ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައި ޓޯކޮށްފި
ފުލުހުންގެ އެންގުމަށް ނުކިޔަމަންތެރިވެ ހުޅުމާލެ ފޭސް އެކެއްގެ މަގުތަކުގައި ނުރައްކާތެރި ގޮތަކަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ފުލުހުންގެ ޕެޓްރޯލް ޓީމަކުން ހުއްޓުވައި ފިޔަވަޅު އަޅައިފިއެވެ.
ރޭ ދަންވަރު 01:20 ހާއިރު ދިއްގާމަގުން ބާރު ސްޕީޑުގައި ދެ ސައިކަލެއް ދުއްވާފައި ދަނިކޮށް ފުލުހުން މަޑުކުރުމަށް އެންގުމުން އެ ދެ ސައިކަލުގައި ތިބި މީހުން ފިލަން މަސައްކަތް ކޮށްފައިވެ އެވެ. އަދި މަޑުކުރަން އެންގުމުންއިތުރަށް ބާރަށް ދުއްވާލި ކަމަށް މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ ނިރޮޅުމަގު 10 ނަންބަރު ގޯޅިން ވަދެ އެ މަގުން ހުޅަނގަށް ގޮސް ނިރޮޅުމަގަށް ނުކުމެ އުތުރުން ދެކުނަށް ޒިގްޒެގްކޮށް ނުރައްކާތެރި ގޮތަކަށް އޯވަރޓޭކް ކުރަމުން ދަނިކޮށް ޕެޓްރޯލް ޓީމުން ވަނީ އެ ތެރެއިން އެއް ސައިކަލު ނިރޮޅުމަގު 11 ނަންބަރު ގޯޅި ސަރަހައްދުން ހުއްޓުވައިފައެވެ.
ހުއްޓުވި ސައިކަލުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށް ފަހު ވަނީ ދޫކޮށްލާފައި އެވެ. ނަމަވެސް އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވައިފައިވާތީ އެ ސައިކަލު ވަނީ ޓޯކޮށްފައެވެ.