އިންޑިއާގެ ސަރުކާރާއި ދެކޮޅު މުޒާހަރާއިން އިމްރާން ޚާން ހައްޔަރުކޮށްފި
އިންތިޚާބީ ލިސްޓުތައް މުރާޖަޢާ ކުރުމުގައި އޮޅުވައިލުންތައް ހިންގާ ކަމަށް ބުނެ ސީޖޭޕީ (ކޮކްރޯޗް ޖަނަތާ ޕާޓީ) އިން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މުމްބާއީގެ އޮގަސްޓް ކްރާންތީ މައިދާނުގައި ބައިވެރިވި ބޮލީވުޑް ތަރި އިމްރާން ޚާނާއި އޭނާގެ ލޯބިވެރިޔާ ލެކާ ވޮޝިންގްޓަން އަދި ސުޕާސްޓާ އާމިރް ޚާންގެ ބައްޕައެއްގެ ގޮތުގައި ބަލާ މީހެއްގެ ދަރިެއް ކަމަށްވާ ޒައިން މެރީ ޚާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބަންދުގެ ވެހިކަލަށް މި ފަންނާނުން ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޢާންމުވެފައިވެއެވެ. އިމްރާން ޚާން ހައްޔަރުކުރި ކަން އޭނާ އަމިއްލައަށް ކަށަވަރުކޮށްދީފައިވަނީ ފުލުހުންގެ ވެހިކަލް ތެރެއިން ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި ޙިއްޞާ ކުރަމުންނެވެ.
އެ ޕޯސްޓުގައި އޭނާ ލިޔެފައިވަނީ "ފެންނަ ގޮތުން ދުއްވާލަން ދަނީ" ކަމަށެވެ.
ޖާނޭ ތޫ... ޔާ ޖާނޭ ނާ ފިލްމުން މަޝްހޫރުވި އިމްރާން ޚާން ހައްޔަރުކުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ "އަހަންނަކީ ޖަމާޢަތެއްގެ ބައިވެރިއެއް ނޫން. ރައްޔިތެއްގެ ޙައިޘިއްޔަތުން، މި ސިޓީގައި ދިރިއުޅޭ މީހެއްގެ ޙައިޘިއްޔަތުން މިތާ ހުރީ. ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ އަޑު ކަނޑުވައިލަނީ ކީއްވެތޯ ބެލުމަށް މިތާ ހުރީ" ކަމަށެވެ. ފުލުހުން އޭނާ ގެންދާ ވަގުތު "ކީއް ތި ކުރަނީ؟ އަހަރެން ކީއް ކޮށްގެން ގެންދަނީ؟" ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
ޒައިން މެރީ ޚާން ވެސް މުޒާހަރާގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުކޮށް، ފުލުހުން ވެހިކަލަށް އެރުމަށް އެންގި ވަގުތު "ކޮން ކަމެއްގެ ސަބަބުން ގެންދަނީ؟ އަމުރެއް ދައްކަންވީ ނޫންތޯ؟" ކަމަށް ސުވާލުކުރި މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި ހާދިސާތައް ހިނގާފައި މިވަނީ ހުއްދަ ނެތް އެއްވުންތައް ހުއްޓުވުމުގެ ނަމުގައި މުމްބާއީގެ އެކި ސަރަޙައްދުތަކުން ގިނަ ޢަދަދެއްގެ މުޒާހަރާ ބައިވެރިން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހަމައެ ދުވަހު ކުރިން އެ ތަނުން ގާތްގަނޑަކަށް 200 މީހުން ވެސް ގެންގޮސްފައިވެއެވެ. ޕްރަކާޝް ރާޖް، އަނޫރާގް ކަޝްޔަޕް، އާލާޔާ އެފް އަދި ސާޔާނީ ގުޕްތާ ފަދަ ފަންނާނުން ވެސް މުޒާހަރާ ބައިވެރިން ހައްޔަރުކުރާ މައްސަލައާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބަސް ބުނެ، މުޒާހަރާ ކުރުމުގެ ޙައްޤަކީ ޑިމޮކްރެސީގެ އަސާސީ ޙައްޤެއް ކަމަށް ހަނދާން ކޮށްދީފައިވެއެވެ. މި ހައްޔަރުކުރެވުނު ފަރާތްތަކާ ގުޅޭ އިތުރު ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.