Advertisement

ފަތުރުވެރިކަމުގެ ދާއިރާގެ ގޮންޖެހުންތައް ހައްލުކުރުމަށް ހަތަރު ވަޒީރަކު ސިނާއަތުގެ އިސްވެރީންނާ ބައްދަލުކުރައްވައިފި

05 Oct 2026 | 21:52
-

ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރުގެ ހަތަރު ވަޒީރަކާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެ ސިނާއަތުގެ އިސް ފަރާތްތަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރާއި އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަލްއުސްތާޒް އަހުމަދު އުޝާމެވެ. އެ ބޭފުޅުންގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި 2027 ވަނަ އަހަރަށް ކަނޑައެޅިފައި އޮތް ލަނޑުދަނޑިތައް ހާސިލުކުރެވޭނެ މަގުތަކާ މެދު ވާހަކަ ދެކެވުނު ކަމަށެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ބައްދަލުވުމުގައި ވަކި އަމާޒުތަކަކަށް އެއްބަސްވެވުނު ކަމަށާއި ސިނާއަތާ އެކުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

މި ބައްދަލުވުން ބޭއްވިފައި މި ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ފަހުން ގެނެވުނު އިސްލާހު މުރާޖައާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ރައީސް އެ ނިންމެވުން ނިންމެވި ނަމަވެސް ގާނޫނަށް ގެންނާނެ ބަދަލުތައް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަންނަ އަހަރު "ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު"ގެ ގޮތުގައި ފާހަގަކުރައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވައިފައެވެ. އެ ކެމްޕެއިން މިހާރު ރަސްމީކޮށް ފެށިފައިވާ އިރު ރާއްޖޭގެ ހުރިހާ ފަރާތެއް ޝާމިލުވެގެން ރާއްޖެ ޕްރޮމޯޓް ކުރުމަށް ހިންގާ ކެމްޕެއިނެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Advertisement

ކޮމެންޓް