Advertisement

ބަންގްލަދޭޝް މަސައްކަތްތެރިންގެ ފައިސާ ފޮނުވުން ފަސޭހަކުރުމަށް އެ ގައުމުން ތިން ހުށަހެޅުމެއް ހުށަހަޅައިފި - ކަރަންސީ ސްވޮޕް ހިމެނޭ

12 Oct 2026 | 11:19
-

ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ އާމްދަނީ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ފޮނުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް، ދިވެހި ރުފިޔާ ބޭނުންކުރުމާއި ދެ ގައުމުގެ ފައިސާ ބަދަލުކުރެވޭ އެއްބަސްވުމެއް ހެދުން ހިމެނޭ ގޮތަށް ތިން ނިޒާމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅައިފިއެވެ.

ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު މުހައްމަދު މޮސްތާގުރް ރަހުމާން، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރަށް އޮކްޓޫބަރު އަށެއްގައި ފޮނުއްވި ސިޓީގައި ވިދާޅުވީ ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ޗެނަލްތައް ވަރުގަދަކުރުމަށް މަސައްކަތްކޮށްފައި ވީ ނަމަވެސް، ބަންގްލަދޭޝް މަސައްކަތްތެރިންނަށް ފައިސާ ފޮނުވުމުގައި އަދިވެސް ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އެ ހުށަހެޅުމުގައި ރައްކާތެރި، ހަރަދުކުޑަ، ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް ރަސްމީ ބޭންކިން ޗެނަލްތައް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތް ހެދުމަށް ދެ މަރުކަޒީ ބޭންކު ގުޅިގެން މަސައްކަތްކުރުމަށް ހުށަހަޅާފައިވެއެވެ.

Advertisement

ފުރަތަމަ ހުށަހެޅުމަކީ އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) ގެ ތެރެއިން ދިވެހި ރުފިޔާ ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މި ނިޒާމުގެ ދަށުން ފައިސާ ލިބެންވީ ފަރާތަށް ބަންގްލަދޭޝްގެ ހުއްދަ ލިބިފައިވާ ޑީލާ ބޭންކުތައް މެދުވެރިކޮށް ޓާކާއިން ފައިސާ ދެވޭނެއެވެ. ދެވަނަ ހުށަހެޅުމުގައި ބަޔާންކޮށްފައި ވަނީ ރާއްޖޭގެ ލައިސެންސް ލިބިފައިވާ ބޭންކުތަކާއި ފައިސާ ފޮނުވާ ކުންފުނިތަކުން، ރާއްޖެއަށް ދަތުރުކުރާ ބަންގްލަދޭޝް ރައްޔިތުންގެ ދަތުރާ ގުޅޭ ހިދުމަތްތަކަށް ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހެދުމެވެ. ބަންގްލަދޭޝް ފަޅިން ޓާކާ ކާޑު ދޫކޮށް، އެ ޓްރާންސެކްޝަންތައް ދެ ފަރާތް އެއްބަސްވާ ނިޒާމެއްގެ ތެރެއިން ސެޓްލްކުރެވޭނެއެވެ. ތިންވަނަ ހުށަހެޅުމަކީ ދެ ގައުމުގެ ފައިސާ ސީދާ ބަދަލުކުރެވޭ ކަރެންސީ ސޮވޮޕް އެއްބަސްވުމެއް ހެދުމެވެ.

މި ތިން ހުށަހެޅުން ތަންފީޒުކުރެވޭނީ ދެ ގައުމުގެ ގާނޫނުތަކާ އެއްގޮތަށް ރެގިއުލޭޓަރީ ހުއްދަ ލިބިގެން ކަމަށް ބަންގްލަދޭޝް ބޭންކުން ބުނެފައިވެއެވެ. އެ ބޭންކުން ވަނީ ރެގިއުލޭޓަރީ ޝަރުތުތަކާއި އަމަލީ އިންތިޒާމުތަކާއި ސެޓްލްމެންޓް ނިޒާމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ބަންގްލަދޭޝް ބޭންކުގެ އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ބަންގްލަދޭޝް މިޝަންގެ މަންދޫބުން ހިމެނޭ ވަފުދެއް މެދުވެރިކޮށް އެމްއެމްއޭއާ ބައްދަލުކުރުމަށް ތައްޔާރަށް ތިބި ކަމަށް ހާމަކޮށްފައެވެ.

ފައިސާ ފޮނުވުމުގައި ބަންގްލަދޭޝް މަސައްކަތްތެރިންނަށް ކުރިމަތިވާ މައިގަނޑު ދައްޗަކީ ރާއްޖޭގެ ބޭންކުތަކާއި އެކްސްޗޭންޖް ހައުސްތަކުން ދިވެހި ރުފިޔާ ސީދާ ބަލައިނުގަތުމެވެ. އެހެންކަމުން ބޭރު ފައިސާގެ ކާބް މާކެޓުން ޑޮލަރު ގަނެ، ބޮޑެތި ކޮމިޝަންތައް ދީގެން ރަސްމީ ޗެނަލްތައް މެދުވެރިކޮށް ފައިސާ ފޮނުވަން މަސައްކަތްތެރިންނަށް ޖެހެއެވެ. 2024 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 200,000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން ތިބި އިރު، އޭގެ ތެރެއިން 100,000 އަށް ވުރެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ.

ބަންގްލަދޭޝް ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލީ އަހަރު 2025-26 ގައި ރާއްޖެއިން ބަންގްލަދޭޝަށް ފޮނުވި ރެމިޓެންސް ގާތްގަނޑަކަށް 118 މިލިއަން ޑޮލަރަށް ދަށްވެފައިވެއެވެ. މީގެ ކުރީ މާލީ އަހަރު މި އަދަދު ހުރީ 141.1 މިލިއަން ޑޮލަރުގައި ކަމަށް ވާ އިރު، މިއީ ގާތްގަނޑަކަށް %16.4 ގެ ދަށްވުމެކެވެ. ހިނގަމުންދާ މާލީ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެއިން ބަންގްލަދޭޝަށް ލިބުނީ 38.05 މިލިއަން ޑޮލަރުގެ ރެމިޓެންސެވެ.

Advertisement

ކޮމެންޓް
ގުޅޭ ލިޔުންތައް