫން ކަމަށް ދިރާގުން ބުނެ އެވެ. ޑީއެމްއާރްއާރް 2026 މިހާރު ރަސްމީކޮށް ބަލައިގެންފައި ވަނީ ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަނެއްގެ ގޮތުގައެވެ.
އެހެންކަމުން، ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާ ބައިނަލްއަޤުވާމީ ރޭންކިންގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީ ކާމިޔާބީތަކެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ. ދުވުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ.
މީގެ ކުރިން ބޭއްވި ދިރާގު ރޯޑު ރޭހެއްގައި ބައިވެރިވި މީހުން ދުވަސް ތައްޔާރުވެގެން -- ފޮޓޯ: ދިރާގު
މި ދުވުމުގައި ހާފް މެރަތަން، 10 ކިލޯމީޓަރު، ފަސް ކިލޯމީޓަރު އަދި އަލަށް ތަޢާރަފުކުރި ޓީމް ކެޓަގަރީ ހިމެނެއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމެވެ.
ކޮންމެ އަހަރެކޭ ވެސް އެއްފަދައިން މި ފަހަރުގެ ދުވުން ވެސް ޚާއްޞަކޮށްފައި ވަނީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މުހިންމު ދާއިރާއެއް ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. މި ދާއިރާގައި ޙަރަކާތްތެރިވާ ޖަމިއްޔާތަކަށް ހޭލުންތެރިކުރުވުމާއި ފައިސާ ހޯދުމުގެ ފުރުޞަތު އިވެންޓުގެ ތެރެއިން ފަހިވާނެއެވެ.
ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް ރޭސަސް (އެއިމްސް) ގެ ދުނިޔޭގެ ދުވުމުގެ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤުވާމީ ދުވުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ދުވުންތެރިންގެ އިތުރުން ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވާ މި ހަރަކާތް ބާއްވާނީ ނޮވެމްބަރު 20 ގައެވެ.