Advertisement

އިޒްރޭލު ކުޅުންތެރިޔަކު އަޔަލެންޑުގެ އޮފިޝަލެއްގެ ގަޔަށް ކުޅު ޖެހި މައްސަލަ ތަޙުޤީޤުކުރަނީ

07 Oct 2026 | 09:40
އިޒްރޭލާއި އަޔަލެންޑު މެޗުގައި ހިނގި ހަމަނުޖެހުމެއް --

ނޭޝަންސް ލީގުގައި އިޒްރޭލާއި އަޔަލެންޑު ބައްދަލުކުރި މެޗުގެ ހާފް ޓައިމުގައި އިޒްރޭލު ކުޅުންތެރިޔަކު އަޔަލެންޑުގެ ކޯޗިން ސްޓާފެއްގެ ގަޔަށް ކުޅު ޖެހި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޔޫއެފާއިން ތަޙުޤީޤުކުރަން ފަށައިފިއެވެ.

އަޔަލެންޑުގެ ހެޑް އޮފް އެތުލެޓިކް ޕާފޯމެންސް ޑެމިއެން ޑޯއިލް ތުހުމަތުކޮށްފައިވާ ގޮތުގައި، ސާބިއާގެ ބެކާ ޓޮޕޮލާގައި ހުންނަ ޓީއެސްސީ އެރީނާގައި މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމި ދެ ޓީމު ދަނޑުން ފައިބަނިކޮށް އިޒްރޭލުގެ ކުޅުންތެރިޔަކު އޭނާގެ ގަޔަށް ކުޅު ޖެހިއެވެ.

Advertisement

ޔޫއެފާއިން އިއްޔެ ބުނީ ރަސްމީ ރިޕޯޓުތައް ބެލުމަށްފަހު، ހާފް ޓައިމުގައި ޓަނެލް ސަރަޙައްދުގައި ހިނގި ކަމަށް ބެލެވޭ ހާދިސާ ތަޙުޤީޤުކުރުމަށް އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރެއް ޢައްޔަންކޮށްފައިވާ ކަމަށެވެ. މެޗުގެ ތެރޭގައި ކުޅުންތެރިން ހިންގި ކަމަށް ބެލެވޭ ނޭދެވޭ ޢަމަލުތައް ތަޙުޤީޤުކުރާނެ ކަމަށް އެ ޖަމާޢަތުން ހާމަކޮށްފައިވެއެވެ.

މި މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަޔަލެންޑުގެ ހެޑް ކޯޗު ހެއިމިރް ހެލްގްރިމްސަން ބުނީ މެޗު ފެށީއްސުރެ އިޒްރޭލުގެ ކުޅުންތެރީން އޭނާގެ ޓީމަށް ބިރު ދެއްކުމަށް މަސައްކަތްކުރި ކަމަށެވެ.

1-1 އިން އެއްވަރުވި މި މެޗުގައި ފުރަތަމަ ހާފުގައި ޕެނެލްޓީ ޖަހައިގެން ޓްރޯއި ޕެރޮޓް އަޔަލެންޑަށް ލީޑު ނަގައިދިން ނަމަވެސް، ދެވަނަ ހާފް ފެށިތާ ކުޑައިރުކޮޅެއް ތެރޭ އިޒްރޭލުގެ ކެޕްޓަން ޑޯ ޕެރެޓްޒް ނަތީޖާ ހަމަހަމަކުރިއެވެ. މި މެޗަކީ އަޔަލެންޑުގެ ހޯމް ފިކްސްޗާއެއް ނަމަވެސް، ފުޓުބޯލް އެސޯސިއޭޝަން އޮފް އަޔަލެންޑުން (އެފްއޭއައި) "އޮޕަރޭޝަނަލް ޗެލެންޖެސް" ކަމަށް ބުނެ ސާބިއާގެ ނިއުޓްރަލް ވެނިއުއަކަށް މެޗު ބަދަލުކޮށް، ސަޕޯޓަރުން ނުވައްދައި ކުޅުނު މެޗެކެވެ.

ސެޕްޓެމްބަރު 27 ވަނަ ދުވަހު ހަންގޭރީގެ ޑެބްރެޗެންގައި ކުޅުނު ފުރަތަމަ ބައްދަލުވުމުގައި އަޔަލެންޑުން ވަނީ 3-0 ގެ ނަތީޖާއަކުން އިޒްރޭލު ބަލިކޮށްފައެވެ. ދެ މެޗުގައި ވެސް އަޔަލެންޑުގެ ކުޅުންތެރީން ކަޅު ބޭންޑު އަޅައި، އިޒްރޭލުގެ ޤައުމީ ސަލާމް ކިޔާ ވަގުތު ބޯ ތިރިކޮށް، މެޗުގެ ކުރީން ސަލާމް ކުރުމަށް ދެކޮޅު ހަދައި އިޒްރޭލުގެ އަމަލުތަކާއި ސީދާ ދެކޮޅުކަން ހާމަކޮށްދީފައިވެ އެވެ.

Advertisement

ކޮމެންޓް