ޓޫރިޒަމްގެ ވެއްޓުން ކުޑަކުރެވިއްޖެ، މިދިޔަ އަހަރާއި އެއް އަދަދަކަށް ޓޫރިސްޓުން އަންނާނެ: އަމީން
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން 24 އިންސައްތައަށް ދަށްވި ފަތުރުވެރިކަމުގެ ޢަދަދު، ސަރުކާރާއި ސިނާޢަތް ގުޅިގެން ކުރި މަސައްކަތުން 1.3 އިންސައްތައިގެ ވެއްޓުމަކަށް ކުޑަކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި ޢާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ކުރީ ކޮޅު ފަތުރުވެރިކަމުގެ ނަތީޖާ ރަނގަޅު ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ޖެހިގެން އައި މަސްތަކުގައި ފަތުރުވެރިން އައި މިންވަރު ބޮޑު ތަނުން ދަށަށް ދިޔަ ކަމަށެވެ. ނަމަވެސް ސަރުކާރުން ގެނައި ބަދަލުތަކާއި ދާއިރާގެ ބައިވެރިންނާ ގުޅިގެން ކުރި މަސައްކަތުން، އެ ފަރަގު ކުޑަކުރެވި، މި އަހަރު ނިމޭއިރު މިދިޔަ އަހަރާ ދާދި އެއް ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.
"...ޚާއްސަކޮށް ސަރުކާރުން މި ގެނައި ބަދަލުތަކާއި ކުރެވުނު މަސައްކަތުން މިހާރުގެ ފޯކާސްޓަކީ އިރާދަކުރެއްވިއްޔާ މިދިޔަ އަހަރާ ގާތްގަނޑަކަށް [ޓޫރިޒަމް ރެކޯޑު] އަރާ ހަމަކުރެވޭނެ މިއަހަރު ނިމޭ އިރު. ނޫނީ އެއަށް ވުރެ ކުޑަ ތަންކޮޅެއް ވިއްޔާ ވާނީ ރަނގަޅު،" މިނިސްޓަރު ވިދާޅުވިއެވެ.
2024 ވަނަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށް ބާކީ އޮތް ތިން މަސް ތެރޭ ކޮންމެ މަހަކު ގާތްގަނޑަކަށް ދެ ލައްކަ ފަތުރުވެރިން ގެންނަން ޖެހޭ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފަތުރުވެރިކަމަށް ބޮޑު ބައެއް ބަރޯސާވެފައި އޮންނަ ރާއްޖޭގެ އިޤުތިޞާދަށް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދާއިރާއަށް ލިބުނު ލޮޅުމުގެ އަސަރު ވަނީ ކޮށްފައެވެ.