ފްލައިދުބާއީގެ ކޯޕައިލެޓަށް ނިރުބަވެރިންގެ ތައުރީފު، ރޭވިގެން ހިންގި އަމަލެއް ކަމުގެ ޝައްކު ބޮޑުވަނީ!
ފްލައިދުބާއީގެ މަތިންދާބޯޓު ވައްޓާލަން ކޯޕައިލެޓު ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް އެ ޢަމަލަށް ތާރީފުކޮށް އެމެރިކާއާއި އިސްތިޢުމާރީ އިސްރާއީލުގެ އެއާލައިންތަކަށް އެ ފަދަ ހަމަލާތައް ދިނުމަށް ގޮވާލައި ޔަމަނުގައި ހަރަކާތްތެރިވާ އަލްޤާޢިދާގެ ގޮފި އަލްޤާޢިދާ އިން ދި އެރޭބިއަން ޕެނިންސިއުލާ (އޭކިއުއޭޕީ) އިން ލިޔުމެއް ޝާއިއުކޮށްފި އެވެ.
އެ ޖަމާޢަތުން ކޮންމެ ހަފުތާއަކު ނެރޭ "އަލް ބަޔާން" މަޖައްލާގައި ޝާއިޢުކުރި މި ލިޔުމުގައި 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ވޯލްޑް ޓްރޭޑް ސެންޓަރަށް މަތިންދާބޯޓެއް ވެއްޓޭ ފޮޓޯއާއި ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް 1073 ގެ ފޮޓޯ ހިމެނައިފައިވެއެވެ. "ސެޕްޓެމްބަރު 11 އާއި ސެޕްޓެމްބަރު 30 އާ ދެމެދު" ގެ ނަން ދީފައިވާ މި ލިޔުން ޢަރަބި ބަހުން ލިޔެފައިވެއެވެ.
އެ ލިޔުމުގެ ތަރުޖަމާކޮށް މީޑީއާ ރިޕޯޓުތައް ބުނާގޮތުގައި ހައިޖެކް ކުރުން ކާމިޔާބު ވީނަމަ ސަރަޙައްދުގެ ބާރުގެ ހަމަހަމަކަމަށް ބަދަލެއް ގެނެވުނީ ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ޣައިރު މުސްލިމުންނަށް ވެސް އެމެރިކާއާއި އިސްތިޢުމާރީ އިސްރާއީލާ ދެކޮޅަށް ހަމަލާ ދެވިދާނެ ކަމަށާއި އެ ފަދަ ޢަމަލުތަކުން މުސްލިމުންގެ މަޞްލަޙަތު ޙިމާޔަތް ކުރެވޭނެ ކަމަށް ލިޔެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އޭގައި ލިޔެފައިވާ ގޮތުގައި ހަނގުރާމަ އަދި ނުނިމޭ ކަމަށާއި ސެޕްޓެމްބަރުގެ އެ ދެ ތާރީހުން ދައްކައިދެނީ މަތިންދާ ބޯޓުތަކަށް ވައިގެ ތެރޭގައި އަދިވެސް ހަމަލާ ދެވޭނެ ކަންކަމަށެވެ. މި ލިޔުމާއި ގުޅިގެން ކޯޕައިލެޓު ގަސްދުގައި ބޯޓު ވައްޓާލަން އުޅުނު ކަމަށް ކުރާ ތުހުމަތުތައް ވަނީ އިތުރުވެފައި އެވެ. އަދި އޭނާ އެ ޖަމާއަތާއި ސީދާ ގުޅުން ނެތަސް ކޮންމެސް ގޮތަކުން މުއާމަލާތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އޮމާންއަށް ނިސްބަތްވާ ކޯޕައިލެޓު ހަމާމް އަލް ހައްމާމީ މިހާރު ވަނީ ޔޫއޭއީ ފުލުހުންގެ ބެލުމުގެ ދަށުގައި އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އަންނާނެ އެވެ.
ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް 1073 ގައި ކޯ ޕައިލެޓް ކެޕްޓަން ސްމިތް މަޗާރް އަށް ކްރޭޝް އެކްސް އަކުން ހަމަލާ ދީ ބޯޓު ވައްޓައިލުމަށް މަސައްކަތް ކުރި ނަމަވެސް އިންޑިއާ ކެޕްޓަން ކޮކްޕިޓުގެ ދޮރު ހުޅުވައި ބޯޓުގެ ފަޅުވެރިންނަށް އެ ނުރައްކާ އެންގީ ކަމަށްވެ އެވެ.
އެ ފްލައިޓުގައި ތިބި ފްލައިދުބާއީގެ އެހެން ޕައިލެޓުންތަކެއް ވަނީ ފްލައިޓުގެ ކޮންޓްރޯލް ނަގައި ރައްކާތެރިކަމާ އެކު ސަޢޫދީ ޢަރަބިއްޔާގެ ތަބޫކް ގައި ފްލައިޓު ޖައްސާފައި އެވެ.