ރިޔާދްގެ ކިންގް ހާލިދް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ 309 މީހަކަށް އަނިޔާވި
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ޔަމަނުގެ ހޫތީން އިއްޔެ ދިން ހަމަލާގައި 12 މީހަކު މަރުވެ 309 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ (ޖީއޭސީއޭ) އިން ހާމަކޮށްފިއެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ހަތަރު ރައްޔިތަކާއި ބަންގްލަދޭޝްގެ ދެ ރައްޔިތަކު ހިމެނެއެވެ. މީގެ އިތުރުން އެމެރިކާ، މިޞްރު، ޢުރުދުން، ސީރިޔާ، ފަލަސްޠީނު އަދި ސޫދާނުން ކޮންމެ ޤައުމަކުން އެކެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އަނިޔާ ލިބުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި، ހުރިހާ ފަރާތްތަކަށް ވެސް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ޖީއޭސީއޭއިން ހާމަކޮށްފައިވެއެވެ.
މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް އެ އިދާރާއިން ތަޢުޒިޔާ ކިޔައި، ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ. ހަމަލާގެ ސަބަބުން އެއާޕޯޓުގެ މުދަލަށް ގެއްލުން ލިބިފައިވާ ކަމަށާއި، އެ ގެއްލުމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޖީއޭސީއޭއިން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުގެ ހަމަލާއާ ގުޅިގެން ކިންގް ޚާލިދު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ވަނީ ހުއްޓައިލައިފައެވެ. އެ އެއާޕޯޓުގެ ފެސިލިޓީތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ފަސިންޖަރުންނާއި އެއާޕޯޓުގެ މުވައްޒަފުންނާއި ވައިގެ ދަތުރުފަތުރުގެ ވަސީލަތްތަކުގެ ސެކިއުރިޓީ ޔަޤީންކުރުމަށް ކުއްލި ޙާލަތުގެ ޓީމުތަކާއި ކަމާ ގުޅޭ އިދާރާތަކަށް ފުރުޞަތު ދިނުމުގެ ގޮތުން މި ފިޔަވަޅު އެޅީ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުގެ ހަމަލާ އައީ ހަމަ އެ އެއާޕޯޓަށް ބުރާސްފަތި ދުވަހު ދިން ދެ ހަމަލާއެއްގައި ސަޢޫދީ ޢަރަބިއްޔާގެ ތިން ރައްޔިތަކު މަރުވެ އެތައް ބަޔަކަށް އަނިޔާ ލިބުނުތާ އެންމެ ދެ ދުވަސް ފަހުންނެވެ.