ޔޫއޭއީގެ ސަރުކާރު ސްކޫލްތަކުގައި މެންދުރު ނަމާދަށް ހާއްސަ ވަގުތު ދިނުން މަޖުބޫރުކޮށްފި
ޔޫއޭއީގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ދުވަހުގެ ތާވަލުގައި ޖަމާޢަތުގައި މެންދުރު ނަމާދުކުރުމަށް ޚާއްޞަ ވަގުތުކޮޅެއް ހިމެނުން އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް ލާޒިމުކޮށްފިއެވެ.
މި ސިޔާސަތުގެ ދަށުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:15 އިން 1:45 އަށް 30 މިނެޓުގެ ބްރޭކެއް ނަމާދަށް ޚާއްޞަކޮށް ކަނޑައަޅައިފައިވެއެވެ. މި ވަގުތުކޮޅުގައި ނަމާދު ކުރާނެ ޖާގަ ތައްޔާރުކުރުމާއި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން ފަދަ ކަންކަން ދަރިވަރުން އަމިއްލައަށް ކުރުމަށް ހިތްވަރު ދިނުމަށް ސްކޫލްތަކަށް އަންގާފައިވެ އެވެ.
ސްކޫލްތަކުގައި ފިރިހެން ކުދީންނާއި އަންހެން ކުދީންނަށް ވަކިން ނަމާދުކުރެވޭނެ ޖާގަ ހަމަޖައްސައިދޭ ގޮތަށް މި ސިޔާސަތު ބައްޓަންކޮށްފައިވެއެވެ. މުސްލިމު ދަރިވަރުންގެ އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަކުރުމާއި އަޚްލާޤީ ތަރުބިއްޔަތާއި ސަގާފީ އަގުތައް ދެމެހެއްޓުމަށް މި ސިޔާސަތު އަމާޒުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ވަނީ މުސްލިމު ނޫން ދަރިވަރުންނަށް އެ ވަގުތުކޮޅުގައި ބެލެހެއްޓުމުގެ ދަށުން ބަދަލު ހަރަކާތްތައް ހަމަޖައްސައިދިނުމަށް އަންގާފައި އެވެ.
މި ނިންމުމާ އެކު ޔޫއޭއީގެ ސަރުކާރު ސްކޫލްތަކުގެ ދުވަހުގެ ތާވަލު ބައްޓަންކުރާ ގޮތަށް ބަދަލު ވަނި އައިސްފައިވެއެވެ.