Advertisement

އައްޑޫގެ އެންމެ ބޮޑު ޑްރަގް ޑީލަރު އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލައިފި

05 Oct 2026 | 18:58
އަބްދުﷲ އިބްރާހީމް (އަބުޗާ) --

އައްޑުއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ނެޓްވޯކެއްގެ އެންމެ އިސް ފަރާތް ކަމަށް ސާބިތުވެފައިވާ އަބްދުﷲ އިބްރާހީމް (އަބުޗާ) އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް މި މަހުގެ އެއްވަނަ ދުވަހު ޕެރޯލްގެ ދަށުން ދޫކޮށްލައިފި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މީޑިއާގައި ވިދާޅުވެފައިވަނީ ޕެރޯލް ބޯޑުން އަބުޗާއަށް އެ ފުރުސަތު ދީފައި ވަނީ ޤާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަކުރުމަށް ފަހުގައެވެ. އެހެން ނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. ޕެރޯލްގެ ޝަރުތުތަކާ ޚިލާފުވެއްޖެ ނަމަ ބާކީ ހުކުމް އަލުން ތަންފީޒުކުރަން ޖެހޭނެއެވެ.

Advertisement

އަބުޗާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފުލުހުން އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައަމޯފިނާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓާ އެކު ކަނޑުމަތިންނެވެ. ޑިންގީއެއްގައި މަސްތުވާތަކެތި ގެންދަނިކޮށް ފުލުހުން ހުއްޓުވަން މަސައްކަތްކުރި ވަގުތު އެ ތަކެތި ހުރި ގޯނިތައް ކަނޑަށް އުކައިލިއެވެ.

ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ނެގުމަށް ފަހު އޭނާ ހައްޔަރުކުރީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ޖުމްލަ 18 މީހުންގެ ތެރެއިން އެކެއްގެ ގޮތުގައެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކަށް އަބުޗާ އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން 50 އަހަރުގެ ޖަލު ހުކުމް 25 އަހަރަށް ކުޑަކޮށް މިދިޔަ އަހަރުގެ މެއި މަހު ހުކުމް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ ގޮތުގައެވެ. ހައްޔަރުކުރި ދުވަހުން ފެށިގެން ގުނާ ނަމަ ބަންދުގައި ހަ އަހަރު ހޭދަވެފައިވެއެވެ.

ޕެރޯލްގެ ޤާނޫނު ބުނާ ގޮތުން ވަކި ބާވަތެއްގެ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލަށް ލާ މީހުންނަށް ޕެރޯލަށް އެދެވޭނީ ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަސްތުވާތަކެތީގެ ޤާނޫނަށް ފަހުން ގެނެސްފައިވާ ބަދަލުތަކުގެ ދަށުން އެ ބަދަލަށް ފަހު ކުށް ސާބިތުވާ ޓްރެފިކިން މައްސަލަތަކުގައި ޕެރޯލް ނުލިބޭނެއެވެ.

އެހެންނަމަވެސް އަބުޗާގެ ހުކުމް އައީ އެ ބަދަލުގެ ކުރިންނެވެ.

އަބުޗާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކަނި ވެސް އަށް ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ އިތުރުން ޖަމާޢަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.

2019 ވަނަ އަހަރުގެ މެދުތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމުން ވެސް ކޯޓު މަރުހަލާއިން އޭނާ ދޫވެފައިވެއެވެ.

Advertisement

ކޮމެންޓް