އިންޑިއާގެ އިލެކްޝަންކް ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ހުއްޓުވަން 2,000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި
އިންތިޚާބީ ކޮމިޝަނަރު އިސްތިއުފާ ދިނުމަށް ގޮވާލައި ރޭވި ބޮޑު މުޒާހަރާއެއް ހުއްޓުވުމުގެ ގޮތުން، އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި މުޒާހަރާވެރިންނާއި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ނޫސްވެރިންނާއި ވަކީލުން ހިމެނޭ ގޮތަށް 2,000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
"ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ނަމުގައި ހިންގާ ޒުވާނުންގެ ޙަރަކާތާއި އެ ނޫން ވެސް ޒުވާނުންގެ ޖަމާޢަތްތަކުން ރޭވި މި މުޒާހަރާ ބާއްވަން ހަމަޖެއްސީ ވެރިރަށް ނިއު ދެއްލީގެ މެދުތެރޭގައި ހުންނަ ޖަންތަރް މަންތަރް ސަރަޙައްދުގައެވެ. ނަމަވެސް ހޮނިހިރު ދުވަހު، މުޒާހަރާ ފެށުމުގެ ކުރިން ސަލާމަތީ ބާރުތަކުން އެ ސަރަޙައްދު ބަންދުކޮށް، ސިޓީގެ ބޮޑެތި މަގުތަކާއި ވަނުމުގެ މަގުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމުކުރިއެވެ.
އެތައް ހާސް ފުލުހުންނާއި ޕެރެމިލިޓަރީ ފައުޖުތައް ރުކުރުވާލައި، ބައެއް މެޓްރޯ ސްޓޭޝަންތަކާއި ބާޒާރުތައް ވެސް ބަންދުކޮށް، މެދުތެރޭ ވިޔަފާރި ސަރަޙައްދުގައި މޯބައިލް އިންޓަނެޓް ވެސް ކަނޑައިލިއެވެ.
ހިންދޫ ނޫހުން ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ ބުނީ ވެރިރަށް އެކި ސަރަޙައްދުތަކުން ގާތްގަނޑަކަށް 2,500 މީހުން ހައްޔަރުކުރި ކަމަށެވެ. ރޮއިޓާޒް އިން ދާޚިލީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ބުނި ޢަދަދަކީ 2,000 އެވެ. އޭގެ އިތުރުން މުމްބާއީގައި ވެސް މުޒާހަރާތަކާ ގުޅިގެން 600 މީހުން ހައްޔަރުކުރި ކަމަށް އޭއެންއައި ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
ސީޖޭޕީގެ ބާނީ އަބީޖީތް ދިޕްކެ އާއި އޭނާގެ ބައިވެރިން ކަމުގައިވާ ސައުރަވް ދާސް އާއި އާޝުތޯޝް ރަންކާ، މުމްބާއީން ނިއު ދެއްލީއަށް އައި އެއާ އިންޑިއާ ބޯޓު ޖައްސާ އިރަށް ބޯޓުގެ ތެރެއިން ފުލުހުން ހައްޔަރުކުރިއެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ވަނީ ދިއްލީއަށް ދިޔައީވެސް ހައްޔަރުވާން ކަމަށް ބުނެފައިވާ ކަމަށެވެ.
ބީޖޭޕީގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔާ ޔޫޓިއުބާ ދްރޫވް ރާތީ އާއި ސީނިއާ ވަކީލު ޕްރަޝާންތް ބޫޝަން އާއި އެހެން ވެސް ސީޖޭޕީ މެންބަރުން ހައްޔަރުކުރިއެވެ. ވެސްޓް ބެންގާލުގެ ކުރީގެ ޗީފް މިނިސްޓަރު ކަމަނާ ބެނާޖީ އާއި ދެއްލީގެ ކުރީގެ ޗީފް މިނިސްޓަރު އަރުވިންދް ކެޖްރީވާލް ފަދަ އިދިކޮޅު ލީޑަރުން ވެސް ހައްޔަރުކުރި ކަމަށް އިންޑިއާގެ ޓީވީ ޗެނެލްތަކުން ދައްކާފައިވެއެވެ.
މި މުޒާހަރާވެރިން ގޮވައިލީ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނެޝް ކުމާރު އިސްތިއުފާ ދިނުމަށެވެ. ވޯޓާސް ލިސްޓުގެ ޚާއްޞަ ރީވިޝަނުގެ ތެރެއިން ގާތްގަނޑަކަށް 130 މިލިއަން ނަން ލިސްޓުން އުނިކުރީ ބީޖޭޕީއަށް ފައިދާވާ ގޮތަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
ކުމާރު މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އިލެކްޝަން ކޮމިޝަނާއި ބީޖޭޕީން ވެސް ގޯސް ކަމެއް ކުރި ކަމަށް ދޮދެކޮޅު ހަދައެވެ. ބީޖޭޕީގެ ތަރުޖަމާނު ސަމްބިތް ޕަޓްރާ މުޒާހަރާވެރިން ސިފަކުރީ "އެނާކިކް އެލެމެންޓްސް"ގެ ގޮތުގައެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ވަނީ މުޒާހަރާގެ ކުރިންނާއި ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އޮފީހުގެ ތަރުޖަމާނު ތަމީން އަލް ޚީތާން ބުނީ "ސުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ ޙައްޤަށް ފުރިހަމައަށް ބެލެހެއްޓެން ޖެހޭނެ" ކަމަށެވެ.
އެމްނެސްޓީ އިންޓަނެޝަނަލް އިން ބުނީ މި ހައްޔަރުތަކުން ފެންނަނީ "ފާޑުކިޔާ އަޑުތައް" ތަޅުއެޅުވުމަށް ސަރުކާރުން ކުރާ މާޔޫސީ މަސައްކަތް ކަމަށެވެ. ނަމަވެސް ޖެނީވާގައި ހުންނަ އިންޑިއާގެ މިޝަނުން ބުނީ ބައިނަލްއަޤުވާމީ ކަންބޮޑުވުންތައް "ބޭކާރު" ކަމަށާއި، އެއީ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ކަމަށެވެ.
މި ހަމަނުޖެހުން އައިސްފައި ވަނީ 2027 ވަނަ އަހަރު ކުރީކޮޅު ފެށޭ މުހިންމު ސްޓޭޓް އިންތިޚާބު ތަކެއްގެ ކުރިންނެވެ.