އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ފިއުޗާ ރެޑީ ސީރީޒް (އެފްއާރުއެސް) ގެ ދެވަނަ ސެޝަން މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންގައި ގްރޭޑް ހަތެއް އަދި ގްރޭޑް އަށެއްގެ ދަރިވަރުންނާއި އެ ކުދީންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ. ކިޔެވުމުގެ ދާއިރާތައް ޚިޔާރުކުރާނެ ގޮތާއި ވަޒީފާގެ ފުރުޞަތުތަކާއި މަތީ ތަޢުލީމުގެ މަގުތައް ދެނެގަތުމަށް ދަރިވަރުންނަށް މި ޕްރޮގްރާމުން ފުރުޞަތު ހޯދައިދެއެވެ.
އެ ދަރިވަރުންގެ ޝައުޤުވެރިކަމާއި ހުނަރުތައް ދެނެގަނެ ތަޢުލީމީ މުސްތަޤުބަލާ ގުޅޭ ރަނގަޅު ނިންމުންތައް ނެގުމަށް ދަރިވަރުންނާއި ޢާއިލާތަކަށް އެހީތެރިވުމަކީ މި ސީރީޒްގެ މައިގަނޑު މަޤުޞަދެވެ.
ތަޢުލީމީ ދަތުރުގެ މުހިންމު މަރުޙަލާއެއްގައި ތިބި ދަރިވަރުންނާ ހަމައަށް ވާޞިލުވެ ތަޢުލީމަކީ ޢިލްމާއި ހުނަރާއި ޒާތީ ކުރިއެރުމާ ގުޅިފައިވާ ދެމެހެއްޓެނިވި މަގެއްގެ ގޮތުގައި ދެކުމަށް ހިތްވަރު ދިނުމުގެ ވިސްނުމުގައި މި ސީރީޒް ފަރުމާކޮށްފައިވެއެވެ. ހަމައެހެންމެ އެމްއެންޔޫގެ އަތޮޅު ކެމްޕަސްތައް މެދުވެރިކޮށް ވެސް އެފްއާރުއެސް ސެޝަންތައް ހިންގައެވެ.
ބައިވެރިވާ ސްކޫލްތަކުން ފާހަގަކުރާ ދާއިރާތަކަށް ޚާއްޞަކޮށް ޕްރޮގްރާމްތައް ރާވައި ޔުނިވަރސިޓީ މާޙައުލާ ދަރިވަރުން ގުޅުވައިދީ ރާއްޖޭގެ ރަށްރަށުގެ މުޖުތަމަޢުތަކާ ގާތުން މަތީ ތަޢުލީމުގެ މަޢުލޫމާތު ފޯރުކޮށްދެއެވެ.
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަންގެ ތެރެއިން -- ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫ އިން ބުނީ މި މަސައްކަތުގެ ސަބަބުން އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ބާރު ލިބޭ ކަމަށެވެ. އެގޮތުން ތަޢުލީމީ ހުރަސްތައް ނައްތައިލައި އިޤުތިޞާދީ ފުރުޞަތު ފުޅާކުރުމާއި ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރުކުރުމާއި ވަޒީފާގެ ފުރުޞަތުތަކާ ތަޢުލީމު ގުޅުވައިދިނުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ލަފައާއި އިރުޝާދު ފޯރުކޮށްދީ ފަރަގު ކުޑަކުރުން ހިމެނެއެވެ.
ސްކޫލްތަކާއި ޢާއިލާތަކާއި މަތީ ތަޢުލީމުގެ މުއައްސަސާތައް ގުޅިގެން ހިންގާ މި ސީރީޒް މެދުވެރިކޮށް ދިވެހި ޒުވާނުންނަށް އެ ކުދީންގެ ޤާބިލުކަން ހޯދައި ދެނެގަތުމުގެ މަގު ފަހިކޮށްދިނުމަށް އެމްއެންޔޫ އިން ދަނީ މަސައްކަތް ކުރަމުންނެވެ.