އަބުޗާ ދޫކޮށްލި މައްސަލައިގަ ޕެރޯލް ބޯޑު އުވާލައި މެމްބަރުންގެ ނަން ހާމަކުރަން މިނިސްޓަރު ދެކޮޅު ހައްދަވައިފި
އައްޑުއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޤާނޫނާ ޚިލާފަށް ޕެރޯލް ދީ ޖަލުން ނެރުނު މައްސަލައާ ގުޅިގެން ޕެރޯލް ބޯޑުގެ ނުވަ މެންބަރުން މަޤާމުން ވަކިކޮށްފިއެވެ.
ހޯމް މިނިސްޓަރު ޢަލީ އިޙުސާން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އަބުޗާއަށް ދީފައި އޮތް ޕެރޯލް ބާޠިލުކޮށް އޭނާ އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކި މުއައްސަސާތައް ތަމްސީލުކުރާ ނުވަ ބޭފުޅުން ހިމެނޭ އެ ބޯޑުގެ ހުރިހާ މެންބަރުން ވެސް މިހާރު ވަކިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި އަބުޗާގެ މައްޗަށް ކޮށްފައިވާ ތިން ހުކުމުގެ ޖުމުލަ މުއްދަތަކީ 12 އަހަރާއި ހަ މަހެވެ. އެހެންކަމުން ޕެރޯލަށް ހުށަހެޅެން ޖެހެނީ ހަ އަހަރާއި ތިން މަސް ތަންފީޒުވުމުންނެވެ. ނަމަވެސް މި މުއްދަތު ގުނުމުގައި ބޯޑުން ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ހުކުމް އިއްވި އިރު ޝަރީޢަތް ހިނގަމުން ދިޔަ ދުވަސްވަރު ބަންދުގައި ހޭދަވި ގާތްގަނޑަކަށް ހަތަރު އަހަރު ޖަލު ހުކުމުން އުނިކުރިއެވެ. ޕެރޯލް ބޯޑުން ޕެރޯލުގެ މުއްދަތު ހިސާބު ކުރީ އެ ބައި އުނިކޮށް ބާކީ އޮތް އަށް އަހަރަށް ރިޢާޔަތްކޮށެވެ. މުޅި މައްސަލައިގައި ޖަލުގައި ހޭދަވީ ފަސް އަހަރާއި 11 މަސް ދުވަހެވެ.
މިނިސްޓަރު އިޙުސާން ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް ޕެރޯލް ދިނުމަކީ ސަރުކާރުގެ ސިޔާސަތާ ވެސް ފުށުއަރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ބޯޑު މެންބަރުން ނިންމީ ގޯސް ނިޔަތެއްގައި ގަސްދުގައި ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި އެ ބޭފުޅުން ވަކިކުރީ ކުށްވެރިވެގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޕެރޯލް ބޯޑުގައި ހިމެނޭ މެމްބަރުންނާއި މެމްބަރުންގެ ނަންތައް ހާމަކުރެއްވުމަށް ދެކޮޅު ހައްދަވާފައި އެވެ. ޕެރޯލް ބޯޑޫ އެކުލެވިގެންވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އެއީ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ އިސް މުވައްޒަފެއް؛
މިނިސްޓްރީ އޮފް ހެލްތުގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ އިސް މުވައްޒަފެއް؛
އެޓަރނީ ޖެނަރަލްގެ އޮފީހުގައި ވަޒީފާ އަދާކުރާ ޤާނޫނީ ވަކީލެއް؛
މި ޤާނޫނުގެ މަޤްޞަދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅުންހުރި ދާއިރާގެ ތެރޭގައި ޙަރަކާތްތެރިވަމުންދާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކަނޑައަޅާ މެންބަރެއް؛
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރެއް؛
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ދީނީ ޢިލްމުވެރިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ޢިލްމުވެރިއެއް؛
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް އޮފިސަރެއް؛
މެޑިކަލް ޑޮކްޓަރެއް؛
ނަފްސާނީ ފަރުވާދޭ މީހެއް.
މި މަހުގެ އެއްވަނަ ދުވަހު އަބުޗާ މިނިވަންކުރި ޚަބަރު މީޑިއާއިން ރިޕޯޓުކުރުމާ އެކު ޢާންމުންގެ ވަރުގަދަ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. އެ ވާހަކަ އެންމެ ފުރަތަމަ ފެތުރުނީ ސޯޝަލް މީޑިއާގައި އެވެ.
އޭނާގެ މައްޗަށް ދެ ދައުވާއެއްގައި 25 އަހަރުގެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ކުށުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ.