އަބުޗާ އަލުން އަނބުރާ ޖަލަށް ގެންގޮސްފި
ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލް ބޯޑުގެ ނިންމުމެއްގެ ދަށުން ދޫކޮށްލި އަބްދުﷲ އިބްރާހިމް (އަބުޗާ) ގެ ޕެރޯލް ނިންމުން ބާތިލްކޮށް މިއަދު އޭނާ އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
ދުވަހަށް އެނގިފައިވާ ގޮތުގައި ޕެރޯލް ބޯޑުން އަބުޗާ މިނިވަންކުރީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ވާތީ އެ ނިންމުން ބާތިލްކުރީއެވެ. ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލާ ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކޮން ޝަރުތުތަކެއް ފުރިހަމަވެގެން ކަމެއް ކަރެކްޝަނަލް ސާވިސް އިން ހާމައެއް ނުކުރެއެވެ.
އޮކްޓޫބަރު 2020 ގައި ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯ ޑައިމޯފިނާއި 17.97 ކިލޯ މެޓަމްފެޓަމިން ރެސިމޭޓާ އެކު އަބުޗާ ކަނޑުމަތިން ހިފެހެއްޓީ ޑިންގީއެއްގައި އެ ތަކެތި އުފުލަމުން ދަނިކޮށެވެ. ފުލުހުން ހުއްޓުވަން އުޅުމުން މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އެއްލައިލި ނަމަވެސް ފުލުހުން ކަނޑަށް ފުންމައިގެން އެ ތަކެތި ނަގައި އޭނާ ހައްޔަރުކުރީއެވެ. އެ އޮޕަރޭޝަނުގައި އިތުރު 17 މީހަކު ވެސް ހައްޔަރުކުރިއެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލައި އަބުޗާ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިއެވެ. ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއިރު އައީ 50 އަހަރުގެ ޖަލު ހުކުމެކެވެ. އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުގައި އެ ހުކުމް 25 އަހަރަށް ކުޑަކޮށް 12 އަހަރާއި ހަ މަހުގެ ތިން ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. ކުށުގެ ތުހުމަތުގައި 2020 ގައި ބަންދުކުރީއްސުރެ ޖަލުގައި ހޭދަކުރާތާ ހަ އަހަރު ވެފައިވެއެވެ.
ޕެރޯލްގެ ގާނޫނުގައި ބަޔާންކުރާ ގޮތުން މަސްތުވާތަކެތީގެ ވަކި ތިން ބާވަތެއްގެ ކުށުގައި ޕެރޯލަށް ހައްގުވާނީ އެންމެ ދިގު ހުކުމުގެ ދެ ބައިކުޅަ އެއް ބައި ތަންފީޒުކުރުމުންނެވެ. އެއީ ހަތަރު ގްރާމަށް ވުރެ މަތީ އަދަދެއްގެ ޑައިމޯފިން 14 ގްރާމަށް ވުރެ މަތީ އަދަދެއްގެ ކެނެބިސް ނުވަތަ ކެނެބިސް ރެސިން އަދި އެއް ގްރާމަށް ވުރެ މަތީ އަދަދެއްގެ އެހެން ބާވަތެއްގެ މަސްތުވާއެއްޗެއް ހިމެނޭ ކުށެވެ. އޭގެ އިތުރުން މިހާރު މަސްތުވާތަކެތީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުން އެ ބަދަލަށް ފަހު ކުށް ސާބިތުވާ ޓްރެފިކިން މައްސަލަތަކުގައި ޕެރޯލްގެ ފުރުސަތެއް ނޯންނާނެއެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބުޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކެއްގެ އެންމެ އިސް ފަރާތެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކަނި ވެސް އޭނާ އަށް ފަހަރަކު ހައްޔަރުކޮށްފައި ވާއިރު ޖަމާއަތް ހަދައިގެން ރޭޕް ކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކުރި ރެކޯޑު އެބައޮތެވެ. 2019 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފަހަރު ވެސް ކޯޓް މަރުހަލާއިން އޭނާ ދޫވިއެވެ.