އުރީދޫގެ "ކަސްޓަމާ ހަފުތާ": ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވީ ސީއީއޯ
އުރީދޫ މޯލްޑިވްސްއިން ފާހަގަކުރާ ކަސްޓަމާ ޚިދުމަތުގެ ހަފުތާގެ ތެރެއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާ ސީދާ މުޢާމަލާތްކުރައްވައި ސުވާލުތަކަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޝާދީ ގަވާސްމީ ޖަވާބު ދެއްވައިފި އެވެ.
އިއްޔެ ހެނދުނު 11 ޖެހިއިރު ފެށި މި ސެޝަން 30 މިނެޓަށް ކުރިއަށް ގެންދެވި އިރު ކަސްޓަމަރުން ސޯޝަލް މީޑިއާގައި ހުށަހެޅި އެކި ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވީ ސީދާ ސީއީއޯ ކަމަށް އުރީދޫން ބުނެފައިވެއެވެ. މި ތަޖުރިބާގެ ތެރެއިން ކުންފުނީގެ ކަސްޓަމާ ޚިދުމަތުގެ ޓީމުތަކުން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ސީއީއޯ އަމިއްލަފުޅަށް ތަޖުރިބާކުރެއްވި ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި ހަރަކާތަކީ ކަސްޓަމާ ޚިދުމަތުގެ ހަފުތާއަށް ރާވާފައިވާ ގިނަ ހަރަކާތްތަކުގެ ބައެކެވެ. މި ހަފުތާގައި އެ ކުންފުނީގެ ލީޑަޝިޕް ޓީމުން ފްރަންޓްލައިން މުވައްޒަފުންގެ ދައުރު އަދާކޮށް ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުންނާ މުޢާމަލާތްކުރާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.
މި ކަމުގެ ބޭނުމަކީ ކަސްޓަމަރުންގެ ބޭނުންތައް ރަނގަޅަށް ދެނެގަނެ ޚިދުމަތް އިތުރަށް ހަރުދަނާކުރެވޭނެ ދާއިރާތައް ފާހަގަކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކަސްޓަމާ ޚިދުމަތުގެ ހަފުތާ އެ ކުންފުނިން ސިފަކުރަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމުތަކުގެ ހިތްވަރާއި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ފުރުޞަތެއްގެ ގޮތުގައެވެ. ފެންވަރު ރަނގަޅު ކަސްޓަމާ ކެއާއަކީ މުޅި ކުންފުނީގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށް ވެސް އެ ހަރަކާތުގެ ތެރެއިން ފާހަގަކޮށްފައިވެއެވެ.