މެލޭޝިއާގައި ނިޔާވި ދިވެހި ދަރިވަރު އެކްސިޑެންޓުވި ކާރު ދުއްވި ޑްރައިވަރު ޑްރަގަށް ޕޮސިޓިވް!
މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ރޭ ނިޔާވި ދިވެހި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮސިޓިވް ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
މެލޭޝިއާގައި ނުރައްކާތެރި އެ އެކްސިޑެންޓު ހިނގީ ދެ ކާރު ޖެހިގެންނެވެ. މި ހާދިސާގައި ނިޔާވީ ސ.ހިތަދޫ ، މާރިޝް، އާމިނަތު އިމީލީ ނާޒިމެވެ.
މި އެކްސިޑެންޓާއި ގުޅިގެން މެލޭޝިއާ ފުލުހުން ވަނީ އެ ކާރު ދުއްވި ޑްރައިވަރު ހައްޔަރު ކޮށްފައި އެވެ. އެއީ 37 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން އޭނާ ކޯޓަށް ހާޒިރުކޮށް ދިން ބަޔާނުގައި ބުނެފައިވަނީ އެމީހާ ހައްޔަރުކޮށް މަސްތުވާތަކެއްޗަށް ޓެސްޓު ކުރި އިރު މެތަމްފެޓަމިންއަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެހެންވެ ކޯޓުން ވަނީ ހަތަރު ދުވަސް ބަންދަށް ޖަހާފައި އެވެ.
މި އެކްސިޑެންޓު ހިނގި އިރު ކާރުގައި އިތުރު ދިވެހި ދަރިވަރަކު އިން ނަމަވެސް އޭނާއަށް ވަނީ މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެފައި އެވެ. އެކްސިޑެންޓުވުމުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އިމީލީ ވަނީ ނިޔާވެފައި އެވެ.