Advertisement

ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެ ނަމަ "ވޭންދެނިވި ރައްދެއް" ދޭނެކަމުގެ އިންޒާރު ހޫތިން ދީފި

13 Oct 2026 | 11:46
ޔަމަނުގެ ހޫތީންނަށް ތާއީދު ކުރާ ބަޔަކު އެއްވުމެއް --

ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ "ވޭންދެނިވި ރައްދެއް" ދޭނެ ކަމުގެ އިންޒާރު ހޫތީ ޖަމާއަތުން ދީފި އެވެ.

މިއީ އީރާނުގެ މަދަދުލިބޭ މި ޖަމާއަތުން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އެމެރިކާގެ އެހީތެރިކަމަށް އެދެމުންދާ ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ވަނީ އެ ހަނގުރާމައިގަ ބައިވެރިވުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބުނެފައި އެވެ.

Advertisement

ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރަށް ތާއީދުކުރާ ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނާއި ހޫތީންނާ ދެމެދު ހިނގަމުންދާ ޔަމަނުގެ ދާޚިލީ ހަނގުރާމަ ޖުލައި މަހު އަލުން ފެށިފައިވަނީ، މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަކަތައިގެ ބާޒާރުތަކަށް ބުރޫއަރައި، ސަލާމަތީ ކަންބޮޑުވުންތައް އިތުރުވި ސަރަހައްދީ ފުޅާ ހަނގުރާމައަކަށް މަސްތަކެއް ވީފަހުންނެވެ.

ހޫތީން ސައުދީއަށް ދޭ ހަމަލާތައް ވަރުގަދަކޮށް މިދިޔަ ހޮނިހިރު ދުވަހު ރިޔާދް ގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 13 މީހުންވަނީ މަރާލާފައި އެވެ. އެމެރިކާއިން ސައުދީއަށް އެހީވާން ގޮތެއް ނިންމަމުންދާކަން ހާމަ ކުރީ މި ހަމަލާއަށް ފަހު އެވެ.

ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމަށްވާ މުޙައްމަދު އަލް ބުޚައިތީ އޭއެފްޕީ ނޫސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުނީ ޔަމަނާ ދެކޮޅަށް ހިންގާ އުދުވާނުގައި އެމެރިކާ ބައިވެރިވެއްޖެނަމަ، ރައްދު ދިނުމުގެ ނިންމުމާ މެދު އެމީހުން ފަސް ނުޖެހޭނެ ކަމަށެވެ. އެމެރިކާއާއި އެ ގައުމުގެ ސަރަހައްދީ ހުރިހާ މަސްލަހަތުތަކަކަށް އަމާޒުކޮށް ހަލުވި އަދި ވޭންދެނިވި ރައްދެއް ދޭނެ ކަމަށް ބުންޏެވެ. 

އަދި ސައުދީގެ ތެޔޮ ވަސީލަތްތަކާއި އެއާޕޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް އޭނާ އިންޒާރު ދިނެވެ. އޭނާ ވަނީ ސައުދީގެ އެއާޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މަސައްކަތްތެރިން އެތަންތަން ދޫކޮށް ދިއުމަށް އެދިފައި އެވެ.

ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ދިން ހަމަލާއަކީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ސައުދީގެ ބިމަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާގެ ގޮވުގައި ވަނީ ސިފަކޮށްފައެވެ. މި ހަމަލާގައި އެތައް ސަތޭކަ ބަޔަކަށް އަނިޔާވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

Advertisement

ކޮމެންޓް