ދިރާގަށް 38 އަހަރު: ހިލޭ ރައުޓަރު ބަދަލުކޮށްދޭ ޕްރޮމޯޝަނެއް ފަށައިފި
ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ކުރީގެ ރައުޓަރެއް ގެންގުޅޭ ކަސްޓަމަރުންނަށް އެއްވެސް ފީއަކާ ނުލައި ރައުޓަރު އަޕްގްރޭޑް ކުރެވޭ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މިއީ އެ ކުންފުނީގެ 38 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
އެ ކުންފުނިން ބުނީ މި ފުރުޞަތު ލިބޭނީ 30 އެމް.ބީ.ޕީ.އެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑެއްގެ ޕްލޭނެއް ބޭނުންކުރާ ކަސްޓަމަރުންނަށް ކަމަށެވެ. ޝަރުޠު ހަމަވާ ފަރާތްތަކަށް 31 އޮކްޓޫބަރު 2026 ގެ ނިޔަލަށް މި ޕްރޮމޯޝަންގެ ތެރެއިން ރައުޓަރު ބަދަލު ކުރަން ހުށަހެޅޭނެ އެވެ.
ރައުޓަރު އަޕްގްރޭޑް ކުރުމަށް އެދެން ޖެހެނީ ދިރާގު މޮބައިލް އެޕްލިކޭޝަންގައިވާ "ފްރީ ރައުޓަރު އަޕްގްރޭޑް" ބެނާ މެދުވެރިކޮށެވެ. އަޕްގްރޭޑަށް އެދޭ ފަރާތްތަކުގެ ގެއަށް ދިރާގުގެ ޓީމުން ގޮސް ރައުޓަރު އިންސްޓޯލްކޮށް ސެޓަޕް ފުރިހަމަކޮށްދޭނެ އެވެ.
އެ ކުންފުނިން ބުނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ވެސް މި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން، މި ޕްރޮމޯޝަނަށް ޝަރުޠު ހަމަނުވާ ކަސްޓަމަރުން ވެސް 30 އެމް.ބީ.ޕީ.އެސް ނުވަތަ އެއަށްވުރެ މަތީ ޕެކޭޖަކަށް ބަދަލުވެގެން ހިލޭ ރައުޓަރު ބަދަލުކުރެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮތުން ކަމަށެވެ.
މި ޕްރޮމޯޝަނަކީ ޚިދުމަތުގެ ފެންވަރު ހަރުދަނާކޮށް ކަސްޓަމަރުންގެ އިންޓަނެޓް ތަޖުރިބާ ރަނގަޅު ކުރުމުގެ ގޮތުން ހިންގާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.