109 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ ޝިފާއު ބޭސްފަރުވާއަށް ގޭބަންދަށް ބަދަލުކޮށްފި
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައި 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށް ލާފައި ހުރި ހުސައިން ޝިފާއު ބޭސްފަރުވާގެ ބޭނުމަށް ގޭބަންދަށް ބަދަލުކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވީ ޖަލުތަކާ ބެހޭ ޤާނޫނުގައި ވަގުތީ ގޮތުން މީހަކު ގެއަށް ބަދަލުކުރެވިދާނެ ޙާލަތްތަކެއް އޮންނާނެ ކަމަށެވެ. އެގޮތުން ޖަލުގައި އޮވެގެން ބޭސްފަރުވާ ނުކުރެވޭ ފަދަ ޙާލަތްތަކާއި ޑޮކްޓަރެއް ވަކި ތަނަކަށް ގެންގޮސްގެން ފަރުވާ ދިނުމަށް ލަފާ ދޭ ނަމަ އެ ގޮތަށް ޢަމަލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ތި ދެންނެވި ފަރާތް [ޝިފާއު] މެޑިކަލް އިޝޫއެއްގައި ފުރަތަމަ އެއް މަސްދުވަހަށް ދެން އެއަށްފަހު މެޑިކަލް ކޮންޑިޝަން ރިކަވާ ނުކުރެވޭ ކަމަށްވާ ނަމަ އިތުރު ދެ މަސްދުވަސް ދޭ ގޮތަށް އެއް މަސް ދުވަހަށް މިހާރު ގެއަށް ބަދަލުކޮށްފައި ވަނީ،" އިޙުސާން ވިދާޅުވިއެވެ.
ޝިފާއު ގޭބަންދަށް ބަދަލުކުރުމަށް ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލާނެ ކަމަށާއި އެ ޝަރުތުތަކާ ޚިލާފުވެއްޖެ ނަމަ ވަގުތުން ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝިފާއުގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ. އެ ދައުވާތައް ސާބިތުވެ 109 އަހަރަށް ޖަލަށް ލައި ހަތް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިއީ ރާއްޖޭގައި އެކެއްގެ މައްޗަށް މިހާތަނަށް އިއްވި ދެ ވަނައަށް އެންމެ ދިގު ޖަލު ޙުކުމެވެ.
ޝިފާއުއަށް ލުއި އަދަބެއް ދިނުމަށް ދައުލަތުން އޭނާއާ އެކު އިޢުތިރާފުގެ އެއްބަސްވުމެއް ކުރިން ހެދި ނަމަވެސް، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ ކްރިމިނަލް ކޯޓުން އެ އެއްބަސްވުން ބަލައިނުގަތެވެ. މީގެ ކުރިން މި ސަރުކާރުގެ ސިޔާސީ މަޤާމަކަށް ވެސް ޝިފާއު އައްޔަންކުރި ނަމަވެސް އެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އޭނާ މަޤާމުން ވަކިކުރިއެވެ. އަދި 2023 ވަނަ އަހަރު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލުމުން ޝިފާއު ރާއްޖެ އިން ބޭރަށް ދިޔައެވެ. އެހެންވެ އިންޓަޕޮލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ރާއްޖެ އައުމުން އަލުން ހައްޔަރުކުރީއެވެ.