އާލިއާގެ މަންމަ ކުއްލިއަކަށް ފިލްމީ ދާއިރާއިން ގެއްލުނު ސަބަބު ބުނެދީފި!
ބޮލީވުޑްގެ ތަޖުރިބާކާރު ބަތަލާ ސޯނީ ރަޒްދާން 1986 ވަނަ އަހަރު ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓާ ކައިވެނި ކުރުމާއި އެކު އެކްޓިންގެ ފުރުސަތުތައް ކުއްލިއަކަށް ގެއްލުނު ގޮތް ހާމަކޮށްފިއެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސޯނީ ބުނީ ކައިވެނީގެ ކުރިން ލިބިފައި ހުރި މަސައްކަތްތައް ނިމެންދެން ކުރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އެއަށްފަހު އެއްވެސް އައު ފުރުސަތެއް ނުލިބުނު ކަމަށެވެ.
މަސައްކަތް ހުއްޓުނު ސަބަބާ މެދު މަހޭޝް ބަޓާ ސުވާލު ކުރުމުން ސޮނީއަށް އެނގުނީ ކައިވެނި ކޮށްގެން ހުރި އަންހެނަކު މަސައްކަތް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިންޑަސްޓްރީގެ މީހުން ދެކޭ ކަމެވެ.
ކައިވެންޏާ އެކު ކެރިއަރު ދޫކޮށްލަން ޖެހޭ ކަމުގެ ވިސްނުމަކީ އޭނާއަށް ބީރައްޓެހި ޚިޔާލެއް ކަމަށް ސޯނީ ބުންޏެވެ. ހިންދީ ފިލްމް އިންޑަސްޓްރީގައި ގިނަ ބަތަލާއިން ކައިވެނި ލަސް ކުރީ މި ސަބަބާ ހެދި ކަމަށާއި ނަމަވެސް ލޯބީގައި ޖެހިގެން ކައިވެނި ކުރީ ކެރިއަރު ހިމާޔަތް ކުރުމަށް ވުރެ އެ ގުޅުން މުހިންމު ވީމާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފިލްމް އިންޑަސްޓްރީގައި އަންހެނުންނާ މެދު ގެންގުޅުނު ވިސްނުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޯނީ ބުނީ އެ މާހައުލަކީ ފިރިހެނުންގެ ނަޒަރިއްޔާއިން ބައްޓަން ވެފައި އޮތް އެއްކޮށް ފިރިހެނުންގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި އެވެ.
ސޯނީ ރަޒްދާނާއި މަހޭޝް ބަޓް ބައްދަލުވީ "ސާރާންޝް" ފިލްމުގެ ސެޓުންނެވެ. ދެމީހުންގެ ކައިވެނި ކުރީ ސޯނީގެ އެކްޓިން ކެރިއަރު އެންމެ ކުރިއަރާފައި އޮތް ދުވަސްވަރުއެވެ.
މި ދެމަފިރިންނަށް ދެ އަންހެން ދަރިން ލިބިފައިވެއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރުގައި ޝާހީން ބަޓް އަދި 1993 ވަނަ އަހަރުގެ މާރިޗުގައި ޢާލިޔާ ބަޓް އުފަންވެފައިވެއެވެ.
ސޯނީ މިހާރު ފެންނަނީ ނެޓްފްލިކްސްގެ އައު ސީރީޒް ޝައްކު: ޓްރަސްޓް ނޯ ވަން އިންނެވެ. ރެންސިލް ޑިސިލްވާ ޑައިރެކްޓުކޮށް އެލްކެމީ ފިލްމްސް ޕްރޮޑިއުސް ކޮށްފައިވާ މި ސައިކޮލޮޖިކަލް ޑްރާމާގައި ޕަރިނީތީ ޗޯޕްރާ ލީޑް ރޯލު ކުޅޭ އިރު ޖެނިފާ ވިންގެޓް އަނޫޕް ސޮނީ ތާހިރް ރާޖް ބާސިން ހާލީން ސެތީ ސުމީތް ވިޔާސް އަދި ދުރޫވް ޗައުދަރީ ވެސް މި ސީރީޒްގައި ހިމެނެއެވެ.