Advertisement

ހަރަދު ކުރާނެ ގޮތެއް އިރާނުން ނުނިންމާތީ އެއް ބިލިއަން ޑޮލަރު ދިނުން ރަޝިއާއިން ލަސްކޮށްފި

07 Oct 2026 | 09:14
އިރާނަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ރަޝިއާއިން ވަނީ ނިންމާފައި --

ރަޝިއާއިން އީރާނަށް ދޭން ހަމަޖައްސާފައިވާ އެއް ބިލިއަން ޑޮލަރުގެ ލޯނު ފައިސާ ޖަމާކުރުމުގެ އިންތިޒާމުތައް ނިމިފައި ވީ ނަމަވެސް، ޖަމާ ކުރުން ލަސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީރާނުގެ ނޫސް އެޖެންސީ ފާރސް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކަން ލަސްވީ އެ ފައިސާ ޚަރަދުކުރާނެ ގޮތާ މެދު އީރާނު ސަރުކާރުގެ އެކި އިދާރާތަކުގެ ދެމެދުގައި ޚިޔާލު ތަފާތުވެފައިވާތީ އެވެ. ފާރސް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތެހެރާނުން ބޭންކް އެކައުންޓުގެ ތަފުސީލު ފޯރުކޮށްދިނުމާ އެކު ފައިސާ ފޮނުވުމަށް ރަޝިއާ އޮތީ ތައްޔާރަށެވެ.

Advertisement

ނަމަވެސް އީރާނުގެ ޕްލޭނިން އެންޑް ބަޖެޓް އޯގަނައިޒޭޝަނުން ބޭނުންވަނީ ވެހިކަލް އެތެރެކުރުމަށް އެ ފައިސާ ހޭދަކުރުމަށެވެ. އެއާ ޚިލާފަށް ތެޔޮ މިނިސްޓްރީން ބޭނުންވަނީ ތެލުގެ ސިނާޢަތަށް ބޭނުންވާ ސާމާނު ގަތުމަށް ކަމަށާއި، ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން އެ ފައިސާ ޒަރޫރީ މުދާ އެތެރެކުރުމަށް ޚާއްޞަކުރުމަށް އެދިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. މި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ފައިސާ ޖަމާކުރާނެ އެކައުންޓުގެ މަޢުލޫމާތު ރަޝިއާއަށް ހުށަހެޅުން ލަސްވަނީ ކަމަށް ވެ އެވެ.

މި ލޯނުގެ ވާހަކަ ފުރަތަމަ ތިލަވީ މިދިޔަ ޖޫންގައެވެ. ފާރސް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ރަޝިއާއިން އީރާނަށް ދިނުމަށް ރާވާފައިވާ 20 ބިލިއަން ޑޮލަރުގެ ބޮޑު ލޯނުގެ ފުރަތަމަ ބައެވެ.

އީރާނު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި ލޯނު ދެނީ ރޫބަލް ފައިސާއިން، އަހަރެއްގެ މައްޗަށް ހަ އިންސައްތައިގެ އިންޓެރެސްޓް ރޭޓެއްގައެވެ. ހަމައެހެންމެ ރަޝިއާއާ އެކު ބޭންކިން ނިޒާމުގެ ގުޅުން ވަރުގަދަ ކުރުމަށް ރޫބަލް ޓްރޭޑިން ބޯޑެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް އީރާނުން ވަނީ ޖޫން މަހު އިޢުލާނުކޮށްފައެވެ.

މި ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދީ ގުޅުން ބަދަހިކުރުމުގެ ގޮތުން، ދެ ފަރާތުގެ ޤައުމީ ފައިސާ ވިޔަފާރީގައި ބޭނުންކުރުން ފުޅާކޮށް، ހުޅަނގުގެ މާލީ ނިޒާމުތަކަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް ދެ ޤައުމުން ދަނީ ކުރަމުންނެވެ.

މި ކަންކަން ކުރިއަށް ދާ އިރު، އީރާނު އޮތީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ތަށީވެފައި އެވެ. އެ ފިޔަވަޅުތައް އަމާޒުވެފައި ވަނީ ތެޔޮ ބޭރުކުރުމާއި ބޭންކިން ދާއިރާ އާއި ބައިނަލްއަޤުވާމީ މާލީ ނިޒާމަށް ވާސިލުވުމަށެވެ. މިފަހުން ވޮޝިންޓަނުން ވަނީ އީރާނުގެ މާލީ މުޢާމަލާތްތައް ފެސިލިޓޭޓް ކުރާ ކަމަށް ބުނެ ބޭރުގެ ކުންފުނިތަކަށް ވެސް ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. ސެޕްޓެމްބަރުގައި އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމެންޓުން ވަނީ ރަޝިއާގެ ވީޓީބީ ބޭންކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

Advertisement

ކޮމެންޓް